އެމްޑީޕީން އުޅެނީ ކެންޑިޑޭޓުން ގިނަވެ، އިންތިހާއަށް ކޯޅޭތީ: ޝިޔާމް

މިނިސްޓަރު ޝިޔާމް: އޭނާ ވިދާޅުވީ، އެމްޑީޕީން އުޅެނީ ކެންޑިޑޭޓުން ގިނަވެގެން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

އިދިކޮޅު އެމްޑީޕީގައި ރިޔާސީ ކެންޑިޑޭޓުން ގިނަވެ، އިންތިހާއަށް ކޯޅުން ގިނަވެގެން އުޅޭ ކަމަށް މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަށް ރައްދުދެއްވަމުންނެވެ.

ޝާހިދު ވަނީ މި ސަރުކާރުން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި މަސައްކަތްކުރަމުން އައި ދާއިމީ ފަސް މުވައްޒަފަކު ސަސްޕެންޑުކުރުމުން ހާމަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނިޔާވެރިކަން ކަމަށް ވިދާޅުވެފައެވެ. އަދި، މީގެ ކުރިން ވެސް މި ސަރުކާރުން ހައުސިން މިނިސްޓްރީގެ ދާއިމީ މުވައްޒަފުންތަކެއް ވަކިކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަޒީފާގެ ބިރުވެރިކަން އުފައްދައި، އަނިޔާވެރިކަން ދައްކަވައިގެން މި ރައްޔިތުން ފަހަތަށް ޖެއްސެވޭނެކަމަށް ހީފުޅުކުރެއްވުމަކީ ގޯހެއް،" ޝާހިދު ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ދިވެހި ގައުމާއި ޚާއްސަކޮށް ރައްޔިތުންނާ ދޭތެރޭ ކަންކުރި ގޮތް ރައްޔިތުން އަދި ހަނދާން ނުނެތޭ ކަމަށެވެ. އެ ވެރިކަން ފެށި ގޮތަށް މާލެއާއި ރަށްރަށުގައި ފެނަކަ ފަދަ ކުންފުނިތަކުގައި ތިބި އެތައް ސަތޭކަ ބަޔަކު 'އެކްޓިވިސްޓު'ންގެ އެދުމަށް މަގާމުން ވަކިކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އެ އަނިޔާ އެ އާއިލާތަކުން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށާއި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ވިދާޅުވި ގޮތަށް، ތާއީދުކުރާ ސިޔާސީ ފިކުރަށް ބަލާފައި އެއްވެސް މުވައްޒަފަކު ވަކިކޮށްފައިނުވާނެ ކަމަށެވެ. އެކަން ކުރީ އެމްޑީޕީން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"އަމިއްލަ ޕާޓީ ތެރޭގައި ރިޔާސީ ކެންޑިޑޭޓުން ގިނަވެ، އިންތިހާއަށް ކޯޅުން ގިނަވީމާ ދައްކަވާނެ ވާހަކައެއް ނެތިގެން އުޅުއްވާ ކަހަލަ ގޮތަކަށް ޝާހިދު އުޅުއްވާތަން ފެންނަނީ،" ޝާހިދަށް ރައްދުދެއްވައި ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ވަނީ ޝާހިދުގެ ވާހަކަތަކަށް ރައްދުދެއްވައިފައެވެ. އޭނާ ވިދާޅުވީ، ގައުމުގެ ކުރިއެރުމަށް މަސައްކަތްކުރާއިރު ހަގީގަތާ އެއްގޮތަށް މައުލޫމާތު ހިއްސާކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އަދި، ބައެއް ބޭފުޅުން ފަތުރާ އަސާސެއް ނެތް ވާހަކަތަކަށް ސަމާލުވުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަޒީފާގެ ބިރުވެރިކަން އުފެއްދުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް. މަސައްކަތްތެރިންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އިސް އަމާޒެއް. އަދި ވަޒީފާގެ މާޙައުލުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ،" ޝާހިދަށް ރައްދުދެއްވައި ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ ތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑެވެ.

އެ ގޮތުން، މިހާތަނަށް އެ ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޝާހިދު ވެސް ހިމެނެއެވެ. ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަން އިއުލާނެއް ނުކުރައްވައެވެ. ޓިކެޓުގެ ޝައުގުވެރިކަން ފާޅުކުރެއްވި އެހެން ބޭފުޅުންގެ ތެރޭގައި ހިމެނެނީ:

  • ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
  • ކުރީގެ ރައީސް މުހައްމަދު ނަޝީދު
  • އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
  • ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
comment ކޮމެންޓް