އުފެއްދުންތަކުން ތިމާވެއްޓަށް ކުރާ އަސަރާ ބެހޭގޮތުން ކަސްޓަމަރުންނަށް އޮޅޭގޮތަށް މައުލޫމާތު ދިން ކަމަށް ސާބިތުވުމުން، ޗައިނާގެ ފާސްޓް-ފެޝަން ކުންފުނި ޝެއިން، އިޓަލީގެ ވާދަވެރިކަމާ ބެހޭ އިދާރާ (އޭޖީސީއެމް) އިން އެއް މިލިއަން ޔޫރޯ (1.16 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފިއެވެ.
މިއީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޔޫރަޕްގެ ވާދަވެރިކަމާ ބެހޭ އިދާރާއަކުން ޝެއިންއަށް މާލީ އަދަބެއް ދިން ދެވަނަ ފަހަރެވެ. މީގެ ކުރިން، ޖުލައި މަހުގެ ތިން ވަނަ ދުވަހު ފްރާންސުން ވަނީ ފޭކް ޑިސްކައުންޓް ދިނުމާއި ތިމާވެއްޓާ ގުޅޭގޮތުން އޮޅޭފަދަ މައުލޫމާތު ފެތުރުމުގެ ކުށުގައި އެ ކުންފުނި 40 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފައެވެ.
އިޓަލީން މި ޖޫރިމަނާ ކޮށްފައިވަނީ ޝެއިންގެ ވެބްސައިޓް ޔޫރަޕްގައި ހިންގާ، ޑަބްލިންގައި ރަޖިސްޓްރީ ކޮށްފައިވާ އިންފިނައިޓް ސްޓައިލްސް ސާވިސަސް ކޯ ލިމިޓެޑްގެ މައްޗަށެވެ. މިކަމާ ގުޅިގެން ޝެއިންއިން އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
އޭޖީސީއެމްއިން ބުނީ، ޝެއިންގެ ވެބްސައިޓްގައި ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި އިޖްތިމާއީ ޒިންމާދާރުކަމާ ގުޅޭގޮތުން ދީފައިވާ މެސެޖްތަކަކީ "ބައެއް ފަހަރު ވަކި ގޮތެއް ނޭނގޭ، މާ އާންމު، އަދި މާ ބޮޑަށް ފޮނި" މެސެޖްތަކެއް ކަމަށާއި، އަނެއްބައި ފަހަރު މުހިންމު މައުލޫމާތު އުނިކޮށްފައިވާ ކަމަށެވެ.
ޝެއިންގެ 'އިވޮލޫޝެއިން ބައި ޑިޒައިން' ކަލެކްޝަންއަކީ ތިމާވެއްޓާ ރައްޓެހި އަދި ފުރިހަމައަށް ރީސައިކަލް ކުރެވޭނެ އުފެއްދުންތަކެއް ކަމަށް ދެއްކުމަކީ ދޮގެއް ނުވަތަ ކުޑަމިނުން އޮޅުން އަރާފަދަ ކަމެއް ކަމަށް އެ އިދާރާއިން ބުނެއެވެ.
"އެ އަންނައުނު ހެދުމަށް ބޭނުންކޮށްފައިވާ ފައިބަރުތަކަށާއި މިހާރުގެ ރީސައިކްލިން ނިޒާމުތަކަށް ބަލާއިރު، އެއީ ދޮގެއް،" އޭޖީސީއެމް އިން ބުނެފައިވެއެވެ.
މީގެ އިތުރުން، 2030 ވަނަ އަހަރާ ހަމައަށް ވިހަގޭސް ބޭރުކުރާ މިންވަރު 25 އިންސައްތަ ކުޑަކޮށް، 2050 ވަނަ އަހަރު "ނެޓް ޒީރޯ" އަށް ވާސިލްވާނެ ކަމަށް ޝެއިންއިން ވެފައިވާ ވަޢުދުތަކަކީ ވެސް "ވަކިގޮތެއް ނޭނގޭ އާންމު" ވާހަކަތަކެއް ކަމަށާއި، އެއީ 2023 އަދި 2024 ވަނަ އަހަރު އެ ކުންފުނީގެ މިޝަންއަށް އިތުރުވެފައިވާ ފުށުއަރާ ކަމެއް ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
އޭޖީސީއެމްއިން ބުނީ، ޝެއިންއަކީ ތިމާވެށި ވަރަށް ބޮޑަށް ތަޣައްޔަރުކުރާ ފާސްޓް-ފެޝަން ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏަކަށް ވާތީ، އެ ކުންފުނީގެ މައްޗަށް "އިތުރު ޒިންމާތަކެއް" އޮންނާނެ ކަމަށެވެ.
ޗައިނާއިން ފެށިގެން އައި ޝެއިންއަކީ އަގުހެޔޮ ހެދުމާއި އަންނައުނު ވިއްކުމަށް މަޝްހޫރު ކުންފުންޏެކެވެ. ލަންޑަންގައި ހިއްސާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކާ ގުޅިގެން، އެ ކުންފުނީގެ ތިމާވެށީގެ ރެކޯޑާއި މުވައްޒަފުންނާމެދު އަމަލުކުރާ ގޮތާމެދު އަންނަނީ ފާޑުކިޔުންތައް އިތުރުވަމުންނެވެ.