ޕޮލްކޯ ފްލެޓް: ފުލުހުންގެ އާއިލާގެ މައުލޫމާތު ހިއްސާކުރާތީ ކޮމިޓީ ސިއްރުކޮށްފި

މާލިއްޔަތު ކޮމިޓީގައި ނާޒިމް: ޕޮލްކޯ ފްލެޓް މައްސަލައިގައިި ފުލުހުންގެ އާއިލާގެ މައުލޫމާތު ހިއްސާކުރާތީ ކޮމިޓީ ވަނީ ސިއްރުކޮށްފައި -- ފޮޓޯ/ މަޖިލިސް

ފުލުހުންގެ ވެލްފެއާ ކުންފުނި (ޕޮލްކޯ)އިން ފުލުހުންނަށް ޚާއްސަކޮށްގެން އެޅި ފުލެޓުތަކާ ގުޅޭ ގޮތުން ބަލާ މައްސަލައިގައި ފުލުހުންގެ މިހާރުގެ ބައެއް އިސްވެރިންނާއި އެ މީހުންގެ އާއިލާގެ މައުލޫމާތު ހިމެނޭ ކަމަށް ބުނެ، އެ މަޝްރޫއުގެ ޚާއްސަ އޮޑިޓް ރިޕޯޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ފެށުމުގެ ކުރިން ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، މިއަދުގެ ބައްދަލުވުން ބާއްވަނީ ކޮމިޓީއަށް ވިސްލްބްލޯވަރުން ފޮނުވި މައުލޫމާތުތައް ޔަގީންކުރަން ވެގެން ކޯޓުތަކާއި އޭސީސީއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ތެރެއިން ހޯދި މައުލޫމާތުގެ އަލީގައި ކަމަށާއި، ވިސްލްބްލޯވަރުންގެ ފަރާތުން ފަސް މައްސަލައެއް ފާހަގަވި ކަމަށެވެ.

މި މައްސަލައިގައި ކޮމިޓީއަށް ލިބުނު މައުލޫމާތުގެ ތެރޭގައި މައްސަލައިގައި ޝާމިލުވާ އިސް އޮފިސަރުންނާއި އެ މީހުންގެ އާއިލާ މެންބަރުންނާއި އެ ތަނުން އެކަކުގެ ދަރިއެއްގެ މައުލޫމާތު ހިއްސާކޮށްފައި އޮތުމުން މަސްލަހަތު ބޮޑު ކަމަށް ވިދާޅުވެ، ނާޒިމް ނިންމެވީ ކޮމިޓީ ސިއްރުކުރުމަށެވެ.

އިއްޔެ އެ ސަބް ކޮމިޓީން ނިންމީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭ ފުލުހުންގެ މިހާރުގެ ބައެއް އިސްވެރިން ހިމެނޭތީ، އަދި މި މައްސަލައިގައި ޖިނާއީ ސީރިއަސް ތަހުގީގެއް ހިންގޭނެތީ، މި މައްސަލައިގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ކަނޑައަޅައި، މި މައްސަލަ ބެލުމަށް އޭސީސީގައި ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް ސެކްޝަނެއް އުފައްދައި، އެ ސެކްޝަނުން އެ މައްސަލަ ބެލުމަށް ލަފާ ދިނުމަށެވެ.

މީގެ އިތުރުން، މި ސަބް ކޮމިޓީން ވަނީ ޕޮލްކޯ މަޝްރޫއުގެ މައްސަލައިގައި ޝާމިލުވާ ކުރީގެ ފުލުހުންނަށާއި މިހާރުގެ ފުލުހުން ނުހައްގު މުއްސަނދިކަން ހޯދާފައިވާތީއާއި އެހެން ފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވުމުގެ އިތުރުން ދައުލަތަށް ގެއްލުން ދީފައިވާތީ އެ ފުލުހުންގެ މައްޗަށް ފިޔަވަޅު އަޅަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް އަންގަން ނިންމައިފައެވެ.

ޕޮލިސް ފްލެޓްތައް: އޮޑިޓް ރިޕޯޓްގައި ވަނީ ޕޮލްކޯގެ ވެރިންނަށް ފިޔަވަޅު އަޅަން ލަފާދީފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހަމަ އެއާއެކު، އެކި މަޝްރޫއުތަކަށް ޑިއުޓީ މާފުކޮށް ދޫކޮށްފައިވާ ޑްރެޖަރާއި ހައިމާކު ފަދަ އުޅަނދުފަހަރުގެ ލިސްޓެއް އެކުލަވާލައި މާލިއްޔަތު ކޮމިޓީއާ ރިޕޯޓު ހިއްސާކުރުމަށް ކަސްޓަމަށް އެންގުމަށް ވެސް އިއްޔެގެ ބައްދަލުވުމުގައި ނިންމާފައިވެއެވެ.

ޕޮލްކޯގެ ހައުސިން މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށް، މިދިޔަ ޖެނުއަރީ މަހު ނެރުނު އޮޑިޓް ރިޕޯޓުން ދައްކާފައިވެއެވެ. އެހެންވެ، އޭރު ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބެވި ބޭފުޅުންނަށް ފިޔަވަޅު އަޅަން އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

އެ މަޝްރޫއު އޮޑިޓްކުރި ތާރީޚުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، އަކަފޫޓަކަށް 1،851 ރުފިޔާއެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، މާލީ ވުޒާރާގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކަށް ބަލާއިރު އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ އަމިއްލަ ކުންފުނިތަކުން އަކަފޫޓަކަށް 1،300 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަގެއްގައި އެ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ ކަމަށެވެ.

ނަމަވެސް އެ މަޝްރޫއަށް 240.1 މިލިއަން ރުފިޔާއާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރަށް ޚަރަދުވެފައިވާކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނީ އެއީ ޕޮލްކޯގެ ނާގާބިލުކަމާއި ކޮރަޕްޝަނަށް ޝައްކުކުރެވޭ ކަންތައްތަކެއްގެ ސަބަބުން ގެއްލުނު ފައިސާ ކަމަށެވެ.

ފުލުހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތިން ޓަވަރު އެޅީ ޖުމްލަ 361 ފްލެޓާއި 20 ޕެންޓްހައުސްއާ ވެސް އެކީގައެވެ. 2013 ގައި އަމަލީ މަސައްކަތް ފެށި އެ ފްލެޓުތައް ނިމި، މީހުންނަށް ދިރިއުޅެވޭ ވަރުވީ މިދިޔަ އަހަރު ތެރޭގައެވެ.

comment ކޮމެންޓް