ޣައްޒާގެ ބައެއް ވިޔަފާރިވެރިން މެދުވެރިކޮށް ވަކި މިންވަރަކަށް ޣައްޒާއަށް މުދާ ވެއްދުމުގެ ހުއްދަ ދޭނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ޔުނިޓް، ކޯގެޓްއިން ބުނީ އިންސާނީ އެހީ ފޯރުކޮށްދިނުން ފުޅާކުރުމަށް ކެބިނެޓުން ފާސްކޮށްފައިވާ ކަމަށާއި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތައް މެދުވެރިކޮށް ޣައްޒާއަށް އެހީގެ ސާމާނު ވެއްދޭނެ ކަމަށެވެ.
އެ އިދާރާއިން ބުނީ, ޣައްޒާއަށް ވެއްދޭނެ އެހީގެ ސާމާނުގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ބާވަތްތަކާއި، ތުއްތު ކުދިންގެ ކާނާއާއި، މޭވާއާއި ތަރުކާރީއާއި، ސާފުތާހިރުކަމަށް ބޭނުންވާ ސާމާނު ހިމެނެއެވެ.
"މިކަމުގެ މަގުސަދަކީ ޣައްޒާއަށް ވަންނަ އެހީގެ މިންވަރު އިތުރުކުރުމާއި، އދ އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ގެންނަ އެހީއަށް ބަރޯސާވުން ކުޑަކުރުން،" ކޯގެޓްއިން ބުނެފައިވެއެވެ.
ފަލަސްތީނާއި އދގެ އޮފިޝަލުން ބުނާ ގޮތުގައި އިންސާނީ އެހީގެ ގޮތުގައި ދުވާލަކު ގާތްގަނޑަކަށް 600 އެހީގެ ޓްރަކް ޣައްޒާއަށް އެތެރެވާން ޖެހެއެވެ.
ކުޑަކުދިން ހިމެނޭ ގޮތަށް ބަނޑުހައިހޫނުކަމުގެ ތެރޭގައި ތިބި ފަލަސްތީނުގެ މީހުންގެ ފޮޓޯތަކާއި ވީޑިއޯތައް ފާއިތުވި ހަފުތާތަކުގައި ވަރަށް ބޮޑަށް އާންމުވެފައިވާއިރު، ހަމާސްއިން ހުކުރު ދުވަހު އާންމުކުރި ވީޑިއޯއެއްގައި ވަރަށް ބޮޑަށް އަނަރޫފަވެފައިވާ އަސީރެއް ފެނިފައިވެއެވެ. އެހެންވެ، ހުޅަނގުގެ ބާރުތަކުން ވަނީ ހަމާސްއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.
ޣައްޒާގެ އާންމުން ބަނޑަށްޖައްސައި، ހަމަލާތައް ވަރުގަދަކުރަމުން އަންނާތީ ބައިނަލްއަޤުވާމީ މުޖުތަމައުގެ ފާޑިކިޔުން އަމާޒުވުމުން އިސްރާއީލުން ވަނީ އެހީ ފޯރުކޮށްދިނުމަށް އަޅާނެ ފިޔަވަޅުތަކެއް މިދިޔަ ހަފުތާގައި އިއުލާނުކޮށްފައެވެ.
އޭގެ ތެރޭގައި ބައެއް ސަރަހައްދުތަކުގައި ދުވަހުގެ ބައެއް ވަގުތު ހަނގުރާމަ ހުއްޓާލުމާއި، ވައިގެ މަގުން އެހީ ފޯރުކޮށްދިނުމަށް ހުއްދަ ދިނުމާއި، ރުހުން ދިނުމާއި އަދި އެހީގެ ޓްރަކްތައް ދަތުރުކުރެވޭނެ ރައްކާތެރި މަގުތައް އިއުލާނުކުރުން ހިމެނެއެވެ.
އިސްރާއީލުން ދާއިމީކޮށް އެހީ ފޯރުކޮށްދިނުމުގެ މަގު ހުޅުވާލައި، އެހީ ބަހާ ވަގުތު ތަކުގައި ހަމަލާތައް ހުއްޓާލާނާމަ، ޣައްޒާގައި ރަހީނުކޮށްފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ރެޑްކްރޮސްއާ މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށް ހަމާސްއިން ބުނެއެވެ.
މިދިޔަ މެއި މަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން ތާއީދުކުރާ ޣައްޒާގެ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)އިން އެހީ ބެހުމުގެ މަސައްކަތްކުރަމުން އަންނައިރު، އެ ޖަމިއްޔާއާ އެކު މަސައްކަތްކުރުމަށް އެމެރިކާއާއި އިސްރާއީލުން ވަނީ އދ ގައި އެދިފައެވެ.
ނަމަވެސް، އދ އިން ވަނީ އެ ކަމަށް އިންކާރު ކޮށްފައެވެ. ޖީއެޗްއެފްއިން ހިންގާ އެހީ ބަހާ ސަރަހައްދުތައް ކައިރިން މިހާތަނަށް ވަނީ 1000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން މަރާލާފައިވާ ކަމަށް އދ އިން ބުނެއެވެ.