ހުސްވެފައިވާ އުއްތަމަފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރުހުން ދޭން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
އަބްދުލްޣަނީގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުށަހެޅުއްވީ އިއްޔެއެވެ. މިއަދުގެ ޖަލްސާގައި އޭނާގެ ނަން ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. މާ ގިނައިރުތަކެއްނުވެ، ކޮމިޓީން މިއަދު ވަނީ ޣަނީއަށް ރުހުންދޭން ނިންމައިފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އަބްދުލްޣަނީއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކުރަން ހުށަހެޅުއްވީ ފަރެސްމާތޮޑާ އަޝްރަފް ރަޝީދެވެ. ތިމަރަފުށި ދާއިރާގެ މެންބަރު އަހްމަދު ރިޔާޒް ތާއީދުކުރެއްވިި އެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ފާހަގަކުރެވޭ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުލްޣަނީ އައްޔަންކުރަން ރައީސަށް ލަފާދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ ހޮނިހިރު ދުވަހެވެ.
އޭނާގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. މި ތިން ބޭފުޅުންނާ ޖޭއެސްސީން އިއްޔެގެ މެންދުރު ފަހު އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވަން ނިންމީ އަބްދުލްޣަނީގެ ނަމެވެ.
އަބްދުލްޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން ޖުޑީޝަރީގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން، މަދަނީ ކޯޓުގެ ގާޒީ ކަމަށް ފަހު ހައިކޯޓުގެ އިސްފަނޑިޔާރުކަމާއި، އޭގެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވިއެވެ. ކުރިން ޖޭއެސްސީގެ ރައީސްކަން ވެސް ކުރެއްވި އަބްދުލްޣަނީ މި ވަގުތު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުގައެވެ.
އަބްދުލްޣަނީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރީ މަޝްހޫރު އެކެއް ފެބްރުއަރީގެ އަމުރަށް ފަހު، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު މުހައްމަދު ސުޕްރީމް ކޯޓުން ވަކިކުރުމަށް ފަހުގައެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި އަބްދުލްޣަނީ ހުންނަވަނިކޮށް، ވެރިކަން ބަދަލުވެ އެމްޑީޕީއަށް 2019 ވަނަ އަހަރު މަޖިލީހުގެ މެޖޯރިޓީ ލިބުމުން ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރިއިރު އޭނާ ވެސް ވަކިކުރީއެވެ.
އުއްތަމަފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް، މި ތިން ބޭފުޅުން މި ކުރިމަތިލެއްވީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މި ދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުން އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލުމުންނެވެ.