އިންޑިއާގެ މުދަލުން 50 ޕަސަންޓް ޓެރިފް ނަގަން އެމެރިކާއިން ނިންމައިފި

އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް (ކ) އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ (ވ). އެމެރިކާއިން ވަނީ އިންޑިއާގެ މުދަލުން 50 ޕަސަންޓް ޓެރިފް ނަގަން ނިންމާފަ. ފޮޓޯ/އޭޕީ

އިންޑިއާގެ މުދަލުން ޖުމްލަ 50 ޕަސަންޓް ޓެރިފް ނަގަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕު އެކި ގައުމުތަކުގެ މުދަލުން ޓެރިފް ބޮޑުކުރުމުގެ ސިޔާސަތުގެ ދަށުން އިންޑިއާގެ މުދަލުން 25 ޕަސަންޓް ޓެރިފް ނަގަން މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ވަނީ ނިންމާފައެވެ. އޭގެފަހުން އިއްޔެ އިތުރަށް ނަގަން ނިންމި 25 ޕަސަންޓް ޓެރިފަކީ ރަޝިޔާއިން ތެޔޮ ގަންނާތީ އަދަބު ދިނުމުގެ ގޮތުން އިންޑިއާއިން ނަގާ ޓެރިފެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އިތުރު 25 ޕަސަންޓް ޓެރިފް ނަގަން އެމެރިކާއިން ނިންމީ ރަޝިޔާގެ ތެޔޮ ގަންނަ ނަމަ އިންޑިއާގެ ޓެރިފް ބޮޑުކުރަން ޖެހިދާނެ ކަމަށް ވިދާޅުވެ، މިދިޔަ ހަފުތާގައި ޓްރަމްޕް އިންޒާރު ދެއްވާފައި ވަނިކޮށެވެ.

ވައިޓް ހައުސްއިން ބުނީ އަލަށް ކަނޑައެޅި ޓެރިފް ނަގަން ފަށާނީ އަދި ތިން ހަފުތާ ފަހުން ކަމަށެވެ. ނަމަވެސް ކުރިން ނިންމި 25 ޕަސެންޓް ޓެރިފަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

މި ޓެރިފްތަކުން ބައެއް ސެކްޓާތަކުގެ މުދާ ވަނީ އިސްތިސްނާކޮށްފައެވެ. އޭގެ ތެރޭގައި ސްޓީލް، އެލުމިނިއަމް އަދި ފާމަޝޫޓިކަލް ހިމެނެއެވެ.

އިއްޔެ ނަގަން ނިންމި އެ ޓެރިފާ ގުޅިގެން އިންޑިއާއިން ބުނީ އެއީ ބޭންއިންސާފުން އަދި އެއްވެސް ސަބަބަކާނުލައި ނަގާ ޓެރިފެއް ކަމަށެވެ. އަދި ރަޝިއާގެ ތެޔޮ އެތެރެ ކުރަނީ 1.4 ބިލިއަން މީހުންގެ އާބާދީއަށް ބޭނުންވާ މިންވަރަށް ކަމަށްވެސް އިންޑިއާއިން ބުނެއެވެ. އަދި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންވެސް މުދަލާއި ހަކަތައިގެ ބާވަތްތައް ގަންނަ ކަމަށް އިންޑިއާއިން ބުނެއެވެ.

އިންޑިއާއިން އެގޮތަށް ބުނެފައިވާއިރު، އިންޑިއާއިން ގިނަ އަދަދަކަށް ރަޝިއާގެ ތެޔޮ ގަނެ، ބޮޑު ފައިދާގައި ވިއްކަމުން ގެންދާ ކަމަށް ޓްރަމްޕް އެމަނިކުފާނުގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމުގައި ލިޔުއްވާފައިވެއެވެ.

އިންޑިއާ އަކީ އެމެރިކާއާއެކު ވިޔަފާރީގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށި އެއް ގައުމު ކަމަށްވާއިރު، އެމެރިކާއިން އެޅި އެ ފިޔަވަޅާއެކު ގިނަ ތަޖުރިބާކާރުން ވަނީ އެކަމާ ހައިރާންވާކަން ފާޅުކޮށްފައެވެ.

"ވިޔަފާރީގެ މަޝްވަރާތައް ނާކާމިޔާބު ވެގެން ދިއުމަކީ ލިބުނު ހައިރާންކަމެއް." ކެނެޑާގެ އޭޝިއާ ޕެސިފިކް ފައުންޑޭޝަންގެ ސްޓްރެޓެޖީ އެންޑް ރިސާޗްގެ ނައިބު ރައީސް ވިނާ ނަޖިބުލާ ވިދާޅުވިއެވެ.

މިދިޔަ އަހަރު އިންޑިއާ އާއި އެމެރިކާއާ ދެމެދު ކުރި ވިޔަފާރި މުއާމަލާތް ގާތްގަނޑަކަށް 212 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، އިންޑިއާގެ ފައިދާއަށް ގާތްގަނޑަކަށް 46 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ ފަރަގެއް ހުއްޓެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މީގެ ކުރިން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދެގައުމުގެ ވިޔަފާރި ދެގުނައަށް ވުރެ ބޮޑުކޮށް 500 ބިލިއަން ޑޮލަރަށް ގެންނަން ރާވާފައިވާ ކަމަށެވެ.

ޓެރިފް ނަގަން ނިންމުމުން ކުރި މަޝްވަރާތަކުގެ ތެރެއިން އިންޑިއާ އިން ވަނީ އެމެރިކާގެ ސިނާއީ މުދަލުން ނަގާ ޓެކްސް އުނިކުރުމަށް ހުށަހަޅާފައެވެ. އަދި ކާރުތަކުން ނަގާ ޓެކްސް ކުޑަކުރުމަށް ވެސް ހުށަހެޅިއެވެ.

ނަމަވެސް ދަނޑުވެރިކަމުގެ އުފެއްދުތަކާއި ކިރުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ އުނިކުރުމަށް އެމެރިކާއިން ދެކޮޅު ހެދިއެވެ. އެ ސިނާއަތަކީވެސް އިންޑިއާގެ ފަގީރު އެތައް މިލިއަން ބަޔަކު މަސައްކަތްކުރަމުން އަންނަ ދެ ސިނާއަތެވެ.

އެމެރިކާއިން އިންޑިއާއާ އެއްވަރުގެ ޓެރިފެއް ނަގާ އަނެއް ގައުމަކީ ބްރެޒިލްއެވެ.

comment ކޮމެންޓް