ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިންސާފަށް ހުރަސް އަޅައި، ޝަރީއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް ހައިކޯޓުން ނިންމި ނިންމުން އެ ކޯޕަރޭޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޝަރީއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް ހައިކޯޓުން ނިންމީ، އެ ކުންފުންޏާއި ޖާހު އިންވެސްޓްމަންޓްސްއާ ދެކޮޅަށް ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ހުށަހަޅުއްވާފައިވާ މައްސަލައެއްގައި، މިދިޔަ ޖޫން މަހު ފަހުކޮޅެވެ. އެއީ، ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ޝުނާނާއާ ދެކޮޅަށް ނިންމި މައްސަލައެއްގެ އިސްތިއުނާފުގެ ތެރެއިން، އެޗްޑީސީން ހުށަހެޅި އިޖުރާއީ އިއުތިރާޒަކާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމެކެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި އެ ނިންމުން، އެޗްޑީސީން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގައެވެ. އެކަމަކު އެ ހުށަހެޅުން އެ ކޯޓުން ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމައެވެ.
މި މައްސަލަ ޝުނާނާ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެޗްޑީސީން ވަނީ އިސްތިއުނާފުކުރުމުގެ ޚަރަދުގެ ގޮތުގައި ހިނގާ 15،000 ރުފިޔާ ސެކިއުރިޓީއެއްގެ ގޮތުގައި ބަހައްޓައި ދިނުމަށް އަންގައި ދިނުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ. އަދި، އެ ފައިސާ ބަހައްޓަން ޝުނާނާ ނުކުޅެދިއްޖެ ނަމަ މައްސަލަ ބާތިލުކޮށްދިނުމަށް އެޗްޑީސީން އެދުނެވެ.
އެކަމަކު އެ ހުށަހެޅުމަކީ ހަގީގީ އަސާސެއްނެތި، ވަގުތު ބޭކާރުވާހެން، ރިއާޔަތް ކުރަން ޖެހޭ ގާނޫނީ އުސޫލުތަކަށް ބެލުމެއްނެތި ހުށަހެޅި ހުށަހެޅުމެއް ކަމަށް، ޝުނާނާ ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ޝުނާނާ އެދިވަޑައިގަތީ އެކަން ތަކުރާރު ނުކުރުމަށް އެޗްޑީސީއަށް ނަސޭހަތްތެރިވުމަށާއި ޝަރީއަތުގެ ކަންކަން ރަނގަޅަށް ގެންދާނެކަމުގެ ޔަގީންކަންދޭ ލިޔުމެއް ދިނުމަށް އަމުރުކޮށްދިނުމަށެވެ.
ހައިކޯޓުގެ ނިންމުމުގައި ވަނީ، ސެކިއުރިޓީ ޑިޕޮސިޓް ބަހައްޓަން އެންގޭ ޝަރުތުތަކުގެ ތެރެއިން ޝުނާނާގެ ފުރިހަމަ ވަނީ ކޮން ޝަރުތެއް ކަމަށް އެޗްޑީސީއަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި ގާނޫނުގައި އެދެވިދާނެ ކަމަށް އޮތްއޮތުމުގެ މައްޗަށް އެކަނި ރިއާޔަތްކޮށް މިކަމަށް އެދުމުން، އެޗްޑީސީގެ ޒިންމާ އަދާކުރީ ކަމަށް ނުބެލެވޭ ކަމަށް ވެސް އެ ނިންމުމުގައި ވެއެވެ.
ކޯޓުން ވަނީ މައްސަލަ ބާތިލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، ޝަރީއަތުގެ ކަންކަން ރަނގަޅަށް ގެންދާނެ ކަމުގެ ޔަގީންކަން ލިޔުމުން ދިނުމަށް އެޗްޑީސީއަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ހައިކޯޓުން އެ ގޮތަށް ނިންމީ، ފަނޑިޔާރު ދީބާނާޒް ފަހުމީއާއި ހުސެއިން މަޒީރާއި މުހައްމަދު ޝަނީޒް އަބްދުﷲ ހިމެނޭ ބެންޗެއްގެ އިއްތިފާގުންނެވެ.
ޖާހު ކުންފުނިން ހުޅުމާލޭގައި 'ދަ ގާޑްންސް' ފްލެޓުތައް ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރެވެ. ނަމަވެސް އަދި އަދަށްވެސް، އެ މަސައްކަތް ނިންމާފައެއް ނުވެއެވެ. އަދި އެ ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފްލެޓު ހަވާލުނުކޮށް ގިނަ ދުވަސްވުމާއެކު އެ މީހުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެސް ވެފައެވެ.
އެ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެޗްޑީސީން އެކި ފަހަރު މަތިން ޖާހު ކުންފުންޏަށް މުއްދަތު އިތުރުކޮށްދީފައިވެއެވެ. ނަމަވެސް މަސައްކަތް ނުނިންމާތީ، އެޗްޑީސީން ވަނީ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް އަންގައިފައެވެ.
ޖާހު ފުލެޓުތަކުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ރަޝީދު ކާޕެންޓްރީ (އާރުސީސީ)އާ މިދިޔަ މަހު ވަނީ ހަވާލުކޮށްފައެވެ.