ބާރަށަށް ޑުރަގު އެތެރެކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެބެއިން ހައްޔަރުކޮށްފި

ބާރަށުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެބެން: އެ މައްސަލައިގައި 5.96 ގުރާމުގެ މަސްތުވާތަކެތި އަތުލައިގަތް -- ފޮޓޯ/ ފުލުހުން

ހއ. ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެ ރަށަށް ނިސްބަތްވާ ދެބެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ ދެބެއިން ހައްޔަރުކުރީ ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހއ. ބާރަށް، ކާނޭޝަންވިޔު، އުމުރުން 37 އަހަރުގެ އަބްދުﷲ ފަޞީޙާއި އުމުރުން 34 އަހަރުގެ އިބްރާހީމް ކަލީމެވެ.

ފުލުހުން ބުނީ ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 5.96 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ ފަޞީޙް 15 ދުވަހަށް އަދި އިބްރާހީމް ކަލީމް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބާރަށު ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރިމާންޑް ސެންޓަރުތައް ގާއިމްކޮށް، ފަރުވާގެ ނިޒާމު ވަރުގަދަކުރުމުގެ މަސައްކަތް ކުރާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

އޭގެ ފަހުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ނިންމަވައިފައެވެ.

comment ކޮމެންޓް