ގެސްޓް ހައުސް ހަދާނީ ޙައްޖަށް ދާން ދައްކާ ފައިސާއަކުން ނޫން, ވިޔަފާރިއަށް ވަންނަނީ ސަރުކާރަށް ލުއިކުރަން: ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޝަކީލް --

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ވިޔަފާރިއަށް ވަނުމަށްޓަކައި ކ. މާފުށީގައި ސިޓީ ހޮޓަލެއް އަޅައިދޭނެ ފާރާތެއް ހޯދަން އިއުލާންކޮށްފައި މި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ މަސައްކަތް ކުރުމަށްޓަކައި ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

މިކަން ކުރަން އުޅޭކަން ކުރިން އިއުލާންކުރުމާ އެކު, ޙައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ވިޔަފާރިކުރުމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އޭރު ވަނީ ވިދާޅުވެފައެވެ. އަދި، ޙައްޖަށް ދިއުމަށް މީހުން ދައްކާ ފައިސާ ބޭނުންކޮށްގެން ކޯޕަރޭޝަނުން ގެސްޓް ހައުސް ހިންގަން އުޅެނީއޭ ބުނެ މީހުން އަންނަނީ ފާޑުކިޔަމުންނެވެ.

https://www.sun.mv/209599

މިކަމާ ގުޅޭގޮތުން "ސަން"އިން ސުވާލުކުރުމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިއަދު ވިދާޅުވީ، މިއީ ފިނޭންސް މިނިސްޓްރީން މަނާ ނުކުރާ ވިޔަފާރިއަކަށް ވާތީ އެކަން ކުރުމަށް އެ ކޯޕަރޭޝަނުން ނިންމީ ސަރުކާރަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަ ކުރުމަށްޓަކައި ކަމަށެވެ.

ހަމައެހެންމެ އެ ކޯޕަރޭޝަނުން ގެސްޓްހައުސްގެ ވިޔަފާރިއަށް އިންވެސްޓް ކުރާނީ ޙައްޖަށް ދާން މީހުން ދައްކާ ފައިސާ ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެކަން ކުރަން ނިންމާފައިވަނީ ޙައްޖު ކޯޕަރޭޝަނުން އިތުރު ކުންފުންޏެއް ހަދައި އެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ ގޮތަށް ކަމަށް ޝަކީލް ވިދާޅުވިއެވެ.

"މި ދެންނެވި ކުންފުނީގެ ކަންކަން މެނޭޖު ކުރުމަށް ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ބޭނުން ކުރާނީ. އިތުރު އެހެން މުވައްޒަފުންތަކެއް ނުނަގާ. އަޅުގަނޑުމެން މި އުޅެނީ އެއްވެސް ގޮތަކަށް ޙައްޖަށް ދާން މީހުން ދައްކާފައިވާ ފައިސާ ބޭނުން ކޮށްގެން މި ވިޔަފާރި ކުރާކަށް ނޫން. މިއީ ކޮންޓްރެކްޓަރުގެ ފައިނޭންސްއިން ހިންގާނެ މަޝްރޫއެއް," ޝަކީލް ވިދާޅުވިއެވެ.

އެއީ ރަނގަޅު މޮޑެލްއެއްކަން ވެސް ޝަކީލް ފާހަގަ ކުރެއްވިއެވެ. އެގޮތުން، މިހާރު ވެސް އެ ކޯޕަރޭޝަންގެ އިމާރާތެއް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެ އިމާރާތް ނިމުމުން އެ ކޯޕަރޭޝަނަށް ކުއްޔަކާ ނުލައި އޮފީސް އިމާރާތެއް ލިބޭނެ ކަމަށާއި އަދި އެ އިމާރާތް ކުއްޔަށް ދީގެން ލިބޭ ފައިސާއިން އެ މަސައްކަތް ކުރި ކުންފުންޏަށް ފައިސާ ދެއްކުމަށް ފަހު ފައިދާ ވެސް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ގެސްޓްހައުސްގެ ވިޔަފާރި ކުރާނީ ވެސް އެ އުސޫލުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ޙައްޖާއި އުމްރާގެ އަޅުކަން އަދާ ކުރަން ދާ މީހުންގެ ކަންކަން އިންތިޒާމުކުރަން އުފައްދާފައިވާ މި ކުންފުނިން ވިޔަފާރީގެ ތެރެއަށް ވަންނަން ޖެހޭ ސަބަބު ވެސް ޝަކީލް ކިޔައިދެއްވިއެވެ. އޭނާ ވިދާޅުވީ، ޙައްޖަށް މީހުން ދިއުމަށް މިހާރު އެ ކޯޕަރޭޝަނަށް ދައްކާ 69،965 ރުފިޔާއަކީ މީގެ 13 އަހަރު ކުރިން ނިންމާފައިވާ އަގެއް ކަމަށެވެ.

