ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރާތާ ހަތަރު މަސްވާއިރު، ޔުމްނުގެ ބަޔާން އަދިވެސް ނުދޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި ހާދިސާ ހިނގީ މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އެކަމަކު، ޔުމްނުއާ ހަވާލާދީ އާއިލާގެ ފަރާތުން ވަނީ އެއީ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. ހާދިސާ ހިނގި ހ. ފެންޓެނޯއީ ގޭގައި އުޅުނީ ވެސް މި މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލާ ދެ މީހުން އެކަނި ނޫން ކަމަށާއި އިތުރު ހަތަރު މީހުން އުޅުނު ކަމަށް އާއިލާއިން ޔުމްނުއާ ހަވާލާދީ މީގެކުރިން ބުންޏެވެ.
އެ ވާހަކަތަކާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައި އޮއްވައި ފުލުހުން ބުނީ، އެ މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެކަން ނުވެ އޮތީ ކަމަށް ފުލުހުން ބުންޏެވެ.
އޭގެފަހުން އެ ހާދިސާ ހިނގިތާ ހަތަރު މަސްވާން ގާތްވެފައިވާއިރު، އެކަމާ ގުޅިގެން މައުލޫމާތުދެމުން ފުލުހުން ބުނީ އަދިވެސް ޔުމްނުގެ ބަޔާން ނުދޭ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ, އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު, އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ އޭޕްރީމް މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. ފަރުވާއަށް ފަހު ޔުމްނު ދޫކޮށްލީ ޖޫން މަހުގެ ކުރީކޮޅު ކަމަށް އާއިލާއިން ބުންޏެވެ. އޭރު 'ސަން'އާ ވާހަކަދެއްކި ޔުމްނުގެ ބޭބެ މޫމިން މައުމޫން ބުނި ގޮތުގައި ޔުމްނު އޮތީ ބަޔާން ދެވޭ ހާލަތަކުއެއް ނޫނެވެ.

ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަން -- ފޮޓޯ/ ރައީސް އޮފީސް
އެ ހާދިސާ ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން ޖޫން މަހުގެ 17 ވަނަ ދުވަހު އާއްމުކުރި ތަހުގީގީ ރިޕޯޓުން އެނގޭ ގޮތުގައި ރިޔާސީ ކޮމިޝަނުން ނިންމާފައިވަނީ ޔުމްނު ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށާއި އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ވެސް ނުބެލެވޭ ކަމަށެވެ.
އެ ރިޕޯޓުގައި ވަނީ ކޮމިޝަނަށް ފާހަގަވި ކަންކަން ބަޔާންކޮށް އެކަންކަން ރަނގަޅު ކުރުމަށް ލަފާދީފައެވެ. އެގޮތުން ކޮމިޝަނުން ފުލުހުންގެ މައްސަލަތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ:
- ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަހުގީގުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުން. އެހެންކަމުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވުން.
- ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައިނުވުން އަދި ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވުން.
- މައްސަލައިގައި އެންމެ މުހިންމު އެއް ތަންކަމުގައިވާ ޔުމްނު އޮތް މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައި ނުވުމާއި، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތުމާއި، ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވުން.
ރިޕޯޓުގައި އައިޖީއެމްއެޗްގެ މައްސަލައިގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޔުމްނުއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޓަކައި އައިޖީއެމްއެޗްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)އިން، އައިޖީއެމްއެޗްގެ އެފްޕީޔޫއަށް އެންގުމަށް ފަހު، އެފްޕީޔޫގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވުމެވެ.
ރައީސް މުއިއްޒު ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ ކޮމިޝަން އުވާލައްވައިފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން -- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ
މީގެ އިތުރުން، އެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ތުހުމަތުތައް ކުރެވުނުއިރު އެކަންކަމަށް ވެސް ތަހުގީގުގައި ރިއާޔަތްކޮށްފައިވެއެވެ. އެގޮތުން ތަހުގީގު ކުރިއަށްދަނިކޮށް އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ގުޅުއްވުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށާއި ނަމަވެސް އޭގެ ސަބަބުން ތަހުގީގަށް އަސަރު ނުކުރާ ކަމަށް ރިޕޯޓުގައިވެއެވެ.
ރައީސް މުއިއްޒު ވަނީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހޯމް މިނިސްޓްރީއަށާއި ހެލްތު މިނިސްޓްރީއަށް އަންގަވައިފައެވެ.
އެ މައްސަލައިގައި އަށް މީހަކު ޕާސްޕޯޓު ހިފެހެއްޓި ނަމަވެސް، ހައްޔަރުކޮށް ދައުވާކޮށްފައިވަނީ ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ރައުދުގެ މައްޗަށް އެކަންޏެވެ.
ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަފުތާއެއްހާ ދުވަސް ފަހުން އޭޕްރިލް 24ގައެވެ. އެއަށް ފަހު އޭނާގެ ބަންދު އިތުރުކުރަމުން ދަނިކޮށް، ޖޫން މަހުގެ 26ގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިރުޝާދުގެ ދަށުން އޭނާ ވަނީ ދޫކޮށްލައިފައެވެ.
ޕީޖީ އޮފީހުން ބުނީ، އޭނާ ދޫކޮށްލީ އޭނާއަށް ކުރާ ދައުވާގެ އަދަބަށްވުރެ ބަންދު އިތުރުވުމުން ކަމަށެވެ.
އެ މައްސަލައިގައި ރައުދުގެ މައްޗަށް އުފުލީ، އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީނުވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ޔުމްނުގެ ހައްގުގައި ސިލްސިލާކޮށް ކުރިއަށްގެންދިޔަ މުޒާހަރާތަކެއްގައި ޒުވާނުން ވަނީ އެ މައްސަލައިގެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށާއި ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށެވެ. އެ މުޒާހަރާތަކުގައި އުޅުނު ދެ މީހަކަށް ދައުވާކޮށްފައިވާއިރު، އެކަން އިދިކޮޅުން ވަނީ ކުށްވެރިކޮށްފައެވެ.