މިތުރާ ގަޔާވެލީ... 29

ރޫބީ ނޫޑްލްސް ކައްކަން ތައްޔާރުވުމުން، ޔަޒްދާން އުޅުނީ ފިޔާ ކޮށައިދޭށެވެ. އިކާން ޔަޒްދާންގެ ގައިގައި ޖެހިގަނެފައި، ރޫބީއާއި ދުރުކުރިއެވެ. ދެމީހުންގެ ދެމެދަށް ވަން އިކާން، ރޫބީގެ ކައިރިން ޖާގަ ހޯދިއެވެ. ޔަޒްދާނަށްވުރެ ކުރިން ފިޔާނޮޅާފައި، ކޮށަން ފެށިއެވެ.

********

"ޗެލެންޖެއްތަ؟..." ޔަޒްދާނަށް މަޖާވިއެވެ.

އިކާން ފިޔާ ކޮށަން އުޅުނު ހާލު ފެނި، ރޫބީ ހުރީ އެތެރެއަށް ހިނިގަނޑު ހިންދާލައިގެންނެވެ. ފިޔާގެ ތޮށްޓަށްވުރެ ގިނައިން ޑަސްޕިނަށް ދިޔައީ އޭގެ ރަނގަޅު ބައެވެ. ފިޔާގެ ދިލައިން ދެލޮލުން ފެން އަންނަމުން ދިޔައިރުވެސް، އިކާން އެ މަސައްކަތް ހުއްޓައެއް ނުލައެވެ. ނޭނގި ނަމަވެސް ރޫބީއަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ. އެހާލުގައިވެސް އިކާން މަސައްކަތްކުރީ ރޫބީއަށްޓަކައިކަން އޭނާއަށް އެނގުނެވެ. އިކާނާއި ދިމާއަށް ނުބަލަން އުޅުނަސް، ރޫބީގެ ބަސްނާހާ ހިތް އެކަމަށް އެއްބަހެއް ނުވިއެވެ. ކުރަންހުރި މަސައްކަތަށްވުރެ ބޮޑަށް ސަމާލުކަން ދެވުނީ އިކާނަށެވެ. އިކާނަށް ގެއްލުމެއް ވެދާނެތީ އެކަމާއިވެސް ރޫބީއަށް ވިސްނުނެވެ. އިކާންގެ ކޮންމެ އަމަލަކުން ރޫބީގެ ހިތް އިތުރަށް ދީވާނާވުން ނޫންކަމެއް ނުވިއެވެ.

"އަތްކަނޑައިގެން ހިނގައިދާނެ... ގެނޭ އަހަރެން ކޮށާނަން..." ޔަޒްދާން އެދުނެވެ.

ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ޔަޒްދާނަށް އުނދަގޫ ވިއެވެ. އޭނާ ދުވަހަކުވެސް އިކާން އެފަދަ މަސައްކަތެއް ކުރިތަނެއް ނުދެކެއެވެ. ގޭތެރޭގައި އިކާން ކުޑަ ނަމަވެސް މަސައްކަތެއް ކުރަން ފަލާހާ ނުރުހޭވަރު ޔަޒްދާނަށް އެނގެއެވެ. އިކާނަށް އެވަރުގެ ބަދަލެއް އައީ ކީއްވެ ހެއްޔެވެ؟ އެ ހުރިހާ ކަމެއް ގުޅިފައިވީ ރޫބީއަށް ހެއްޔެވެ؟ ހަމަ ހަގީގަތުގައިވެސް ރޫބީދެކެ އިކާން ލޯބިވަނީ ހެއްޔެވެ؟

"ޗެލެންޖެއްތޯ އެހީމަ ޖަވާބެއް ނުދެމެއްނު..." ހަމައެކަނި އިކާނަށް އިވޭ ވަރަށް ޔަޒްދާން ބުނެލިއެވެ.

"އާނއެކޭ ބުނެފިއްޔާ!..." އިކާންގެ އަޑުގައި ސަމާސާއެއް ނެތެވެ.