https://sun.mv/199796

"ވިސްނަވާ މީގެ 13 އަހަރު ކުރީގެ އަގަކަށް މިހާރު އެއް ކަމެއް ވެސް ކުރެވޭނެތޯ. ނުކުރެވޭނެ ނޫންތޯ. ޙައްޖުވެރިއެއްގެ އަތުން 69,965 ރުފިޔާ ނަގާއިރު ހަގީގަތަކީ ޙައްޖުގެ ކަންކަން ނިމޭއިރު ޙައްޖުވެރިއެއްގެ ބޮލަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ މިހާރު ޚަރަދުވޭ. ދަތުރުފަތުރާއި ހޮޓަލުގެ އަގާއި ކެއުމުގެ އަގު ވެސް މީގެ 13 އަހަރު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ބޮޑުވެފައިވާތީ," ޝަކީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޙައްޖުގެ އަޅުކަމަށް މީހުން ގެންދިއުމަށް އެކަނި އަހަރަކު 40އަކަށް މިލިއަން ރުފިޔާ ޚަރަދުވާ ކަމަށާއި އެ އަދަދަކީ އާއްމުންގެ އަތުން އެ ނަގާ ފީން ހަމަޖެއްސޭ އަގެއް ނޫން ކަމަށެވެ. އެހެންކަމުން އެބައި ފޫބައްދަން ޖެހެނީ ސަރުކާރަށް ބަރޯސާވާން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ވިޔަފާރިއަށް މި ވަންނަނީ ބޭރު ފައިސާ ހޯދަން. ވިސްނަވާ އަޅުގަނޑުމެން ވިޔަފާރިކޮށްގެން ލިބޭ އެއްޗަކުން ޙައްޖުގެ ކަންކަން ހަމަޖެއްސޭނަމަ އެއްކަލަ 40 މިލިއަނުން ސަރުކާރަށް ރައްޔިތުންނަށް ބޭނުންވާ ކޮންމެ ވެސް އެހެން ކަމެއް ކޮށްދެވޭނެ," ޝަކީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޙައްޖުގެ ކަންކަން މެނޭޖުކުރަން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އުފައްދާފައިވާ މިފަދަ ކުންފުނިތަކުން ވިޔަފާރިކުރާ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ މެލޭޝިއާގެ, "ތަބުން ޙާޖީ" އެވެ. އެ ކުންފުންޏަކީ ޙައްޖުގެ ކަންކަން މެނޭޖުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ފައިނޭޝިއަލް އެކިއެކި އިންސްޓްރޫމަންޓްތަކާއި ރިއަލްއެސްޓޭޓްގެ އިތުރުން އެހެނިހެން ވިޔަފާރިތަކުގައި އިންވެސްޓްކޮށްގެން ބޮޑު ފައިދާއެއް ހޯދާ ކުންފުންޏެކެވެ.

ޙައްޖު ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން, މާފުށީގައި ހޮޓާ އަޅާނީ މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް (އެމްއައިޓީ)ގެ ޕްރޮޖެކްޓެއްގެ ގޮތުގައެވެ. އެމްއައިޓީއަކީ ޙައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މި ހޮޓެލް އަމިއްލަ ހަރަދުގައި އެޅުމަށް ޝައުގުވެރިވާ ރާއްޖެ އަދި ބޭރުގެ ކުންފުނިތަކަށް ފުރުސަތު އޮތްކަމަށް އިއުލާނުގައި ވެއެވެ. އެހެންކަމުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން ޙައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވާން އެ ކޯޕަރޭޝަނުން ވަނީ މުއްދަތު ދީފައެވެ. ރަޖިސްޓްރީވުމަށް ފަހު އަނބުރާ ނުލިބޭ ގޮތަށް 30،000ރ. ނުވަތަ 2،000 ޑޮލަރުގެ ފީއެއް ބުދަ ދުވަހުގެ ކުރިން ދައްކަންޖެހޭނެއެވެ. އަދި، ބިޑު ހުޅުވުން އޮންނާނީ އަންނަ މަހުގެ 11ވަނަ ދުވަހެވެ.

ކޯޕަރޭޝަނުން ގެސްޓްހައުސް އެޅުމަށް ނިންމާފައިވާ މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއަކަށް ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރަމުން އަންނަ ރަށެވެ.

comment ކޮމެންޓް