ޓްރަމްޕްގެ ހުދުމުހުތާރު ސިޔާސީ ނުފޫޒު، އެމެރިކާގެ މުސްތަގިއްލު މުއައްސަސާތަކަށް!

ޓްރަމްޕް

ވޮޝިންޓަން (06 އޮގަސްޓް 2025): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށި އަދި ހުދުމުހުތާރު ސިޔާސަތުގެ ސަބަބުން އެމެރިކާގެ ޑޮލަރާއި އެމެރިކާގެ އިގްތިސާދީ އަދި މާލީ މުއައްސަސާތަކުގެ އިތުބާރު ގެއްލި އެކަމުގެ ސަބަބުން އެމެރިކާގެ އިގްތިސާދު ވެސް ފުނޑެމުންދާކަމަށް ދުނިޔޭގެ އެންމެ މަޝްހޫރު އިގްތިސާދީ މާހިރުންގެ ތެރޭގައި ހިމެނޭ ރޮބަޓް ބާގްވިސްޓް ވިދާޅުވެއްޖެއެވެ.

ސްޓޮކްހޮމްގެ "ސެބް" ބޭންކަށް ލަފާދޭ އެންމެ އިސް އިގްތިސާދީ މުސްތަޝާރުގެ މަގާމުގައި ހުންނެވި ރޮބަޓް ބާގްވިސްޓް ވިދާޅުވީ ޒަމާނުއްސުރެ އެމެރިކާގެ ސަރުކާރުގެ ބާރާއި ނުފޫޒު ނުހިނާގޮތަށް އަދި މުސްތަގިއްލު ގޮތެއްގައި މަސައްކަތް ކުރަމުންގެންދާ އެމެރިކާގެ މަރުކަޒީ ބޭންކް (ފެޑްރަލް ރިޒާވް ބޭންކް) އާއި އެމެރިކާގެ މާލީ އެސެޓްތަކާއި އެމެރިކާގެ ފެޑްރަލް ސްޓެޓިސްޓިކްސް ސިސްޓަމްގެ ތެރެއަށް ޓްރަމްޕްގެ ސަރުކާރު ގެންދަނީ އަތްބާނައި އެތަންތަން ސިޔާސީ ކުރަމުން ކަމަށެވެ.

އެމެރިކާގެ ފެޑްރަލް ސްޓެޓިސްޓިކްސް ސިސްޓަމަކީ މުސްތަގުއްލި ގޮތެއްގައި ހިނގާ 100 އެޖެންސީއާއި ޕްރޮގްރާމްތަކުގެ މައްޗަށް ބިނާވެފައިވާ ވަރަށް ވަރުގަދަ އަދި މިހާތަނަށް ވަރަށް އިތުބާރު ހިފޭގޮތަށް އޮތް ސިސްޓަމެކެވެ.

އެމެރިކާގެ ބިއުރޯ އޮފް ލޭބާ ސްޓެޓިސްޓިކްސް (ބީއެލްއެސް) އާއި ސެންސަސް ބިއުރޯ އަކީ މި ސިސްޓަމްގެ އެންމެ މުހިއްމު އެޖެންސީތަކުގެ ތެރޭގައި ހިމެނޭ ދެ މުއައްސަސާއެވެ.

ޓްރަމްޕް ދާދިފަހުންވަނީ އޭނާ އަންގަވާގޮތަށް ސްޓެޓިކްސްތައް މެނިޕުލޭޓް ކުރަން ދެކޮޅުހަދާތީ ބީއެލްއެސްގެ ޑައިރެކްޓަރު އެރިކާ މެކްނަޓަވާ މަގާމުން ދުރުކުރައްވާފައެވެ. މެކްނަޓަވާގެ ބަދަލުގައި މިމަގާމަށް އައްޔަން ކުރަން ޓްރަމްޕް ބޭނުންވަނީ ސިޔާސީ އެކްޓިވިސްޓެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ މަރުކަޒީ ބޭންކް (ފެޑްރަލް ރިޒާވް ބޭންކް)ގެ ގަވަރުނަރު ޖެރޮމް ޕަވަލް ވެސް މަގާމުން ވަކިކުރުމަށް ކުރަންޖެހޭ ކަންކަން ކުރަން ފަށާނެ ކަމުގެ އިންޒާރު، ދެއްވާފައެވެ.

ވައިޓް ހައުސް ބުނާގޮތުގައި އެމެރިކާގެ މަރުކަޒީ ބޭންކްގެ މަސައްކަތްތަކާއި މާލީ ކަންކަން ގައުމަށް އެންމެ ފައިދާވާގޮތަށް ކުރިޔަށް ގެންދިޔުމަށް ޖެރޮމް ޕަވަލް ދެކޮޅު ހައްދަވައެވެ. އެހެންކަމުން އޭނަ މަގާމުން ދުރުކުރަން ޓްރަމްޕް ބޭނުންވާކަމަށް ވައިޓް ހައުސް ބުނެއެވެ.

ޓްރަމްޕް، ސިޔާސީ ގޮތުން އެމެރިކާގެ މަރުކަޒީ ބޭންކަށް ޕެރެޝަރު ކުރައްވާ ކަމަށް ވިދާޅުވުމަށްފަހު އެމެރިކާގެ މަރުކަޒީ ބޭންކްގެ "ފެޑްރަލް ރިޒާވް ބޯޑު އޮފް ގަވަނާސް" ހިމެނޭ މެންބަރެއްކަމަށްވާ އެޑްރިޔާނާ ކުގްލާ މިދިޔަ ހަފުތާގައިވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރިޕޯޓްތައް ބުނާގޮތުން، ކުގްލާގެ އިސްތިއުފާގެ ސަބަބުން އެމެރިކާގެ މަރުކަޒީ ބޭންކްގެ ގަވަރުނަރަކަށް ޓްރަމްޕް ބޭނުންވާ ބޭފުޅަކު ހަމަޖެއްސުމުގެ ފުރުސަތު އޭނާއަށްވަނީ ފަހިވެފައެވެ.

ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދީ އަދި މާލީ ހާލަތްތައް ބަލައި ދިރާސާކުރުމަށްފަހު އެކަމަށް ރިއާޔަތްކޮށް ގައުމުތަކުގެ ކްރެޑިޓް ރޭޓިން ކަނޑައަޅާ އެޖެންސީ ތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެޖެންސީތަކަށް ވެސް ޓްރަމްޕްގެ ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވާކަން ދާދިފަހުންވަނީ ފަޅާއަރާފައެވެ.

މި އެޖެންސީ ތަކުގެ ތެރޭގައި ފިޗް ގްރޫޕް އާއި މޫޑީސް އަދި "އެސްއެންޑްޕީ ގްލޯބަލް ރޭޓިންގްސް" ހިމެނެއެވެ. މީގެތެރެއިން ފިޗް ގްރޫޕާއި މޫޑީސްއަށް އެމެރިކާ ސަރުކާރުން ސިޔާސީ ބާރާއި ނުފޫޒު ހިންގާކަމުގެ ތުހުމަތުވަނީ ކުރެވިފައެވެ.

މި އެޖެންސީތަކުން ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދީ އަދި މާލީ ހާލަތްތަކަށް ރިއާޔަތް ކުރުމަށްފަހު ނެރޭ ގައުމުތަކުގެ ކްރެޑިޓް ރޭޓިންގެ އިންޑެކްސްއަށް އެމެރިކާ ސަރުކާރުގެ ސިޔާސީ ނުފޫޒު ހިނގާކަމުގެ ތުހުމަތު އިގްތިސާދީ މާހިރުންވަނީ ކުރައްވާފައެވެ.

ސްޓޮކްހޮމްގެ "ސެބް" ބޭންކަށް ލަފާދޭ އެންމެ އިސް އިގްތިސާދީ މުސްތަޝާރުގެ މަގާމުގައި ހުންނެވި ރޮބަޓް ބާގްވިސްޓް ވިދާޅުވިގޮތުގައި މިހުރިހާ ކަންކަމަކާ ގުޅިގެން އެމެރިކާގެ އިގްތިސާދީ އަދި މާލީ މުއައްސަސާތަކުގެ އިތުބާރު އެމެރިކާގެ އެތެރޭގައި ވެސް އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް މިހާރުވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.