"ޗެލެންޖް ކުރާނީނު..." ޔަޒްދާން ޖަހައިލީ ލުއި ހިނިގަނޑެކެވެ. "ހީވޭތަ އަހަރެމެންނަށް ޗެލެންޖް ކުރެވިދާނެހެން؟... ކާކަށްހެން ހީވަނީ ވިން ވާނީ؟..."

"އަހަންނަށް..." އިކާން ބޭނުންވީ ގަދަކޮށްލާށެވެ.

"އެއީ ކީއްވެ؟..." ޔަޒްދާންގެ ހިނިތުންވުން ގެއްލުނީ ކީއްވެކަމެއް ހުދު އޭނާއަށްވެސް ނޭނގުނެވެ.

"އަހަރެން ގިވްއަޕްއެއް ނުކުރާނަން... އެއީ ރީޒަންއަކީ..." އިކާން ބުނެލީ މާނަފުން ޖުމުލައެކެވެ.

ދެމީހުންވެސް ވާހަކަ ދެއްކީ ރޫބީ ދުރަށްދިޔަ ވަގުތު ބަލައިފައެވެ. ރޫބީ އައުމުން ވާހަކަ ހުއްޓައިލިއެވެ.

ރޫބީ އައީ ޓިޝޫ ފޮށި ހިފައިގެންނެވެ. އިކާން ހުރި ހާލުން ރޫބީގެ ހިތަށް ހަމްދަރުދީ ވަނީއެވެ. ރޫބީ ޓިޝޫ ފޮށި އިކާނަށް ދިއްކޮށްލިއެވެ. ލޮލުގެ އިޝާރާތުން މޫނު ފޮހެލުމަށް އެދުނެވެ. އިކާންނަށް ގަބޫލުކުރަން ދަތިވިއެވެ. ރޫބީ އެވަރުގެ ސަމާލުކަމެއް އޭނާއަށް ދީފާނެކަމަށް އިކާން ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އިކާން ހައިރާންވެފައި އެއްފަހަރު ޓިޝޫ ފޮށްޓަށް އަނެއްފަހަރު ރޫބީއަށް އަވަސް ނަޒަރެއް ދިނެވެ.

"އަތް..." އިކާން ކުޑަކުއްޖެއްހެން ދެއަތް ދައްކައިލިއެވެ.

އިކާން ޔަޒްދާނަށް ވައްކަޅިން ބަލައިލާފައި ހީލިއެވެ. ކާމިޔާބުވީ އޭނާއަށް ކަމުގައި ބުނެލާ ފަދައިންނެވެ. އިކާން ދެލޯ މަރާލާފައި މޫނު އުފުލައިލިއެވެ. ރޫބީ އިކާންގެ މޫނު ފޮހެލަދޭން އުޅުނެވެ. ޔަޒްދާން ވަގުތުން ރޫބީގެ އަތުން ޓިސޫ އަތުލާފައި އިކާންގެ މޫނު ފޮހެލިއެވެ.

"ދޭ މޫނު ދޮވެލަން... އޭރުން އޯކޭވާނެ..." ޔަޒްދާން އުޅުނީ އިކާން އެތަނުން ފޮނުވައިލާށެވެ.

އިކާން ދެލޯ ހަނިކޮށްލަމުން ޔަޒްދާނަށް ބަލައިލިއެވެ. ޔަޒްދާން ހުރީ އެ މަންޒަރު ނުފެންނަކަމަށް ހަދައިގެންނެވެ. ޔަޒްދާންގެ ސަބަބުން ލިބުނު ރަނުގެ ފުރުސަތު ގެއްލުމުން ހަމަ ހަގީގަތުގައިވެސް އިކާންގެ މޫޑު ދިޔައެވެ. އެ ގޭގައި ރޫބީއާއިއެކު އެކަނި ހުރެވުނު ނަމައޭ އޭނާގެ ހިތަށް އެރިއެވެ.

"ދިލަ ނާރާހެން ކޮށޭ އެއްޗެކޭ މީ... މިހެން ފާސްޓްކޮށް..." ފުރުސަތުގެ ބޭނުންހިފައި ޔަޒްދާން ފިޔާ ކޮށަން ފެށިއެވެ.

