އިންސާނާގެ ހެދިބޮޑުވުމުގައި ވަރަށް މުހިއްމު ގުޅުމެއް އޮންނަ އެއް ފަރާތަކީ ޓީޗަރުންނެވެ. ޓީޗަރު، މުދައްރިސް، އުސްތާޛު، މުޢައްލިމް، ނުވަތަ އެ ނޫން އެހެން ނަމެއް ކީކަމުގައި ވިޔަސް އޭނާއަކީ، އެ މީހެއްގެ ކިބައިން ރޫޙާނީ ފައިދާއާއި ޖިސްމާނީ މަންފާއާއި ދުނިޔަވީ އެތައް ކަމެއް ޙާޞިލުވާ ފަރާތެކެވެ.
އެހެންކަމުން ދަރިން ތަރުބިއްޔަތު ކުރުމުގެ ދާއިރާގައި އިސްލާމްދީން އުސްތާޛަށް ދެއްވައިފައި ވަނީ މައިންބަފައިންނަށް ދެއްވައިފައި ވާ މަޤާމާ ދާދި އެއްވަރުގެ ޤަދަރެކެވެ. އެއީ ކީއްވެތޯއެވެ؟ އެއީ މައިން ބަފައިންނަށް ފަހު އެ ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ ބޮލުއަޅާ ބަޔަކީ އުސްތާޛުން ނުވަތަ ޓީޗަރުން ކަމުގައި ވާތީއެވެ.
ދިވެހިރާއްޖެއަށް ތަޢުލީމީ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޝްހޫރު ޢިލްމުވެރިޔާ ޝައިޚުލް އުސްތާޛް މުޙައްމަދު ޖަމީލު ދީދީ އެކަލޭގެފާނުގެ ފޮތް ދުރޫސުލް އަޚްލާޤުގައި ލިޔުއްވާފައިވެއެވެ. "ކުއްޖާގެ ފުރާނައާއި ބުއްދި ތަރުބިއްޔަތު ކުރަނީ އެދުރު މީހާއެވެ. މައިންބަފައިން ގެންގުޅެ ބޮޑު ކުރަނީ ހަށިގަނޑެވެ. އެހެން ވީއިރު މައިންބަފައިންގެ ދަރުމަވަންތަވެރި ކަމަށްވުރެ އެދުރުމީހާގެ ދަރުމަވަންތަވެރިކަން މާ ބޮޑެވެ." (ދުރޫސުލް އަޚްލާޤް)
އަޅުގަނޑުމެންގެ ދަރިންނަށް ދުނިޔޭގެ އުޅުމާއި ގުޅުންތައް ބަހައްޓާނެ ގޮތާއި، އުޅެގެން ނުވާނެ ގޮތް ކިޔައިދީ، އެ ގޮތްތަކުގެ މަތީ އެ ދަރިން ތަރުބިއްޔަތުކޮށް ރާނާހާނާ ބަޔަކީ އުސްތާޛުންނެވެ. ފޮތްތަކުގައި ވާ ޢިލްމު ހޯދައި ލިބިގަތުމުގައި އެބައިމީހުންނީ ދަރިވަރުންގެ މަދަދުގާރުންނެވެ. މި ސަބަބުތަކަށް ޓަކައި އުސްތާޛަކީ އިޙްތިރާމާއި ޤަދަރު ލިބުން ވާޖިބުވެފައިވާ މީހެކެވެ.
މަސްބާނަން ދަސްކޮށްދެއްވަނީ އުސްތާޛެކެވެ. ވަޑާންކުރަން، ނޫނީ ކަނބުރުގޭގައި އިނދެ ދަގަނޑު ތަޅަން ދަސްކޮށްދެއްވަނީ ވެސް އުސްތާޛެކެވެ. މި ތިއްބަވަނީ މުޅިން ވެސް ޢިލްމު ބަޔާންކޮށްދެއްވާ ބޭބޭކަލުންނެވެ. މައިންބަފައިންނަށް ދޭ ފަދަ ޢިއްޒަތާއި ޤަދަރެއް މި ބޭބޭކަލުންނަށް ދިނުމަކީ ޢައިބު ކަމެއް ނޫނެވެ.
