ތިނަދޫ މޭޔަރުގެ ސަސްޕެންޝަން މައްސަލަ ކޯޓަށް ބަލައިގަންނަން އަންގައިފި

ތިނަދޫގެ މޭޔަރު ސައުދު: އޭނާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފައި -- ފޮޓޯ/ ތިނަދޫ ކައުންސިލް

ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ)އިން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑުކުރި މައްސަލަ ސިވިލް ކޯޓަށް ބަލައި ނުގަންނަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން ބަދަލުކޮށް، އެ މައްސަލަ ކޯޓަށް ބަލައިގަތުމާމެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓުގެ އިސްގާޒީ މަރްޔަމް ވަހީދު އަންގަވައިފިއެވެ.

ތިނަދޫ މޭޔަރު ސައުދާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކުރިކަން އެލްޖީއޭއިން ނިންމީ ޖޫން މަހު ފަހުކޮޅެވެ. އެ ނިންމުން އެލްޖީއޭއިން ނިންމީ، 19 މައްސަލައެއް ބެލުމަށް ކުރިއަށްގެންދިޔަ އެންކުއަރީއަކަށް ފަހެވެ. ސައުދު ސަސްޕެންޑުކޮށްފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށްވާއިރު ނަސްރުﷲ ސަސްޕެނޑުކޮށްފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ.

އެ ނިންމުންތަކާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައި ނުގަންނަންނަން ނިންމީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހެވެ. އެކަމަކު، ރެޖިސްޓްރާގެ ނިންމުން ރިވިއުކުރަން ހުށަހެޅުމުން އިސްގާޒީ މަރްޔަމް ވަނީ ރެޖިސްޓްރާގެ ނިންމުން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މަރްޔަމްގެ ނިންމުމުގައި ވިދާޅުވީ، އެ މައްސަލަ ބަލައިނުގަންނަން ނިންމި އިޖުރާއީ ކަންކަން އަލުން ފުރިހަމަކޮށް ހުށަހެޅުމުން މައްސަލަ ބަލައިގަނެ، ގަޒިއްޔާއެއްގެ ގޮތުގައި ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ދެ ބޭފުޅުން ސަސްޕެންޑުކުރި ދުވަހުން ފެށިގެން ވެސް ސައުދު ގެންދަވަނީ އެ ފިޔަވަޅު އަޅާފައިވަނީ ސިޔާސީ ސަބަބުތަކާ ހެދި ކަމަށް ތުހުމަތުކުރައްވަމުންނެވެ. ސަސްޕެންޝަނާ ގުޅިގެން ސައުދު "ސަން"އަށް ކުރިން ވިދާޅުވީ، އެ ތުހުމަތުތަކަށް ބާރުދޭ ހެކިތައް ލިބިފައިވާ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ، ސައުދާއި ނަސްރުﷲ ސަސްޕެންޑުކުރުވަން އެލްޖީއޭއަށް މައްސަލަތައް ހުށަހަޅާތާ މަސްތަކެއް ވެއްޖެ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މައްސަލައެއް ނެތް ދެ ލައްކަ މައްސަލަ އަޅުގަނޑުމެންނާ ދެކޮޅަށް ހުށަހެޅި ކަމުގައިވިޔަސް. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތަށް ލޯކަލް ގަވަމެންޓް އޮތޯރިޓީވާއިރު އެ ބޭފުޅުންގެ ގާނޫނީ ޒިންމާއެއް އެ ކަންކަން ބެލުމަކީ. ބަލައި ކަމަށްވަންޏާ ބަލަން ޖެހޭނީ ވަކި ސިޔާސީ ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކީ،" ސައުދު ވިދާޅުވިއެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި ދުވަސްވަރު އެލްޖީއޭއިން އިޖުރާތުތައް ފުރިހަމަ ވެސް ނުކޮށް އެ ފިޔަވަޅުތައް އަޅައިފައިވަނީ، އަންނަ އަހަރުގެ ކައުންސިލް އިންތިޚާބާ ދިމާކޮށް ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށެވެ.

މީގެ އިތުރުން، ސައުދު ވަނީ އެލްޖީއޭއިން ބެލި ގިނަ މައްސަލަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި، އިދާރީ މައްސަލަތަކަކީ ކޮންމެ އިދާރާއެއްގައި ވެސް އޮންނާނެ މައްސަލަތައް ކަމަށާއި އެއީ ރަނގަޅުކުރަމުންދާން ޖެހޭ ކަންތައްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އެލްޖީއޭއިން ފިޔަވަޅު އަޅައި ބުނެފައިވަނީ ތިނަދޫ ސިޓީ ކައުންސިލުން އެ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ. އަދި، ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކައުންސިލްގެ މިންގަނޑާ ޚިލާފަށް މޭޔަރާއި މެންބަރުން ޢަމަލުކުރާކަމަށް ބުނެ އާންމުން ދައުލަތުގެ އެކި އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

އެލްޖީއޭއިން އިންކުއަރީގައި ހިމަނާފައިވާ 19 މައްސަލައިގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބުދާރީނުވެ ފޮނުވާލާ މައްސަލައާއި ރަށްވެހިކަން ބަދަލު ކުރުމަށް ހުށަހެޅުމުން 5000 ރުފިޔާގެ ފީއެއް ނެގުމާއި އެފީ ނުނެގުމަށް އެލްޖީއޭއިން އެންގި އެންގުމަށް އަމަލުނުކުރުމާއި އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

comment ކޮމެންޓް