އިކާނާއި ހިލާފަށް ޔަޒްދާން ފަރިތައެވެ. ހުރިހާ އެއްޗެއް ކޮށާފައި އުނދުން ކައިރިއަށް ލައިދިނެވެ. ރޫބީ އެއްޗެއްގެ ވާހަކަ ބުނެލާއިރަށް އިކާނަށްވުރެ ކުރިން ޔަޒްދާން އެ އެއްޗެއް ހޯދައިގެން ގެނެސްދެއެވެ. އިކާން ވަޅީގައި އަތްލައިފިނަމަ، ޔަޒްދާން އަވަހަށް ވަޅި އަތުލެވޭތޯ ބަލައެވެ.

"އަހަންނާ ޗެލެންޖު ކުރަންޏާ، ވަރަށް ގިނަ ކަންކަން ދަސްކުރަން ޖެހޭނެ..." ޔަޒްދާން އިކާނަށް ބަލައިލާފައި އެއްލޯ މަރައިލިއެވެ.

މުޅި ސިޓިންގްރޫމުގައި ހިފާލާފައި ހުރީ ނޫޑްލްސްގެ މީރު ވަހެވެ. ކާމޭޒުމަތި ތައްޔާރުކޮށްފައި، ރޫބީ ވަނީ ކޮޓަރިއަށެވެ. ރޫބީ ވަނުމުން، ނަޖާތު ބިއްދޮށަށް އެނބުރުނެވެ.

"އެނގޭ ނަޖާއަށް ވަރަށް އުނދަގޫވާނެކަން... އެކަމަކު ތިހެން އޮތީމަ އަހަރެމެން ވަރަށް ދެރަވޭ...." ނަޖާތަށް ބަލަން ހުރެފައި ރޫބީ ބުނެލިއެވެ. "ހިނގާ ކާން... އެންމެން އެއްކޮށް މިރޭ ކާނީ.... ނަޖާ އަންނަންދެން އެންމެން އެތިބީ މަޑުކޮށްގެން..."

"ރޫބީ!...." ރޫބީ ދާން އެނބުރުމުން ނަޖާތު ގޮވައިލިއެވެ. "އަހަރެން މީ ރޫބީ ތި ހީކުރާވަރުގެ ރަނގަޅު މީހެއް ނޫން... އަހަރެން މިހުރީ ރޫބީއަށް ވަރަށް ބޮޑު އޮޅުވާލުމެއް އޮޅޮވާލައިގެން...."

"ތިވާހަކަ ދައްކާނީ ފަހުން... އިހަށް ހިނގާ ކާން... ކައިގެންނު ގައިގަ ވަރެއް ހުންނާނީވެސް..." ރޫބީ ހީކުރީ ނަޖާތު ދައްކަން އުޅުނީ ނައީމުގެ ވާހަކަ ކަމަށެވެ.

"ސޮރީ!... އަހަރެންގެ ސަބަބުން ރޫބީއަށް ހުރިހާ ކަމެއް ދިމާވަނީ..." ނަޖާތަށް ރޮވުނެވެ. "އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ބުނަން..."

"އޯކޭ... ތިވާހަކަވެސް ބުނެވޭނެ.. އެކަމަކު ކައިގެން... އަހަރެންވެސް ނަޖާއަށް ޝެއަރކުރަން ބޭނުންވާ ވަރަށް ބޮޑު ވާހަކައެއް އެބައޮތް.." ރޫބީގެ މޫނުން ފެނުނީ އުފާވެރިކަމެވެ.

