ޕޮލްކޯ ކޮރަޕްޝަން: ޕޮލިހުގެ ބައެއް ވެރިން ހިމެނޭތީ ތަހުގީގު އޭސީސީއާ ހަވާލުކުރަން ލަފާދެނީ

ޕޮލްކޯ ފްލެޓުތައް: މައްސަލަ ބަލަން އޭސީސީއާ ހަވާލުކުރަން ލަފާދެނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފުލުހުންގެ ވެލްފެއާ ކުންފުނި (ޕޮލްކޯ)އިން ފުލުހުންނަށް ޚާއްސަކޮށްގެން ފްލެޓުތައް އެޅުމުގެ މައްސަލައިގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ، މައްސަލަ ބެލުމަށް އޭސީސީއާ ހަވާލުކުރަން ޕޮލްކޯ ހައުސިން މަޝްރޫއުގެ ޚާއްސަ އޮޑިޓް ރިޕޯޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ލަފާދީފިއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ސަބް ކޮމިޓީން ނިންމީ ރިޕޯޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް މައި ކޮމިޓީއަށް ހުށަހެޅުމަށެވެ.

ސަބް ކޮމިޓީގެ ރިޕޯޓުގައި ލަފާދިނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭ ފުލުހުންގެ މިހާރުގެ ބައެއް އިސްވެރިން ހިމެނޭތީ، އަދި މި މައްސަލައިގައި ޖިނާއީ ސީރިއަސް ތަހުގީގެއް ހިންގޭނެތީ، މި މައްސަލައިގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ކަނޑައަޅައި، މި މައްސަލަ ބެލުމަށް އޭސީސީގައި ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް ސެކްޝަނެއް އުފައްދައި، އެ ސެކްޝަނުން އެ މައްސަލަ ބެލުމަށެވެ.

ޕޮލްކޯ ހައުސިން މަޝްރޫއުގެ ޚާއްސަ އޮޑިޓް ރިޕޯޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، އޭސީސީގައި ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް ސެކްޝަނެއް އުފެއްދުމުގެ ހުއްދަ ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވާ ކަމަށެވެ.

އޭސީސީ މެދުވެރިކޮށް މައްސަލަ ތަހުގީގުކުރަން ލަފާ ދޭން ނިންމިޔަސް، ވިސްނުމުގައި އެންމެ ފުރަތަމަ އޮތީ ރިޔާސީ ކޮމިޝަނެއް އުފައްދައި މައްސަލަ ބެލުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ސަބް ކޮމިޓީން ވަނީ ޕޮލްކޯ މަޝްރޫއުގެ މައްސަލައިގައި ޝާމިލުވާ ކުރީގެ ފުލުހުންނަށާއި މިހާރުގެ ފުލުހުން ނުހައްގު މުއްސަނދިކަން ހޯދާފައިވާތީއާއި އެހެން ފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވުމުގެ އިތުރުން ދައުލަތަށް ގެއްލުން ދީފައިވާތީ އެ ފުލުހުންގެ މައްޗަށް ފިޔަވަޅު އަޅަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް އަންގަން ނިންމައިފައެވެ.

ހަމަ އެއާއެކު، އެކި މަޝްރޫއުތަކަށް ޑިއުޓީ މާފުކޮށް ދޫކޮށްފައިވާ ޑްރެޖަރާއި ހައިމާކު ފަދަ އުޅަނދުފަހަރުގެ ލިސްޓެއް އެކުލަވާލައި މާލިއްޔަތު ކޮމިޓީއާ ރިޕޯޓު ހިއްސާކުރުމަށް ކަސްޓަމަށް އެންގުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވެއެވެ.

އަދި، މި މައްސަލައިގެ ތެރެއިން ސަރުކާރަށް ގެއްލުނު ފައިސާގެ އަދަދު ދެނެގަނެވިފައިވާ ކަމަށް ބުނި ނަމަވެސް، ކޮމިޓީން ޖުމްލަ އަދަދު ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު، އެ ފައިސާ ހޯދުމަށް ބަންޑާރަނައިބަށް އަންގަން ކޮމިޓީން ވަނީ ނިންމައިފައެވެ.

ޕޮލްކޯގެ ޓަވަރުތަކަށް މެންބަރުން ވަޑައިގެން ބެއްލެވުމަށް ފަހު، އެ ޓަވަރުތައް ފުރިހަމަނުވާ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ވެއެވެ. އެގޮތުން ކޮމިޓީން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ޓަވަރުތަކުގައި ހުންނަ ތިން ލިފްޓެއްގެ ތެރެއިން ދެ ލިފްޓު މަސައްކަތްނުކުރުމާއި، ފަޔާ އެލާމް ސިސްޓަމް މަސައްކަތްނުކުރާ ކަމާއި، ތިން ޓަވަރެއްގައި ސީސީޓީވީ ހަރުކޮށްފައި ނެތުމާއި، އެކްސެސް ކޮންޓްރޯލް ސިސްޓަމް އެއްވެސް ޓަވަރެއްގައި ގާއިމުކޮށްފައި ނެތުން ހިމެނޭކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެހެންވެ، ޕޮލްކޯގެ ޓަވަރުތައް ފުރިހަމަކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީގައި އެދުމަށް އެ ކޮމިޓީން ވަނީ ނިންމައިފައެވެ.

ސަބް ކޮމިޓީން ރިޕޯޓު ފާސްކުރަން ނިންމި ނަމަވެސް، އިދާރާތަކަށް އަންގައި ލަފާދެވޭނީ މައި ކޮމިޓީން ރިޕޯޓު ފާސްކުރަން ނިންމައި އެއަށް ފަހު ތަޅުމުން ރިޕޯޓު ފާސްކުރުމުންނެވެ.

ޕޮލްކޯގެ ހައުސިން މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށް، މިދިޔަ ޖެނުއަރީ މަހު ނެރުނު އޮޑިޓް ރިޕޯޓުން ދައްކާފައިވެއެވެ. އެހެންވެ، އޭރު ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އަޅަން އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

އެ މަޝްރޫއު އޮޑިޓްކުރި ތާރީޚުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، އަކަފޫޓަކަށް 1،851 ރުފިޔާއެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، މާލީ ވުޒާރާގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކަށް ބަލާއިރު އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ އަމިއްލަ ކުންފުނިތަކުން އަކަފޫޓަކަށް 1،300 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަގެއްގައި އެ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ ކަމަށެވެ.

ނަމަވެސް އެ މަޝްރޫއަށް 240.1 މިލިއަން ރުފިޔާއާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރަށް ޚަރަދުވެފައިވާކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނީ އެއީ ޕޮލްކޯގެ ނާގާބިލުކަމާއި ކޮރަޕްޝަނަށް ޝައްކުކުރެވޭ ކަންތައްތަކެއްގެ ސަބަބުން ގެއްލުނު ފައިސާ ކަމަށެވެ.

ފުލުހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތިން ޓަވަރު އެޅީ ޖުމްލަ 361 ފްލެޓާއި 20 ޕެންޓްހައުސްއާ ވެސް އެކީގައެވެ. 2013 ގައި އަމަލީ މަސައްކަތް ފެށި އެ ފްލެޓުތައް ނިމި، މީހުންނަށް ދިރިއުޅެވޭ ވަރުވީ މިދިޔަ އަހަރު ތެރޭގައެވެ.

comment ކޮމެންޓް