ތައުލީމީ ދާއިރާއަކީ ގައުމެއްގެ ކުރިމަގު ބިނާވެގެންދާ އެންމެ މުހިންމު އެއް ދާއިރާއެވެ. އަދި، ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެކެވެ. އެ ޒިންމާގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ފާއިތުވި އަހަރުތަކުގައި 40 ސްކޫލެއްގައި ސެން ކްލާސްރޫމް ތަރައްގީކުރަން އެހީވެފައެވެ.
ބޭންކުން ބުނީ، ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭން ބީއެމްއެލްއިން އަބަދު ވެސް ޚާއްސަ އިސްކަމެއްދޭ ކަމަށެވެ.
މި އަހަރުގެ މިހާތަނަށް ބޭންކުން ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްގީކޮށްފައިވެއެވެ. އެގޮތުން، ހުޅުމާލޭގައި ހުންނަ ޞަލާޙުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ތަރައްގީކޮށްފައިވެއެވެ. މި ދެ މަޝްރޫއިން 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކޮށް، ވަސީލަތްތައް ފަހިކޮށްދީފައިވެއެވެ.

ސެން ކްލާހެއް: ބީއެމްއެލްއިން އަންނަނީ ތައުލީމީ ދާއިރާއަށް އެހީވަމުން -- ފޮޓޯ/ބީއެމްއެލް
އަދި، ބޭންކުގެ އެހީތެރިކަމާ އެކު 2023 ވަނަ އަހަރު ޢިމާދުއްދީން ސްކޫލުގައި ގާއިމުކުރެވުނު ތެރަޕީ ރޫމަކީ އެ ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ލިބުނު މުހިންމު ވަސީލަތެކެވެ. މި ތެރަޕީ ރޫމުގައި ސްޕީޗް ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސެންސަރީ އެކްޓިވިޓީސް އަދި ކައުންސެލިން ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ބޭންކުން ގާއިމުކޮށްދިނެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބީއެމްއެލްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކުރިއެވެ. އަދި، އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮމްޕިއުޓާ ލެބްތައް ތަރައްގީކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ސެން ކްލާހެއް: ބީއެމްއެލްއިން މި އަހަރު ވެސް ދެ ސެން ކްލާސް ތަރައްގީކޮށްދީފައިވޭ -- ފޮޓޯ/ ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސްއިން ހިލޭސާބަހަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއެވެ. އަދި، ކުޅިވަރާއި ތިމާވެއްޓާ ގުޅުންހުރި މަޝްރޫއުތަކަށް ވެސް އިންވެސްޓްކުރަމުން ގެންދެއެވެ. މިފަދަ މަސައްކަތްތަކަކީ މުޖުތަމައުގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ ކަންކަމެވެ.