ނަޖާތު ކާން ނުކުތް ތަން ފެނުމުން، އެންމެ ބޮޑު އުފަލެއް ލިބުނީ ޔަޒްދާނަށެވެ. ނަޖާތު އިންނަން ގޮނޑި ދުރުކޮށްދީ، ތަށި ކައިރިކޮށްދީ ހެދީވެސް ޔަޒްދާނެވެ. ކެއުމުގެ ވަގުތުގައި އިކާނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ރޫބީ ބެހެއްޓި ގާތްކަމުންނެވެ. އެހެން މީހުންނަށް ނުކޮށްދޭ ކަންކަން އިކާނަށް ކޮށްދިނެވެ. ތަށްޓަށް އެއްޗެހި އަޅައިދީ، އުލާއި ސަމުސާ ތައްޓަށް ލައިދިނެވެ. ޔަޒްދާންގެ ކައިރީގައި ގޮނޑިއެއް ހުސްކޮށް ހުއްޓާވެސް، ރޫބީ އިށީނީ އިކާންގެ ކައިރީގައެވެ. އިކާން ވަގުތުން ޔަޒްދާނަށް ބަލައިލާފައި އެއްލޯ މަރައިލިއެވެ. ދެމީހުންގެ ކޯޅުން އެންމެ ކައިރިން ފެނުނީ ނަޖާތަށެވެ. މަޑުން އިނދެގެން ނަޖާތު ބެލީ ޔަޒްދާނާއި އިކާންގެ ހަރަކާތްތަކަށެވެ.

********

ނާޝިޒް ހުރީ ފޯނެއްގައެވެ. އެތައް އިރަކަށް ދެމިގެންދިޔަ ކޯލު ނިމުނުއިރު، ނާޝިޒްގެ މޫނުން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ.

"ކީކޭ ބުނީ؟..." ފަލާހާއަށް ނުހުރެވިގެން އަހައިލެވުނެވެ.

"ނެތޯ އެއްވެސް ހެއްކެއް... އަޖައިބެއް..." ނާޝިޒް ސޯފާއަށް ވެއްޓިގަތެވެ.

"ކޮން ހެއްކެއްތަ ނެތިގެން އެ އުޅެނީ؟..." ފަލާހާވެސް ހިތްހަމަނުޖެހުނެވެ.

"އަހަރެން ބުނެފިން އަހަރެމެންވެސް ދެން ކަންކަން ނިންމާނީ މަގުމަތިންނޭ... އެމީހުންނަށް ދުވަހަކު ހެއްކެއް ފެންނަ ކަމަކަށް ނުވޭ..." ނާޝިޒް ދޫކޮށްލީ ފުން ނޭވާއެކެވެ.

"ތި ނައީމުގެ އުނދަގޫ ދެން އިތުރަށް އެކުދިންނަށް ޖެހޭގޮތް މިވީ..." ފަލާހާ ކަންބޮޑުވިއެވެ. "ދެން ނޭނގެ ހަދާނެ ގޮތެއްވެސް..."

"އަހަރެން ތިކަމަށް ގޮތެއް ހޯދާނަން.. ފަލާ ހާސްނުވޭ!..." ނާޝިޒް އެދުނެވެ.

"އިކާނަށް ގުޅާފަ ބުނޭ އިހަށް އެކޮޅުގަ މަޑުކުރާށޭ..." ފަލާހާ ކަންބޮޑުވީ މާޒީގައި ދިމާވިފަދަ ހާދިސާއެއް އަލުން ކުރިމަތިވެދާނެތީއެވެ.

********

ރޫބީ ތަށި ދޮންނަން ހުރިއިރު، އިކާން ހުރީ ތަށިތައް ފޮހެފައި ހަރުގައި ބަންޑުން ޖަހާށެވެ. ދެމީހުންގެ ދެމެދުގައިވީ ހިމޭންކަމެވެ. ދައްކަން ބޭނުންވާ އެތައް ވާހަކައެއް ހުރި ނަމަވެސް، އެކަކަށްވެސް އިސްވެ ދައްކާނެ ވާހަކައެއް ނޭނގުނެވެ.

"ނޫޑްލްސް ވަރަށް މީރު..." އިސްނެގީ އިކާނެވެ. "އަހަރެން ބޭނުން ދަސްކުރަން...."

"ވަރަށް ފަސޭހަވާނެ... ކައްކަންވީމަ ގުޅާ... ކިޔާދޭނަން..." ރޫބީ ބުނެލިއެވެ.

"އަހަރެން ބޭނުންވަނީ ރޫބީ ކައްކާއިރު ކައިރީ ހުރެގެން ދަސްކުރަން..." އިކާން ބަލައިލީ ރޫބީގެ ދެލޮލަށެވެ.

