އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ދިވެހި އަންހެނުން ތަފާތު ދައްކަނީ

އޭޝިއަން ސާފިން މުބާރާތުގައި ރާއްޖޭގެ އަންހެން ރާޅާއެޅުންތެރިއެއް-- ފޮޓޯ: ސިޑިބަރި

އިންޑިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ދެވަނަ ބުރަށް ދަތުރުކޮށް, ރާއްޖޭގެ އަންހެން ރާޅާއެޅުންތެރިން ތަފާތު ދައްކައިފިއެވެ.

އިންޑިއާގެ ޓެމިލްނާޑުގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ގައުމީ އަންހެން ތިން ރާޅާއެޅުންތެރިން ހިމެނެއެވެ. އެއީ މަރިޔަމް ރާހިލް ނަސީމް (އާޔާ) އާއި ފާތިމަތު ރިޝްތާ ސުޖާއުގެ އިތުރުން ޝާޒިޔާ ސައީދު (ސާޒު)އެވެ.

މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި މުބާރާތުގައި މިއަދު އަންހެން ޑިވިޝަންގެ ހީޓުތައް ކުރިއަށް ގެންގޮސްފައިވާއިރު، އަންހެން ޑިވިޝަންގެ ދެވަަނަ ހީޓުގައި ގައުމީ ޓީމުގެ އާޔާ ވަނީ ވާދަކޮށް ދެވަނަ ހޯދައިފައެވެ.

މި ހީޓުގައި އާޔާގެ ރާޅެއް ދުއްވާފައިވާއިރު، ޖުމްލަ 1.30ގެ ނަތީޖާ އަކުން އާޔާ ވަނީ ދެވަނަ ހޯދައިފައެވެ. މި ހީޓުގައި އާޔާ ދުއްވި ފުރަތަަމަ ރާޅަށް 0.50ގެ ސްކޯއެއް ހޯދާފައިވާއިރު، ދެވަނަ ރާޅުން 0.80ގެ ސްކޯއެއް އާޔާ ވަނީ ހޯދައިފައެވެ.

އާޔާގެ އިތުރުން ރިޝްތާވެސް ވަނީ އަންހެން ޑިވިޝަންގެ ދެވަނަ ބުރުން ޖާގަ ހޯދައިފައެވެ. އަންހެން ޑިވިޝަންގެ ނުވަ ވަނަ ހީޓުގައި ރިޝްތާ ވާދަކޮށްފައިވާއިރު، ރިޝްތާ ވަނީ ޖުމްލަ 1.47ގެ ސްކޯއެއް ހޯދާފައެވެ.

މި ހީޓުގައި ރިޝްތާ ދުއްވި ހަތަރު ރާޅުގެ ތެރެއިން އެންމެ ރަނގަޅު ސްކޯއެއް ހޯދާފައިވަނީ ދެވަނައަށް ދުއްވި ރާޅާއި ހަތަރުވަނައަށް ދުއްވި ރާޅުގައެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަަމަ ބުރުގައި ދެން ވާދަކުރި ޝާޒު ވަނީ ހީޓުގެ ތިންވަނަ ހޯދައިފައެވެ. މި ހީޓުގައި ޝާޒު ދުއްވި ހަތަރު ވަނަ ރާޅުން 1.43ގެ ސްކޯއެއް ހޯދާފައިވާއިރު، ފަސްވަނަ ރާޅުން 1.03ގެ ސްކޯއެއް ޝާޒު ވަނީ ހޯދާފައެވެ.

އަންހެން ރާޅާއެޅުންތެރިންގެ އިތުރުން މި މުބާރާތުގައި ދިވެހި ފިރިހެން ރާޅާއެޅުންތެރިން ވެސް ވަނީ ދެވަނަބުރުން ޖާގަ ހޯދައިފައެވެ.

comment ކޮމެންޓް