އިސްރާއީލަށްޓަކައި އެމެރިކާ މީހުންނަށް އަދަބު ދޭން ނިންމެވި ނިންމެވުން ޓްރަމްޕް ބަދަލުކުރައްވައިފި

ތޫފާނެއްގައި އެމެރިކާގެ ޓެކްސަސް ގައި ފެންބޮޑުވެ އެސްޓޭޓަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް

ވޮޝިންޓަން (05 އޮގަސްޓް 2025): އިސްރާއީލުން ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލަން ހިންގާ ޖަރީމާތަކަށް ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާގެ ބައެއް ސްޓޭޓްތަކުން އިސްރާއީލާއި އިސްރާއީލުގެ މަސްލަހަތު އޮންނަ ކުންފުނިތައް ބޮއިކަޓްކުރަން ފަށާފައިވާއިރު އެ ސްޓޭޓްތަކަށް އަދަބު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުން ބަދަލުކުރަން އެންމެ ފަހުން އޭނާއަށް މަޖުބޫރުވެވަޑައިގެންފިއެވެ.

މިކަން ކަށަވަރުކޮށްދެއްވަމުން ޓްރަމްޕް ވިދާޅުވީ، އިސްރާއީލާއި އިސްރާއީލުގެ މަސްލަހަތު އޮންނަ ކުންފުނިތައް ބޮއިކަޓް ކުރާ ސްޓޭޓްތަކަށް އަދަބުދިނުމަށް އޭނާ ނިންމެވި ނިންމެވުން މިހާރު ބަދަލުކުރައްވާފައިވާ ކަމުގައެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ.

އިސްރާއީލާއި އިސްރާއީލުގެ މަސްލަހަތު އޮންނަ ކުންފުނިތައް ބޮއިކަޓްކުރާ އެމެރިކާގެ ސްޓޭޓްތަކާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ފިޔަވަޅަކީ ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް އެމެރިކާގެ ފެޑްރަލް ސަރުކާރުން ސްޓޭޓްތަކަށް ދޭ މާލީ އެހީތައް އެ ސްޓޭޓްތަކަށް ނުދޭގޮތަށް ނިންމެވުމެވެ.

އެމެރިކާގެ ނިޒާމު އޮންނަ ގޮތުން ގުދުރަތީ ކާރިސާތަކުން އެމެރިކާގެ ސްޓޭޓްތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށާއި އެ ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ މައިގަނޑު މާލީ އެހީ ފޯރުކޮށްދޭންޖެހޭ ފަރާތަކީ ފެޑްރަލް ސަރުކާރެވެ. މި ފައިސާ ފޯރުކޮށްދެނީ އެމެރިކާގެ ފެޑެރަލް އިމަޖެންސީ މެނޭޖްމެންޓް އޭޖެންސީ (ފީމާ) އިންނެވެ.

މިއީ އެމެރިކާގެ ފެޑްރަލް ސަރުކާރުގެ ވުޒާރާއެއް ކަމަށްވާ "ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިޔުރިޓީ"ގެ ދަށުންގައި އޮންނަ އެޖެންސީއެކެވެ.

ފާއިތުވި އަށެއްކަ މަސް ތެރޭގައި އެމެރިކާގެ އެތައް ސްޓޭޓަކަށްވަނީ ޖަންގަލިތަކުގައި ރޯވުމާއި ތޫފާންތަކުގެ ސަބަބުން ފެންބޮޑުވުމާއި އިމާރާތްތަކާއި މަދަނީ އިންފްރާސްޓްރަކްޗަރު ހަލާކުވުންފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ކާރިސާތަކުގައި 400 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެތައް ހާސް ބަޔަކުވަނީ ޒަޚަމުވެފައެވެ. އަދި، އެތައް ހާސް ގެއެއް ވެސް ވަނީ ހަލާކުވެފައެވެ.

މި ގެއްލުންތަކުން އަރައިގަތުމަށް އެތައް ބިލިއަން ޑޮލަރެއް އެ ސްޓޭޓްތަކަށް ބޭނުންވެފައިވާއިރު ފެޑްރަލް ސަރުކާރުގެ މާލީ އެހީ ނުލިބިގެން މި ގެއްލުންތަކުން އަރައިގަނެވޭނެ ގޮތްވަނީ ނުވެފައެވެ.

އެމެރިކާގެ ފެޑެރަލް އިމާޖެންސީ މެނޭޖްމެންޓް އޭޖެންސީ (ފީމާ)އިން އިއްޔެ ބުނެފައިވަނީ ކާރިސާތަކުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ސްޓޭޓްތަކަށް 1.9 ބިލިއަން ޑޮލަރު ދިނުމަށް ނިންމައި، އެ ސްޓޭޓްތަކަށް އެކަން އަންގާފައިވާނެ ކަމުގައެވެ. އަދި، އިތުރު ތިން ބިލިއަނެއްހާ ޑޮލަރު ވެސް ވަރަށް އަވަހަށް އެ ސްޓޭޓްތަކަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމުގައެވެ.