ރޫބީއަށްވެސް އިކާނަށް ބަލައިލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ރޫބީގެ ހަރަކާތްތަކަށް ހުއްޓުމެއް އައިއިރު، އިކާންގެ ހާލަކީވެސް އެއީއެވެ. ރޫބީގެ ހަނދާނަށް އައީ ހޮސްޕިޓަލުގައި ހޭދަވި ވަގުތުކޮޅުގެ މަތިންނެވެ. ރޫބީ ލަދުން އިސްޖަހައިލިއިރުވެސް އިކާނަށް ހުރެވުނީ އެމޫނަށް ބަލާށެވެ. ރޫބީގެ ދެލޮލުން ތުންފަތަށް އެ ނަޒަރު ދަތުރުކޮށްލިއެވެ. ހުދު އިކާންގެ ހިތުގެ ތެޅުންވެސް އިތުރުވިއެވެ.

"ވާހަކައެއް އަހާލަންތަ؟..." އިކާން އަހައިލިއެވެ.

ރޫބީ މަޑުމަޑުން ބޯ ޖަހައިލިއެވެ.

"ރޫބީ މެރީކުރަން ބޭނުންވަނީ ކޮންކަހަލަ މީހަކާ؟..." ދެފިކުރެއްގައި ހުރެފައި، އިކާން އޭނާގެ ހިތަށް އުނދަގޫކުރަމުންދިޔަ ސުވާލު ކުރިއެވެ.

"އޯގާތެރި، ވަފާތެރި މީހަކަށް..." ރޫބީ ވަގުތުން ޖަވާބު ދިނެވެ.

"ކައްކަން ނޭނގުނަސް އޯކޭތަ؟..." އިކާނަށް އަހައިލެވުނެވެ.

އެ ނާޒުކު ވަގުތުގައިވެސް ރޫބީގެ ކައިރިއަށް ހިނި އައެވެ. އެކަމަކު ،އަވަސް އަވަހަށް ހިނިގަނޑު ހިންދާލާފައި ތަށިތައް ދޮންނަން ފެށިއެވެ.

"ސީރިއަސް ވާހަކައެކޭ މި އެހީ..." އިކާން ކުޑަކޮށް ގުދުވެފައި ރޫބީގެ މޫނަށް ބަލައިލަން އުޅުނެވެ.

"އަހަންނަށް ކައްކަން އެނގެންޏާ، ކީއްކުރަން ކައްކަން އެނގޭ މީހަކާ މެރީކުރަނީ؟... އޭރުން ދެން އަހަރެން ކައްކާ އެއްޗެއްސަށް ތައުރީފުކުރާނީ ކާކު؟..." ރޫބީ ބުނެލިއެވެ.

"އެގްޒެކްޓްލީ...." އިކާނަށް ލިބުނީ އާދަޔާ ހިލާފު ހިތްވަރެކެވެ.

ރޫބީއަށް ހެވުނެވެ. އިކާންވެސް ހީގަތެވެ. ބެލްކަނީގައި ހުރެފައި، ނަޖާތާއިއެކު އެތެރެއަށް ވަން ޔަޒްދާނަށް އެމަންޒަރު ފެނުމުން، ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އިކާނާއިއެކު ހޭދަކުރާ ވަގުތުތަކުގައި ރޫބީގެ ތުންފަތުގައި ނުފިލާ ހުންނަ ހިނިތުންވުން ޔަޒްދާނަކަށް ސިއްރެއް ނުވެއެވެ. އޭގެ މާނަ ވިސްނުނު ނަމަވެސް އެކަން ގަބޫލުކުރަން ޔަޒްދާންގެ ހިތް ދެކޮޅު ހަދަމުން ދަނީއެވެ. ނަޖާތަށް އަވަސް ނަޒަރެއް ދެވުނީ ޔަޒްދާންގެ މޫނަށެވެ. އެމޫނުން ރިހުމެއްގެ އަސަރު އޭނާއަށް ފެނުނެވެ. އޭގެ މާނަ އޭނާއަށް ވިސްނުނެވެ.

"އަހަންނާ މެރީކުރަން..." އިކާންގެ ޖުމުލަ ފުރިހަމަނުވަނީސް އެނާގެ ފޯނު ރިންގްވާން ފެށިއެވެ.

