ފަރުހާންގެ ވަޠަނީ ފިލްމުގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފި

ފިލްމު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފަރުހާން އަހްތަރު ލީޑް ރޯލްއިން ފެންނާނެ ވަޠަނީ ފިލްމު "120 ބަހާދޫރު"ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ފަރުހާން އަސްކަރީ އޮފިސަރެއްގެ ރޯލްއިން ފެންނާނެ މި ފިލްމުގެ ޓީޒާގެ ފުރަތަމަ މަންޒަރުން ވެސް ފަރުހާން ފެނުނީ ވަރަށް ވަޠަނީ ޖޯޝެއްގައެވެ.

އެހެންވެ ފިލްމު ބަލަން ވަރަށް ޝައުގުވެރިވާ ކަމަށާއި ފަރުހާންގެ އާ ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭ ކަމަށް ޓީޒާ ބެލި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 21 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "120 ބަހާދޫރު"އަކީ 1962ވަނަ އަހަރުގެތެރޭ އިންޑިއާ އާއި ޗައިނާއާ ދެމެދު ކުރި ހަނގުރާމައިގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ފަރުހާން ފިލްމު "120 ބަހާދުރު"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ހަނގުރާމައިގެ އަމިއްލަ ވަޠަނުގެ ދިފާއުގައި ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވި 120 އަސްކަރީ އޮފިސަރުންގެ ގުރުބާނީ މި ފިލްމުން ބެލުންތެރިންނަށް ދައްކުވައިދޭނެއެވެ.

ރަޒްނީޝް ގާއީ ސްކްރިޕްޓް ތައްޔާރުކޮށް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޕްރޮޑިއުސަރުންގެ ޓީމުގައި ވެސް ފަރުހާން ހިމެނެއެވެ. މި ފިލްމު ގެނެސްދެނީ ފަރުހާންގެ އަމިއްލަ ފިލްމު ކުންފުނި އެކްސެލް އެންޓަޓެއިންމަންޓް އާއި ޓްރިގަ ހެޕީ ސްޓޫޑިއޯސް ގުޅިގެންނެވެ.

ފަރުހާން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2021 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ތޫފާން"އިންނެވެ. ފިލްމު "ތޫފާން" އަކީ ފަރުހާން އެންމެ ފަހުން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ފިލްމެވެ.

ދާދިފަހުން ފިލްމު "ޑޮން 3" އިއުލާނުކުރި އެކްޓަރު އެންމެ ފަހުން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ވެސް 2011 ވަނަ އަހަރު ގެނެސްދިން މި ފްރެންޗައިސްގެ ދެވަނަ ފިލްމުގައެވެ.

ފަރުހާންގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ އަދި ރަސްމީކޮށް އިއުލާނު ނުކުރާ "ސޯންގް އޮފް ޕެރެޑައިސް"ގެ ނަމުގައި އުފައްދާ ފިލްމެއް ހިމެނެއެވެ.

comment ކޮމެންޓް