ރާއްޖޭގެ އެކި ތަންތަނާއި، އެހާރާއި މިހާރުގެ ދިރިއުޅުން ދައްކުވައިދޭ ކުރެހުންތަކާއެކު، ހުނަރުވެރިޔާ އަބްދުالله ފާއިޒްގެ "އިހުސާސް" މައުރަޒު މިރޭ ހުޅުވައިފިއެވެ.
ނެޝަނަލް އާޓް ގެލެރީގައި މިރޭ ބޭއްވި ހަފުލާއެއްގައި ''އިހުސާސް'' މައުރަޒު ހުޅުވައިދެއްވީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި އާކިޓެއްގެ އިތުރުން އާޓިސްޓިކް ގިނަ މަސައްކަތްތަކެއް ކުރައްވާ މުހައްމަދު މަޢުރޫފް ޖަމީލެވެ.
އެ ހަފުލާގައި ފާއިޒް ވިދާޅުވީ، ފަންނުވެރިކަމަކީ މީހުންގެ އިހުސާސްތަކާ ގުޅިފައިވާ ކަމެއް ކަމަށާއި، އެ އިހުސާސްތައް ގެނެސްދިނުމަށް އޭނާ ކުރެއްވި ބުރަ މަސައްކަތްތަކެއް މި މައުރަޒުން ފެންނާނެ ކަމަށެވެ.

'އިހުސާސް' މައުރަޒު: މި މައުރަޒު މި މަހުގެ 16އާ ހަމައަށް ހުޅުވައިފައި ހުންނާނެ -- ސަން ފޮޓޯ/ މޫސާ ނަދީމް
"ފަންނުވެރިކަމުގެ ސަބަބުން އެކި ނަޒަރިއްޔާއިން ދުނިޔެއަށް ލޯ ހުޅުވިގެން ދޭ،" ފާއިޒް ވިދާޅުވިއެވެ.
އެ މައުރަޒު ބަލަމުންދާއިރު، ކޮންމެ ކުރެހުމެއްގައި ބޭނުންކޮށްފައިވާ ކޮންމެ ކުލައަކާއި ފިހި ކާއްތާލައިފައިވާ ގޮތަކުން ވެސް ތަފާތު އިހުސާސްތައް ކުރެވޭނެ ކަމުގެ އުއްމީދު ފާއިޒް ފާޅުކުރެއްވިއެވެ.
އެ މައުރަޒުގައި ރާއްޖޭގެ އިތުރުން، ސަރަހައްދީ ބައެއް ގައުމުތަކުގެ ކުރެހުން ވެސް ހިމެނޭއިރު، އެއީ މުޅިން ވެސް 'އިމްޕްރެޝަނިސްޓް' ސްޓައިލަށް ހުރި ކުރެހުންތަކެވެ.
މިރޭ ގާތްގަނޑަކަށް 50 ކުރެހުމާއެކު ހުޅުވި މި މައުރަޒަށް މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތް ކުރެވޭނެއެވެ.

"އިހުސާސް" މައުރަޒު ހުޅުވި ހަފުލާގައި ބައިވެރިވި މެހެމާނަކު ފާއިޒްގެ ކުރެހުމުގެ ފޮޓޮއެއް ނަގަނީ -- ސަން ފޮޓޯ: މޫސާ ނަދީމް
އެ މައުރަޒު ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހުޅުވާފައި ހުންނާނީ 14:30އިން 22:30އަށެވެ. އަދި ހުކުރު ދުވަހު 16:00އިން 22:30އަށް ވެސް މައުރަޒު ބަލައިލަން ވަދެވޭނެއެވެ.
މި މައުރަޒުގައި ހިމެނޭ ކުރެހުންތައް އާންމުންނަށް ދައްކާލުމަށް ބަހައްޓާއިރު، މި ކުރެހުންތައް ގަތުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
ފާއިޒަކީ، އެންމެ ކުޑައިރުއްސުރެ ކުރެހުމަށް ލޯބިކުރައްވާ، އެ މަސައްކަތް ކުރައްވަމުން އައި ބޭފުޅެކެވެ. އެކަމަކު، ފާއިޒްގެ ކުރެހުންތައް މައުރަޒުތަކުން އާންމުންނާ ހަމައަށް ގެނެސްދެއްވަން ފެއްޓެވީ ވަރަށް ފަހުންނެވެ. އެގޮތުން، ފާއިޒްގެ އެންމެ ފުރަތަމަ މައުރަޒު ބޭއްވީ ޖުލައި، 2023ގައެވެ.
ޖާނީގެ ނަމުގައި ހުޅުވި އެ މައުރަޒުގައި ފާއިޒްގެ ހުނަރާއި ތަފާތުކަން އާންމުންނަށް ދައްކަވައިދެއްވިއެވެ. އެއީ، އާސާރީ ތަންތަނާއި ތާރީޚު ދެނެގަތުމަށް އޭނާގެ ހިތްޕުޅުގައި އޮތް ޝައުގާއި ލޯބި ހާމަވާ ކުރެހުންތަކުންނެވެ.
ފާއިޒަކީ ވިޔަފާރީގެ ދާއިރާއިން 30 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވައިފައިވާ، ރާއްޖޭގެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތަކުގައި ސްޓްރެޓެޖިކް ވިސްނުމާއި ލީޑާޝިޕްގެ ރޮނގުން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިފައިވާ ފާއިޒް މިހާރު ހުންނެވީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަންގެ މަގާމުގައެވެ. ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން އޭނާ ގެންދަވަނީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުންނެވެ.
މީގެ ކުރިން 2012އިން 2013އަށް ފާއިޒް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބޯޑުގެ ޗެއާމަންކަން ކުރެއްވިއިރު، 1995އިން 1999އަށް ވިލާ ހޮޓެލްސްގެ ޑިރެކްޓާ އޮފް މާކެޓިން އެންޑް ޕްރޮމޯޝަންގެ މަގާމު ވެސް އަދާކުރެއްވިއެވެ.