ފޯނުގެ އިސްކްރީނަށް ބަލައިލި އިކާން އެ ފޯނު ނެގުމުގެ ކުރިން ރޫބީއަށް ބަލައިލިއެވެ.

"ބައްޕަ އެ ގުޅަނީ... ވަން މިނެޓް..." އިކާން ފޯނު ނެގިއެވެ.

"ދަރިފުޅުމެން އިހަށް ތިކޮޅުގަ މަޑުކޮށްލަން ބައްޕައަށް ފެންނަނީ..." ނާޝިޒްގެ ޖުމުލައިން އިކާންގެ ހިތަށް އެއިން ދުވަހަކު ނުލިބޭވަރުގެ އުފާވެރިކަމެއް ލިބުނެވެ. ހުރިހާ ކަމެއް ނިމެމުން ދިޔައީ އިކާން ބޭނުންވާ ގޮތަށެވެ. "ޕޮލިހުންނަށް ނައީމު ހައްޔަރެއް ނުކުރެވުނު... ބައްޕަ މިއުޅެނީ ރައްޓެއްސަކަށް ގުޅައިގެން..."

"ފަޒާލްވެސް ހުންނާނެއެއްނު... މިކޮޅުގަ އެއްވެސް ކަމެއް ދައްޗެއް ނުވާނެ... އެންމެންވެސް އޯކޭ..." އިކާން އަވަސް އަވަހަށް އެއްބަސްވިއެވެ.

"ބައްޕައަށް ފެންނަނީ ދަރިފުޅުމެންގެ ކައިވެނި ކުރިއަށްވުރެ އަވަސްކުރަން..." ނާޝިޒް ދޫކޮށްލީ ފުން ނޭވާއެކެވެ. "ބައްޕައަށް ހީވަނީ ނައީމުގެ މަގުސަދަކީ ހަމައެކަނި ނަޖާތުގެ މައްސަލަ ނޫންހެން... ނައީމު ބޭނުންވޭ ރޫބީއާ ކައިވެނި ކުރަން... މިރޭ ބައްޕައަށް އެކަހަލަ ވާހަކައެއް އަޑުއިވިއްޖެ... ދަރިފުޅުމެން ކައިވެނިކޮށްފިއްޔާ، އޭނަ އެކަން ހުއްޓާލަފާނެ..."

"ތީ އެންމެ ރަނގަޅު ގޮތް..." އިކާންގެ ހިތް އަވަސްވިއެވެ. "އެކަމަކު، ރޫބީމެން ފެމެލީ..."

"ރޫބީގެ ބޭބެ އެއީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް... ބައްޕަ އެމީހުންނާ ވާހަކަ ދައްކައިފިން.... އެމީހުންގެ ނެތް މައްސަލައެއް... ނައީމުގެ ކަންތައް އެހެން ހުރީމަ، އެމީހުންވެސް ބޭނުންވަނީ ކައިވެނި އަވަސްކުރަން... ރޫބީ އެއްބަސްވަންޏާ، މާދަމާ ރަންކިޔާފަ، ފޯމު ލާން ކިހިނެއްވާނެ؟... ބައްޕަމެން އެންމެން ވާހަކަ ދައްކާފަ މި ނިންމީ އެހެން..." ނާޝިޒް ބުނެލިއެވެ. "ރޫބީ އެބަހުރިތަ ދަރިފުޅަށް ފެންނަ ހިސާބުގަ؟..."

ރޫބީގެ އަތަށް ފޯނު ދިންއިރު އިކާންގެ ހިތް ބާރަށް ތެޅެއެވެ. ރޫބީ ފޯނު ހިފައިގެން ދުރަށްޖެހުމުން، އިކާން ކުރިއަށްވުރެ ނުތަނަވަސްވިއެވެ. ރޫބީ އެއްބަސްވެދާނެ ހެއްޔެވެ؟ އިކާނާއި ކައިވެނިކުރަން ބޭނުންވެދާނެ ހެއްޔެވެ؟ ރޫބީގެ މޫނުމަތީގެ އަސަރުތައް ދެނެގަނެވޭތޯ އިކާން މަސައްކަތް ކުރިއެވެ. އެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު