މި ގަރުނުގައި ހިފާނެ އެންމެ ދިގު އިރުކޭތަ 2027 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ހިފާނެ ކަމަށާއި މިއީ މި ގަރުނުގައި ވެސް ފެންނާނެ އެންމެ ދިގު އަދި އެންމެ ފުރިހަމަ އިރުކޭތަ ކަމަށް ފަލަކީ އިލްމުވެރިން ވިދާޅުވެއްޖެއެވެ.
މި ކޭތަ އެންމެ ފުރިހަމައަށް ހިފުމުން ގާތްގަނޑަކަށް ހަ މިނެޓާއި 22 ސިކުންތުގެ ވަގުތަށް ދުވާލުގެ އަލިކަން ފިލައި، މުޅި ސަރަހައްދަށް އަނދިރިކަން ވެރިވާނެއެވެ.
މި އިރުކޭތަ މިހާ ޚާއްސަވާ ސަބަބަކީ، ހަނދު އޭގެ "ޕެރިޖީ" ނުވަތަ ބިމާ އެންމެ ކައިރި ހިސާބަށް އައުމާ ދިމާވުމެވެ. މިކަމުގެ ސަބަބުން، އިރު މުޅިން ނިވާކޮށްލުމުގެ ކުޅަދާނަކަން ހަނދަށް ލިބި، ދުވާލުގެ ވަގުތު ވަގުތީ ރެއަކަށް ބަދަލުކޮށްލާނެއެވެ.
އިރުކޭތަ ފެންނާނެ 11 ގައުމު:
އިރުކޭތަ ފެންނަ "ޕާތް އޮފް ޓޮޓަލިޓީ" ނުވަތަ ހިޔަނި އެޅޭ މަގު ދުނިޔޭގެ 11 ގައުމެއް ހުރަސްކޮށް ދާނެއެވެ. މީގެ ތެރޭގައި ޢަރަބި ނުވަ ގައުމެއް ހިމެނެއެވެ. އެއީ:
- މޮރޮކޯ
- އަލްޖީރިއާ
- ޓިއުނީޝިއާ
- ލީބިޔާ
- މިސުރު
- ސޫދާން
- ސަޢޫދީ ޢަރަބިއްޔާ
- ޔަމަން
- ސޯމާލިއާ
މީގެ އިތުރުން، ޖިބްރޯލްޓާ އަދި ސްޕެއިންގެ ދެކުނުގެ ބައެއް ހިސާބުތަކަށް ވެސް އިރުކޭތަ ފެންނާނެއެވެ.
އިރުކޭތައިގެ ހިޔަނީގެ ފުޅާމިނުގައި ގާތްގަނޑަކަށް 258 ކިލޯމީޓަރު ހުންނާނެއެވެ. އަދި، ޖުމްލަ 2.5 މިލިއަން އަކަ ކިލޯމީޓަރުގެ ސަރަހައްދެއް މި ހިޔަނީގެ ދަށަށް ދާނެއެވެ.
ފަލަކީ ހިސާބުތައް ދައްކާގޮތުން، މި ހަރަކާތްތަކުގެ ވަގުތުތައް ހުންނާނީ (އެ ސަރަހައްދުތަކުގެ ގަޑިން) އަންނަނިވި ގޮތަށެވެ:
- ބައެއް މިންވަރަށް އިރުކޭތަ ފެންނަން ފެށުން: ހެނދުނު 7:30
- މުޅިން އިރުކޭތަ ފެންނަން ފެށުން: ހެނދުނު 8:23
- އެންމެ ބޮޑަށް އިރުކޭތަ ފެންނާނެ ވަގުތު: ހެނދުނު 10:07
- މުޅިން އިރުކޭތަވުން ނިމުން: ހެނދުނު 11:50
- އިރުކޭތަ މުޅިން ނިމުން: މެންދުރު 12:44
މި އިރުކޭތައަކީ އިރާއި، ހަނދާއި، ބިން ވަރަށް ފުރިހަމައަށް އެއް ދިމާލަކަށް އަންނަ ހާދިސާއަކަށްވުމުން، މި ގަރުނުގެ ތެރޭގައި މިހާ ދިގުކޮށް އަދި މިފަދަ ފުރިހަމަކަމަކާ އެކު ދެން ތަކުރާރުނުވާނެ ހާދިސާއެއް ކަމަށް ސިފަކުރެވިފައިވެއެވެ.
ޔޫރަޕް، އެފްރިކާ، އަދި އޭޝިއާގެ ބައެއް ހިސާބުތަކަށް ބައެއް މިންވަރަށް އިރުކޭތަ ފެނުނަސް، އުތުރު އެމެރިކާގެ ގިނަ ހިސާބުތަކަށާއި، އޭޝިއާގެ ބޮޑު ބަޔަކަށާއި، އަދި މުޅި އޮސްޓްރޭލިއާއަށް މި މަންޒަރު ފެނުމުގެ ނަސީބެއް ނުލިބޭނެއެވެ.
މި އަހަރު ސެޕްޓެންބަރު 21 ގައި ބައެއް މިންވަރަށް އިރުކޭތައެއް ހިފާނެ ކަމަށް ބެލެވުނަސް، ފަލަކީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ 2027 ގެ އިރުކޭތައިގެ ފުރިހަމަކަމާ އަޅާކިޔޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން، 2027 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އިރުކޭތައަކީ ފަލަކީ އިލްމުވެރިންނަށާއި، ދިރާސާކުރާ ފަރާތްތަކަށާއި، އަދި ކައުނުގެ މިފަދަ އާދަޔާ ހިލާފު ހަރަކާތްތަކަށް ޝައުގުވެރިވާ އެންމެންވެސް ދޫކޮށްލައިގެން ނުވާނެ ވަގުތުކޮޅެއް ކަމަށް ބެލެވެއެވެ.