ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ ޓެކާސް ދިރާގު ރިސޯޓު ކަޕުގެ ރާ ޒޯނުގެ ފައިނަލުގައި ޖޯލި މޯލްޑިވްސްއާއި ކޯރާ ކޯރާ މޯލްޑިވްސް ބައްދަލުކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ފައިނަލަށް ޖޯލި ދަތުރުކޮށްފައިވަނީ ތިން ޓީމު ވާދަކުރި ޒޯނު ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ.
އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ.

ފައިނަލުގައި ޖޯލިއާ ވާދަކުރަނީ ކޯރާ ކޯރާއެވެ. އެ ޓީމު ފައިނަލުގެ ޖާގައެއް ހޯދީ ހޯމަދުވަހު ކުޅުނު ސެމީ ފައިނަލުގައި އިފުރު އައިލެންޑް މޯލްޑިވްސްއާ ވާދަކޮށް 6-1ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގައި ކޯރާ ކޯރާގެ މުޙައްމަދު އިސާމް ހެޓްރިކެއް ހެދިއިރު، އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައެވެ. ދެން މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ޖެހި އަޙްމަދު ޒަމީމް އާއި އެއް ލަނޑު ޖެހި އަލީ ޝަމާލްއެވެ.
އިފުރު ޓީމަށް މި މެޗުގައި ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑަކީ އެ ޓީމުގެ މިރުޒާހު ކާމިޔާބުކޮށްދިން ލަނޑެކެވެ. މި މެޗާއެކު އިފުރަށް ވަނީ މުބާރާތް ނިމިފައެވެ.
ޖޯލި އާއި ކޯރާ ކޯރާ ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަދުވަހުގެ ހަވީރެވެ. މި މެޗު ސަން ޕްލޭ މެދުވެރިކޮށް ގެނެސްދޭނެއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.