ފަތުރުވެރިންގެ މެދުގައި މަގުބޫލު ކ. ހުރާގައި އެ ދާއިރާ ރަމްޒުކޮށްދިނުމުގެ ގޮތުން ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ ޚަރަދުކޮށްގެން ހަދަމުން އައި މޮނިއުމެންޓަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
ހުރާގެ ބަނދަރުމަތީގައި ހަދަމުން އައީ، އެ ރަށުގެ ނަމާއި ރަތް ކުލައިގެ ކަކުންޏަކާއި މާކަނާއެއް ފެންނަ މޮނިއުމެންޓެކެވެ.
ހުރާ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފައިބަރުން ހަދައިފައިވާ އެ މޮނިއުމެންޓްގެ މަސައްކަތް ކުރަމުން ދަނިކޮށް ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އެ މޮނިއުމެންޓްގެ ބައެއް ހަލާކުކޮށްފައިވާ ކަމަށެވެ.
އެ ބަޔާނާއެކު ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަނީ މާކަނާގެ އެކި ތަންތަނަށް ގެއްލުންދީ، ހަލާކުކޮށްފައިވާ މަންޒަރެވެ. އެގޮތުން ދޫނީގެ ފިޔަގަނޑާއި ފަޔަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.
އެ ކައުންސިލުން ވަނީ މޮނިއުމެންޓަށް ގެއްލުން ދިނުން ކުށްވެރިކޮށް، މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށް ބުނެފައެވެ.
"މިފަދަ އަމަލުތަކަކީ ރަށުގެ ކުރިއެރުމާއި ތަރައްގީއަށް އެޅޭނެ ހުރަހަކަށް ވާހިނދު، މިފަދަ ނާތަހުޒީބު އަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅި ހައްގު އަދަބު ނުދެވޭނަމަ މިފަދަ އަމަލުތައް މުޖުތަމައުގައި ތަކުރާރުވެ ރައްޔިތުންގެ އަމަންއަމާން ކަމަށް އަސަރުކޮށް، ރަށުގައި ފިތުނަފަސާދަ އިތުރުވެގެން ހިނގައިދާނެ ކަމަށް މި ކައުންސިލުން ދެކެމެވެ." ބަޔާނުގައިވެއެވެ.

ހުރާގެ މޮނިއުމެންޓް: ހަތަރު ލައްކައެއްހާ ރުފިޔާގެ ހުރާ މޮނިއުމެންޓް ނުނިމެނީސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައި -- ފޮޓޯ/ ހުރާ ކައުންސިލް
ކައުންސިލުން ވަނީ އެފަދަ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވެ، އެ އަމަލު ހިންގި ބަޔަކު ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
ހުރާ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އިބްރާހީމް "ސަން"އަށް ވިދާޅުވީ އެ މޮނިއުމެންޓްގެ މަސައްކަތް ކުރާތާ 45 ދުވަސްވެފައިވާ ކަމަށާއި އެކަމަށް ކައުންސިލުން ކުރި ޚަރަދު 360،000އަށް އަރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މޮނިއުމެންޓުގެ މަރާމާތަށް ޚަރަދުވާނެ އަދަދެއް މިހާތަނަށް ލަފާކުރެވިފައި ނުވާ ކަމަށާއި ކައުންސިލުން އެކަމާ ގުޅޭ ގޮތުން ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހިއްސާކުރި މެސެޖެއްގައި ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.