ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް ސީބީއެލް އާއި މާލެ ސްޕޯޓްސް

ޕްރެޒިޑެންޓްސް ކަޕްގެ މެޗެއްގެ ތެރެއިން-- ފޮޓޯ: ސީބީއެމް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ސީބީ އެލް ސްޕޯޓްސް ކުލަބާއި މާލެ ސްޕޯޓްސް ކުލަބު ދަތުރުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކްރިކެޓް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލަށް ސީބީއެލް ދަތުރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިލާން ކްރިކެޓް އެކަޑަމީ 60 ލަނޑުން ބަލިކޮށްގެންނެވެ.

މެޗުގައި ގުރުދިމާވުމުން ސީބީއެލް ގަސްދުކުރީ ކުޅުމަށެވެ. ސީބީއެލް ކުޅެންއަރާ 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 120 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 33 ލަނޑު ހެދި ކަނިސްކާ ޕެރޭރާއެވެ.

ދެ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މެޗުގައި ޖަވާބުގައި މިލާން ކުޅެންއަރާ 17 ވަނަ އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 60 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 19 ލަނޑު ހެދި ތުސާރެއެވެ.

މުބާރާތުގެ ދެވަނަ ސެމީ މާލެ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ ނިއު ސްޓަރއާ ވާދަކޮށް 61 ލަނޑުންނެވެ. މި މެޗު މާލެ ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރުމާއެކު މުބާރާތުގެ ތިންވަނަ ސެމީގައި އެޓީމުން ނުކުތީ ފުރަތަމަ ސެމީ މެޗުން ބަލިވި މިލާންއާ ދެކޮޅަށެވެ. މި މެޗު މާލެ ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީ ހަ ވިކެޓުންނެވެ.

ހޮނިހިރު ދުވަހުގެ މެންދުރުފަހު ކުޅުނު މެޗުގައި މިލާން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 145 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 43 ބޯޅައިން 57 ލަނޑު ހެދި ޔޫސުފް އަޒިޔާން އެވެ.

ޖަވާބުގައި މާލެ ސްޕޯޓްސް ކުލަބުން ކުޅެންއަރާ 19 ވަނަ އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 146 ލަނޑުހަދާ މެޗު ކާމިޔާބުކޮށް ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރިއެވެ.

އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ސިޔާމްއެވެ. އޭނާ ވަނީ މެޗުގައި ނުބައިނުވެ 31 ބޯޅައިން 75 ލަނޑު ހަދާފައެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ތަށި ދިފާއުކުރުމަށް ސީބީއެލް ފައިނަލުގައި ނުކުންނާނީ މާލެ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި ދެޓީމު ވާދަކުރާ ފައިނަލު މެޗު އޮންނާނީ މިމަހު 8 ވަނަ ދުވަހުއެވެ.

comment ކޮމެންޓް