މި ފައިސާ ޚަރަދު ކުރަންޖެހޭނީ ކާރިސާތަކުގައި ގެއްލިފައިވާ މީހުން ހޯދުމުގެ އޮޕަރޭޝަންތަކަށާއި ކާރިސާތައް މެނޭޖް ކުރުމަށާއި އިމާޖެންސީ ހާލަތްތަކުގައި ކަރަންޓު ދިނުމަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށެވެ.

ކާރިސާތައް މެނޭޖްކުރުމުގެ ޚަރަދުތަކުގެ ތެރޭގައި އެ ކަމާ ބެހޭ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމާއި ކާރިސާގެ ސަބަބުން ގެދޮރު ގެއްލޭ މީހުންނަށް ވަގުތީ ހިޔާވަހިކަން ދިނުމަށް ހިނގާނެ ޚަރަދުފަދަ ޚަރަދުތައް ހިމެނެއެވެ.

ޣައްޒާއަށް އިސްތިއުމާރީ އުސޫލުން އަތްގަދަ ކުރުމަށްޓަކައި އިސްރާއީލު ގެންދަނީ ގަތުލުއާންމުތައް ހިންގައިގެންނާ އަދި ޣައްޒާގެ އާންމުން ބަނޑަށް ޖައްސައި މަރައިގެން އެ މީހުންގެ ނަސްލު ނައްތާލުމަށް ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ.

މި ޖަރީމާތައް މަޝްހޫރުވެފައިވަނީ ޣައްޒާ ހޮލޮކޯސްޓްގެ ނަމުންނެވެ. ޣައްޒާ ހޮލޮކޯސްޓަށް ސީދާ ގޮތެއްގައި އެހީތެރިވަނީ އެމެރިކާގެ ފެޑްރަލް ސަރުކާރުންނެވެ. ދެން ޔޫރަޕްގެ ގިނަ ގައުމުތަކުންނެވެ.

އެމެރިކާއަކީ ޔަހޫދީންގެ ބާރާއި ނުފޫޒުގެ ދަށުގައިވާ ގައުމެއް ނަމަވެސް އިސްރާއީލުން ޣައްޒާގައި ހިންގާ ހޮލޮކޯސްޓްގެ ޖަރީމާތަކާ ދެކޮޅަށް އެމެރިކާގެ އާންމު ރައްޔިތުން ގެންދަނީ ވަރަށް ހިއްވަރާ އެކު ތެދުވެ، މުޒާހަރާ ކުރަމުންނެވެ. އަދި، ބިރު ކަނޑާލައި ތޮށިގަނޑު ފަޅާލުމަށް ފަހު އެމެރިކާގެ އާންމުން ގެންދަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބަސްބުނެ އަޑުއުފުލަމުންނެވެ.

މީގެ ތެރޭގައި އެމެރިކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުންނާއި ޕްރޮފެސަރުން ހިމެނެއެވެ. މި މައްސަލާގައި އެމެރިކާގެ ފެޑްރަލް ސަރުކާރުންވަނީ ޔުނިވާސިޓީތަކަށް ދޭ އިނާޔަތްތައް ވެސް ހުއްޓުވާފައެވެ.

އެމެރިކާގެ ވެރިންނާ އަދި ކޮންގްރެސްގެ މެންބަރުން މަގާމުތަކަށް އިންތިޚާބުކުރާއިރު އެ މީހުންގެ ކޭންޕެއިންތަަކަށް އެންމެ ބޮޑަށް ޚަރަދުކުރަނީ ޔަހޫދީ ޒަޔަނިސްޓް ކުންފުނިތަކާއި އިސްރާއީލަށް ވާގިވެރިވާ ޔަހޫދީ މަހުޖަނުންނެވެ.

އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުން ވަނީ އިސްރާއީލުން ކޮންމެ ފަދަ ޖަރީމާއެއް ހިންގިޔަސް އިސްރާއީލު ކުށްވެރި ނުކުރެވޭނެ ކަމަށާއި އިސްރާއީލަށް ވާގިވެރިވުމަކީ ދީނީގޮތުން އެ މީހުންގެ މައްޗަށް ވާޖިބު ކަމެއްކަމަށް ސިފަކުރައްވާފައެވެ.

ޓްރަމްޕްގެ މި ނިންމުން ބަދަލުކުރެއްވީ ކުރިއަށް އޮތް އެމެރިކާގެ ކޮންގްރެސްގެ އިންތިޚާބުގައި ރައްޔިތުންގެ ވޯޓު ނުލިބި ކޮންގްރެސްގެ އިންތިޚާބު އޭނާގެ ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބު ވެދާނެކަމުގެ ބިރު އޮތުމުންކަމަށް މުރާސިލުން ބުނެއެވެ.

comment ކޮމެންޓް