ޑޮލަރުގެ ހާލަތު ހާމަކުރަން ގަވަރުނަރު ނިންމީ ސިއްރުން

ގަވަރުނަރު އަހުމަދު މުނައްވަރު: މުނައްވަރުގެ އެދިވަޑައިގަތުމަށް ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ވަނީ ނިންމައިފަ -- ސަން ފޮޓޯ/ މޫސާ ނަދީމް

ޑޮލަރުގެ ދަތިކަމުގެ މައްސަލައާ ގުޅޭގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭއާ ބައްދަލުކުރާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ގަވަރުނަރު އަހުމަދު މުނައްވަރު އެދިލެއްވުމުން މިއަދު ސިއްރުކޮށްފިއެވެ.

ބައްދަލުވުން ސިއްރުކުރުމުގެ ކުރިން ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ބޭނުންފުޅުވަނީ ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށް ކަމަށެވެ.

ނަމަވެސް، ކޮމިޓީ ސިއްރުކުރުމާ ދެކޮޅަށް ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މުޅި ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދަން ނުފެންނަ ކަމަށާއި ސަބަބަކީ ޑޮލަރުގެ ދަތިކަމުގެ މައްސަލައިގައި އާންމުންގެ އެތައް ކަންބޮޑުވުމެއް ހުރުމުން ކަމަށެވެ.

އެހެންވިޔަސް ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު ކޮމިޓީން ނިންމީ ބައްދަލުވުން ސިއްރުކުރުމަށެވެ. ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ޔޫނުސްއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަހްމަދު އައިފާނެވެ.

https://sun.mv/208752

ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވަނީ އަރައިފައެވެ. މި ދަނޑިވަޅުގައި ގަވަރުނަރު ހަނު ހުންނެވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައިފައެވެ.

އެ މައްސަލައިގައި އެމްޑީޕީން ވެސް ވަނީ ތަކުރާރުކޮށް އެމްއެމްއޭއަށް ގޮސް، ގަވަރުނަރާ ބައްދަލުކުރަން މަސައްކަތްކޮށްފައެވެ. އެކަމަކު، ގަވަރުނަރާ ބައްދަލުނުވާތީ، ގަވަރުނަރު އާންމުންނަށް ފިއްލަވަނީ ކަމަށް ބުނެ އެމްޑީޕީން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ޑޮލަރެއްގެ އަގު ބޮޑުވުމުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ރާއްޖޭގެ އުފެއްދުންތެރިކަށް ދަށްވުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް އެތެރެކުރަނީ ބޭރު ގައުމުތަކުންނެވެ. އެ ތަކެތި ގަންނަން ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެއެވެ.

މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ޚަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.

comment ކޮމެންޓް