"ގައުމީ ނިއުސް އެޖެންސީ" އެއް އުފެއްދުމަށްޓަކައި، ޔޫތު މިނިސްޓްރީއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަސްރީންއެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ގާއިމްކުރާ ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާތަކަށް ބޭނުންވާ ޚަބަރާއި މައުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ. އަދި މި ޚިދުމަތަކީ ރަޖިސްޓްރީކުރާ ފަރާތްތަކަށް، ހަމަޖެހިފައިވާ އުސޫލުން ޚަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯއާއި ވީޑިއޯ ވެސް ފަސޭހަކަމާއެކު ލިބޭނެ ޚިދުމަތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ދެވޭ ޙިދުމަތް ފޯރުކޮށްދޭނީ ޔޫތު މިނިސްޓްރީގެ ބައިވެރިވުން އޮންނަ ގޮތަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިންނާއި، މައުލޫމާތު ލިބިގަތުމުގައި ހުރި ފަސޭހަތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިހާރުވެސް ސަރުކާރުން ކުރާ މުހިންމު ކަންތައްތަކުގެ މައުލޫމާތާއި ޚަބަރު ފޯރުކޮށްދިނުމަށް 'ސަރުކާރު'ގެ ނަމުގައި ނޫހެއް ހިންގައެވެ. އެ ނޫހުގައި ސަރުކާރުގެ ކޮންމެ މިނިސްޓްރީއަކާ ގުޅޭ ޚަބަރުތައް ޝާއިއުކުރެއެވެ. އަދި ވަކިވަކި މިނިސްޓްރީތަކާއި އިދާރާތަކުގެ މީޑިއާ ގުރޫޕުތައް މެދުވެރިކޮށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ފޯރުކޮށްދެއެވެ.