މާވެލްގެ އެންމެ މަގުބޫލު އެއް ސުޕަހީރޯ ކަމަށްވާ "ސްޕައިޑާމޭން"ގެ ރޯލުން ފެންނަ ޒުވާން އެކްޓަރު، ޓޮމް ހޮލެންޑް އަނެއްކާވެސް އެކްޓިން އިން ބްރޭކެއް ނެގުމަށް ތައްޔާރުވެއްޖެއެވެ.
ސްޕައިޑާމޭންގެ އެންމެ ފަހުގެ ރިބޫޓް އާއެކު މިހާތަނަށް ޓޮމް ވަނީ ސްޕައިޑާމޭންގެ ތިން ފިލްމުން ފެނިފައެވެ. އެއާއެކު މާވެލްގެ އިތުރު ފިލްމުތަކުން ވެސް އޭނާ ފެނިފައިވާއިރު މާވެލްއިން ބޭރުން ވެސް ޓޮމް ވަނީ ތަފާތު ފިލްމުތަކާއި ޝޯތަކުން ފެނިފައެވެ.
މިހާރު އަނެއްކާވެސް ސްޕައިޑާމޭންގެ ހަތަރުވަނަ ފިލްމުގެ ޝޫޓިންގައި އޭނާ ބިޒީކޮށް އުޅޭއިރު މި ފިލްމުގެ މަސައްކަތަށްފަހު އަނެއްކާ އެކްޓިން އިން ބްރޭކެއް ނަގަން ތައްޔާރުވެފައިވާ ކަމަށް އޭނާ ދާދިފަހުން ހާމަކޮށްފައިވެއެވެ.
ބްރިޓިޝް ޖީކިއު އަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ ސޮއިކޮށްފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށެވެ. އެއަށްފަހު 2027 ވަނަ އަހަރު އެއްކޮށް އެކްޓިން އިން ބޮޑު ބްރޭކެއް ނަގަން ބޭނުންވާ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
އެކްޓިން އިން ދޭތެރެއަކުން ބްރޭކެއް ނެގުމުގެ މުހިއްމު ކަމަށް އޭނާ އަލިއަޅުވާލިއެވެ. އެއީ ނަފުސާނީ ދުޅަހެޔޮކަމާއި މީހާ މަސައްކަތްތައް މަތީން ފޫހި ނުވެ ހުރުމަށްވެސް ލިބޭ އެހީއެއް ކަމަށް އޭނާ އިޝާރާތްކޮށްފައިވެއެވެ.
ޓޮމް އެންމެ ފަހުން އެކްޓިން އިން ބްރޭކެއް ނަގާފައިވަނީ 2023 ވަނަ އަހަރުގައެވެ. އެއީ އެ އަހަރު އޭނާ ފެނިގެން ދިޔަ ޝޯ ކަމަށްވާ "ދަ ކްރައުޑެޑް ރޫމް"ގެ މަސައްކަތުގައި އޭނާ އަށް ނަފުސާނީގޮތުން ބޮޑު އަސަރުތަކެއް ކުރުމުންނެވެ.
އަންނަ އަހަރަކީ ޓޮމް އަށް ބޮޑު އަހަރެކެވެ. އެއީ ސްޕައިޑާމޭންގެ އާ ފިލްމުގެ އިތުރުން ކްރިސްޓޮފާ ނޯލަންގެ ބޮޑު ޕްރޮޖެކްޓް "ދަ އޮޑިއްސީ"ގެ ލީޑުންވެސް އޭނާ ފެނުމަށް ހަމަޖެހިފައިވާތީއެވެ.