ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމު "ސައްޔާރާ"އަކީ އެ ފިލްމު ގެނެސްދިން ޔަޝް ރާޖް ފިލްމްސްއިން ނެޓްފްލިކްސްގައި ޕްރީމިއާ ކުރާ އެ ކުންފުނީގެ ފުރަތަމަ ފިލްމު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިލީޒްކުރިތާ ކުޑަ ދުވަސްކޮޅެއްގެތެރޭ އާއްމުންގެ ގިނަ ބައެއްގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ވެސް ގިނަ ބައެއްގެ ތައުރީފު އޮހެން ފެށި "ސައްޔާރާ"އަކީ ހުރިހާ ގޮތަކުން ވެސް ޚާއްސަ ފިލްމެކެވެ.
އެގޮތުން، މިއީ ފިލްމީ ތަރި ޗަންކޭ ޕާންޑޭއަށް ބޮޑު ބޭބެކިޔާ އަހާން ޕާންޑޭ ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި އޭނާގެ ފުރަތަމަ ފިލްމެވެ. ހަމައެއާއެކު މިއީ މީގެ ކުރިން ކާމިޔާބު ލޯބީގެ ފިލްމުތައް ކަމަށްވާ "އާޝިޤީ 2" އަދި "އޭކް ވިލެން" ގެނެސްދިން ޑައިރެކްޓަރު މޯހިތު ސޫރީގެ ވައިއާރްއެފްއަށް ޑައިރެކްޓްކޮށްދިން ފުރަތަމަ ފިލްމެވެ.

ފިލްމު "ސައްޔާރާ"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
މީގެ ކުރިން ވައިއާރްއެފްގެ ފިލްމުތައް ނެޓްފްލިކްސްގައި ޕްރީމިއާކޮށްފައި ނުވުމާ އެކު "ސައްޔާރާ" ނެޓްފްލިކްސްގައި ޕްރީމިއާކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާތީ ފިލްމު އަނެއްކާ ވެސް ތާރީޚުން ޖާގަ ހޯދާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
މި ފިލްމު ނިންމާލަމުން ގެނެސްދޭ ކްރެޑިޓް ލަވައިގައި ނެޓްފްލިކްސްގެ ލޯގޯ ހިމަނާފައިވުމަކީ ވެސް ފިލްމު އެ ޕްލެޓްފޯމަށްދާނެކަމުގެ އިޝާރާތެއް ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.
މިހާތަނަށް ވައިއާރްއެފްއިން ގެނެސްދޭ ފިލްމުތައް ތިއޭޓަރުތަކުން ނެގުމަށް ފަހު އަބަދު ވެސް ސްޓްރީމްކުރަނީ އެމޭޒަން ޕްރައިމްއިންނެވެ. ވައިއާރްއެފްއިން ނެޓްފްލިކްސްއާ އެކު މީގެ ކުރިން މަސައްކަތްކޮށްފައިވީ ނަމަވެސް ތިއޭޓަ ނުވަތަ ބޮޑު ސްކްރީން ފިލްމެއް ނެޓްފްލިކްސްގައި ސްޓްރީމްކޮށްފައެއް ނުވެއެވެ.
ނެޓްފްލިކްސްގައި މިހާތަނަށް ސްޓްރީމްކުރި އެ ކުންފުނީގެ ކޮންޓެންޓްތަކުގެ ތެރޭ ސިނަމާގައި ރިލީޒްކޮށްފައިވާ ފިލްމެއް ނުހިމެނޭއިރު އެންމެ ފަހުން ނެޓްފްލިކްސްގައި ޕްރީމިއާކުރި އެ ކުންފުނީގެ އުފެއްދުމަކީ ބަތަލާ ވާނީ ކަޕޫރުގެ ވެބް ސީރީޒް "މަންޑާލާ މާޑާސް"އެވެ.
ފިލްމު "ސައްޔާރާ" އޮންލައިންކޮށް ސްޓްރީމްކުރާނެއިރަކަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު ފިލްމު ނެޓްފްލިކްސްގައި ގެނެސްދޭނެ ތާރީޚެއް ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. އާއްމުކޮށް ފިލްމުތައް ސްޓްރީމިންގް ޕްލެޓްފޯމްތަކަށް ދޫކޮށްލަނީ 45 ދުވަސް ވަންދެން ސިނަމާތަކުގައި ފިލްމު ދެއްކުމަށްފަހުއެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން މި ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ނިންމާފައި ވަނީ ސެޕްޓެންބަރު މަހުގެ ދެވަނަ ހަފުތާ ތެރޭގައެވެ.