އިހުގެ ޖީލުތަކުގައި ކިޔަވައިދޭ އެދުރު މީހާއަށް ކޮށްއުޅުނު އިޙްތިރާމާއި ޤަދަރު މިހާރު ކުރާތީ ނުފެނެއެވެ. މި ކަންކަން މި ވަނީ ޒަމާނާ އެކު ވަރަށް ބޮޑަށް ބަދަލުވެފައެވެ. އަދަބު އިޙްތިރާމު އެއީ ކިހިނެތް ކުރާ އެއްޗެއްކަން ދަންނަ މީހުން ވަރަށް މަދުވެއްޖެއެވެ. މިއީ އިޖްތިމާޢީ ފޭރާން ބާވެ ހަސްފަސްނެތިދާ ކަމުގެ އެންމެ ފުރަތަމަ ނިޝާނެވެ. އަޙްލާޤު ގެއްލޭ ކަމުގެ ރަމްޒެވެ.
މުޖްތަމަޢުގެ ކުރިއެރުމާއި ހަމަޖެހުން ގެނައުމަށް ފަރުދީ ގޮތުން އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ، ޓީޗަރުންނަށް އިޙްތިރާމާއި ޤަދަރުކުރަން ދަރިންނަށް ދަސްކޮށްދިނުމެވެ. މާދަމާގެ ޖީލު ބިނާކުރަން ތިބި ބަޔަކީ މިއަދުގެ ޅަ ދަރިންނެވެ. މާދަމާގެ ޓީޗަރުންނަކީ އެއީއެވެ. މިއަދު އެ ކުދިންގެ ކުރިމަތީ ޓީޗަރަށް ބޭއަދަބީ ކުރަންޏާ މާދަމާ އެ ކުދިން ޓީޗަރުންގެ ގޮތުގައި މުޖުތަމަޢަށް ކުރާނީ ކޮން ޚިދުމަތެއްބާއެވެ؟
ލޮބުވެތި މައިންބަފައިންނޭވެ. ދަރިންނަށް ޓީޗަރުންގެ މާތްކަމާއި މަތިވެރިކަން ވިސްނައިދޭށެވެ! ޚުދު ތިބާ ވެސް އެ ކުދިން ކުރިމަތީ ޓީޗަރުންނަށް އިޙުތިރާމާއި ޤަދަރުކުރާށެވެ!
އިޙްތިރާމު ލިބިގެންވާ ޓީޗަރުންނޭވެ. ދަރިވަރުންނަށް އަމާނާތްތެރިވެލައްވާށެވެ! މައިންބަފައިން އެ މީހުންގެ ދަރިންނަށް ދޭން އެދޭ ތަޢުލީމު ދެއްވުމުގައި ހީވާގި ވެލައްވާށެވެ!
ކިޔަމަންތެރި ދަރިވަރުންނޭވެ. ޢިލްމު ލިބިގަތުމަށް ދަހިވެތިވާށެވެ! ޓީޗަރުންގެ ކުރިފުޅުމަތީ މަޑުމައިތިރިވާށެވެ. ހަމަހިމޭންކަމާ އެކު ކަނުލައި އަޑުއަހާށެވެ. ދުވަހުން ދުވަހަށް ފިލާވަޅު ދަސްކޮށްގެން އިމްތިޙާނުތަކަށް ތައްޔާރުވާށެވެ. މައިންބަފައިންގެ ނަސޭހަތް އަހައި ކިޔަމަންތެރިވާށެވެ. މި ކަންކަމަށް ތައުފީޤު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދަންނަވާށެވެ!