އދ. އަތޮޅުގެ ފަރަކަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ޖޫރިމަނާ ކޮށްފިއެވެ.
މި ޔޮޓަކީ އެމްވައި ބިގް ފިޝް ނަމަކަށް ކިޔާ ޔޮޓެކެވެ. މި ޔޮޓު އދ. އަތޮޅުގެ ފަރަށް އުރުފައިވަނީ މިއަހަރުގެ އޭޕްރީލް 28ގައެވެ. ޖެހިގެން އައި ދުވަހު މި ޔޮޓް ވަނީ ފަރުމަތިން ނަގާފައެވެ.
އީޕީއޭއިން ބުނީ މި ހާދިސާގައި، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން ޖޫން ހަތަރެއްގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު އެ ޔޮޓް ފަރަށް އެރި ސަރަހައްދުގައި ޖޮއިންޓް ސާވޭއެއް ކުރިކަމަށެވެ. އެގޮތުން، މި އުޅަނދު ފަރަށް އެރި ސަރަޙައްދު ބެލި ބެލުމުން އެ ފަރުގެ 187 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ފާހަގަކުރެވުނުކަމަށް އީޕީއޭއިން ބުންޏެވެ.
އެހެންކަމުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަދަކީ 4.8 މިލިއަން ރުފިޔާ ކަމަށް އީޕީއޭއިން ބުންޏެވެ.
މިދިޔަ ހޯމަ ދުވަހު އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ޓެމްޕަލް މެރިން އެލްޓީޑީ ޖޫރިމަނާކޮށްފައިވާ ކަމަށާއި، 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ އީޕީއޭއަށް ދެއްކުމަށް އެ ފަރާތަށް އަންގާފައިވާނެކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
މިއީ ކޮން ގައުމަކަށް ނިސްބަތްވާ ޔޮޓެއްކަމެއް އީޕީއޭއިން ހާމައެއް ނުކުރެއެވެ.
ބޮޑު އަދަދަކުން އުޅަނދެއް ޖޫރިމަނާކޮށްފައި ވާއިރު، މިފަދައިން ކުރާ ޖޫރިމަނާތަކުގެ ފައިސާ ހޯދޭނޭ އެކަށީގެންވާ ނިޒާމެއް ނެތްކަމަށް މިއަހަރު ކުރީކޮޅު، މަޖިލީހުގެ އެންވާރުމަންޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވަނީ ވިދާޅުވެފައެވެ.
އޭރު އީޕީއޭއިން ބުނީ، ފަރުތަކަށް އަރައިގެން އުޅަނދު ޖޫރިމަނާ ކުރުމުގެ 51 މައްސަލައެއްގެ ތެރެއިން ފައިސާ ދައްކާފައި އޮތީ ދެ ފަރާތަކުން ކަމަށެވެ. އެހެންކަމުން ފަރުތަކަށްވާ ގެންލުމުގެ ބަދަލު ހޯދުމަށް އެކަށީގެންވާ ރަގަޅު ނިޒާމެއް ބޭނުންވާކަން، ވެސް ވަނީ ފާހަގަކޮށްފައެވެ.