މިކަމުގެ ހިތި ނަތީޖާ އެމެރިކާގެ އިގްތިސާދަށާއި މާލީ ނިޒާމަށް މިހާރު ވެސް ފެންނަން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މި ހިތި ނަތީޖާގެ ތެރޭގައި ރިޒާވް ފައިސާއެއްގެ ގޮތުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ރަން ބޭނުންކުރާ މިންވަރު ދުނިޔޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަން ބާގްވިސްޓް ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ދުނިޔޭގައި ޒަމާނުއްސުރެ ޑޮލަރުން މުއާމަލާތްކުރާ ތެލުގެ ވިޔަފާރީގެ ބޮޑުބައެއް މިހާރު ޑޮލަރާ ނުލައި ގެންދަނީ ކުރަމުންނެވެ. ޑޮލަރާ ނުލައި ތެލާއި ގޭހުގެ ވިޔަފާރި އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައި ރަޝިޔާ-ޗައިނާ އަދި ރަޝިއާ-އިންޑިއާ އަދި އީރާން- ޗައިނާ، އީރާން-އިންޑިއާ ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ސައޫދީއާއި ޔޫއޭއީ ވެސް އެމެރިކާ ޑޮލަރާ ނުލައި ވިޔަފާރީގެ ބޮޑެތި މުއާމަލާތްތަކެއް ޗައިނާ އަދި އިންޑިއާއާކު ކުރަމުން ގެންދާކަން ބާގްވިސްޓް ފާހަގަ ކުރެއްވިއެވެ.

ބްލޫމްބާގް ބުނާގޮތުން އެމެރިކާގެ އިގްތިސާދީ އަދި މާލީ މުއައްސަސާތަކަށް ޓްރަމްޕްގެ ސަރުކާރުން އަތްބާނަމުން ގެންދާތީ އެމެރިކާގެ މާލީ މުއައްސަސާތަކުގެ އިތުބާރު ދަނީ ވަރަށް ބޮޑަށް ގެއްލެމުންނެވެ. މިއާއެކު އެމެރިކާ ޑޮލަރުގެ އަގު ވެސް ދަނީ ސިސްޓަމެޓިކްކޮށް ވެއްޓެމުންނެވެ.

ބްލޫމްބާގްގެ ސްޓްރެޓެޖިސްޓް މާކް ކުޑްމޯ ވިދާޅުވިގޮތުގައި އެމެރިކާގެ ބިއުރޯ އޮފް ލޭބާ ސްޓެޓިސްޓިކްސް (ބީއެލްއެސް) އާއި ސެންސަސް ބިއުރޯ ފަދަ މުސްތަގިއްލު މުއައްސަސާތަކުން ނެރޭ ތަފާސް ހިސާބުތަކަށް އެމެރިކާ ސަރުކާރުގެ ސިޔާސީ ނުފޫޒުވަދެފައިވާކަން ވެސް މިހާރުވަނީ ޔަގީންވެފައެވެ.

މި ނުފޫޒާއެކު އެ މުއައްސަސާތަކުން ނެރޭ ތަފާސްހިސާބުތަކާއި އެކިއެކި ބަޔާންތަކުގައިވާ އަދަދުތައް މެނިޕިއުލޭޓް ކޮށްފައިވާކަމާމެދު ވެސް ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފައެވެ. މެނިޕުލޭޓް ކޮށްފައިވާކަން ޔަގީން ނުވިނަމަވެސް މި މުއައްސަސާތަކުގެ އިތުބާރު މިހާރުވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.

ލަންޑަންގެ ބޭންކެއްކަމަށްވާ އެމްޔޫއެފްޖީގެ ހެޑް އޮފް ގްލޯބަލް މާކެޓްސް ރީސާޗް ޑޭރިކް ހެލްޕެނީ ވިދާޅުވާގޮތުގައި އެމެރިކާގެ މަރުކަޒީ ބޭންކްގެ ގަވަރުނަރުކަމުގެ މަގާމަށް ގެންނަން ޓްރަމްޕް ބޭނުންވަނީ އެމެރިކާގެ ނެޝަނަލް އިކޮނޮމިކް ކައުންސިލްގެ ޑައިރެކްޓާ ކެވިން ހާސެޓްއެވެ.

ހާސެޓް އެމަގާމަށް އައްޔަންކޮށްފިނަމަ ޑޮލަރުގެ އިތުބާރު މިހާރަށް ވުރެ ކުޑަވެގެންދާނެކަމަށް ހެލްޕެނީގެ އިތުރުން އެނޫންވެސް އިގްތިސާދީ މާހިރުން ފާހަގަ ކުރައްވައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު