ޑޮލަރު މާރުކުރުމުން އެމްއެމްއޭއަށް ވިއްކާ ފައިސާއިން، ދެ މަސް ތެރޭ ބޭންކްތަކަށް 23.3 މިލިއަން ޑޮލަރު ވިއްކައިފި

ފަތުރުވެރިންތަކެއް ރިސޯޓެއްގައި: ޑޮލަރު މާރުކުރުމުން އެމްއެމްއޭއަށް ވިއްކާ ފައިސާއިން، ދެ މަސް ތެރޭ ބޭންކްތަކަށް 23.3 މިލިއަން ވިއްކައިފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނޭ -

ރާއްޖޭގައި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި އަދަދެއް މި ގައުމުގެ ބޭންކުތަކުގައި މާރުކުރުމަށް ލާޒިމުކުރާ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، ކޮންމެ ހަފުތާއަކު ބޭންކުތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ވިއްކާ އަދަދުން ވަކި މިންވަރެއް އަނބުރާ ބޭންކުތަކަށް ވިއްކަން ފަށައި، ފާއިތުވި ދެ މަސް ތެރޭ 23.3 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

މަރުކަޒީ ބޭންކުން މިއަދު ވަނީ ރާއްޖޭގެ ދެމެހެއްޓެނިވި އިގުތިސާދީ ކުރިއެރުމަށް މަގުފައިވާ ގޮތެއްގެ މަތީން ރާއްޖޭގެ ބާޒާރުގައި އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން, އެކަށީގެންވާ މިންވަރެއްގައި ދެމެހެއްޓުމަށްޓަކައި އެކުލަވައިލައިފައިވާ މަނިޓަރީ ސިޔާސަތުގެ ދަށުން އަޅައިފައިވާ ފިޔަވަޅުތައް ހާމަކޮށްފައެވެ.

އެމްއެމްއޭއިން އާންމުކުރި މައުލޫމާތުގައި ވަނީ ރާއްޖެއަށް ލިބޭ ބޭރުގެ ފައިސާގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށްވާއިރު، އެ ދާއިރާ ކުރިއަރައި ބޭރު ފައިސާގެ އާމްދަނީ އިތުރުވި ނަމަވެސް ރިޒާވް އިތުރުވެފައިނުވާކަން ފާހަގަކޮށްފައެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި، ތެލަށް ކުރާ ޚަރަދު ބޮޑުވުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރުގެ ދަރަނި އަދާކުރުމަށާއި އަމިއްލަ ވިޔަފާރިތަކާއި އާންމުންގެ ބޭނުމަށް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުވުން ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ރާއްޖޭގެ ބިޔަ ތަރައްގީގެ މަޝްރޫއުތައް ބޭރުގެ ލޯނު އެހީ ބޭނުންކޮށްގެން ހިންގާއިރު، ބޭރުގެ ދަރަނި ބޮޑުވުމުން ފާއިތުވި ދެތިން އަހަރު ސަރުކާރަށް ބޭރުގެ މާލީ އެހީ ހޯދަން ދަތިވެފައިވާކަން މަރުކަޒީ ބޭންކުން ފާހަގަކުރިއެވެ.

އެހެންވެ، ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ ބޭރު ފައިސާ މި ގައުމުގައި ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ އައު ގަވައިދެއް ތަންފީޒުކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެކެއްގައެވެ. އެ ގަވައިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކޮށް، ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަން ޖެހެއެވެ.

އެމްއެމްއޭ: ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން ބޭންކުތަކުގައި މާރުކުރާ ފައިސާގެ ތެރެއިން 90 ޕަސެންޓް އެމްއެމްއޭއަށް ވިއްކަން ޖެހޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ގަވައިދު ތަންފީޒު ކުރުމަށް ފަހު، އެކަމާ ބެހޭ ގާނޫނުން ލުއިތަކެއް ދިނުމަށް ފަހު، މި އަހަރު ތަންފީޒުކުރަން ފެށިއެވެ. ގަވައިދުގައި އޮތީ ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ނަމަވެސް ގާނޫނުގައި ވަނީ ބޮލަކަށް 500 މާރުކުރަން ނުވަތަ ލިބޭ އާމްދަނީން 20 ޕަސެންޓް މާރުކުރުމުގެ އިޚުތިޔާރު ދީފައެވެ. އަދި, ރިސޯޓަކަށް މާލީ ދަތިކަމެއް ވާނަމަ، އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން ދައްކަން އެދުމުގެ އިޚުތިޔާރު ދީފައިވެއެވެ. އަދި, ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ވެސް އިޚުތިޔާރު ދީފައިވެއެވެ.

އެ ގާނޫނާއި ގަވައިދުގެ ދަށުން ކޮންމެ ހަފުތާއަކު ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން 60 ޕަސެންޓް އެމްއެމްއޭއަށް ވިއްކުމަށް ފުރަތަމަ އެންގިއެވެ. މިދިޔަ ޖޫން މަހު އެ އަަދަދު 90 ޕަސެންޓަށް ބޮޑުކޮށްފައިވާއިރު، ބޭންކުތަކުން އިތުރަށް މާރުކުރާ 30 ޕަސެންޓް ކޮންމެ ހަފުތާއަކު އަލުން އަނބުރާ ބޭންކުތަކަށް ވިއްކަމުން އަންނަ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

"މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ކޮންމެ ހަފުތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުން. މި އުސޫލުގެ ދަށުން ޖޫން އަދި ޖުލައި މަހު ޖުމްލަ 23.3 މިލިއަން އެމެރިކާ ޑޮލަރު އެމްއެމްއޭ އިން ވަނީ ބޭންކުތަކަށް ވިއްކާފައި،" އެ އޮތޯރިޓީން ބުންޏެވެ.

ޑޮލަރު އިތުރުކުރުމުގެ އިތުރުން ޑޮލަރުގެ ޑިމާންޑް ކުޑަކުރުމަށް ވެސް އެމްއެމްއޭއިން ފިޔަވަޅު އަޅައިފައިވެއެވެ. އެގޮތުން، ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރާ މުއާމަލާތްތަކަށް ފައިސާ ދެއްކުމުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި ދެ ގައުމުގެ އަމިއްލަ ފައިސާ ބޭނުންކުރުމުގެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުން އަންނަކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ.

ރާއްޖެއަށް މާލީ ގޮތުން އެންމެ ބޮޑެތި އެހީތައް ވެދޭ އެއް ގައުމު ކަމަށްވާ އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ގައުމުގެ ފައިސާ ބޭނުންކުރުމަށް މިދިޔަ ނޮވެންބަރު މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ހަފުތާގައި ވަނީ އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގައި ވަރަށް އަވަހަށް ރުޕީސްއިން ޚިދުމަތް ހޯދޭނެ ކަމަށް ވިދާޅުވެފައެވެ.

ޑޮލަރުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ބޭންކުތަކުގައި މާރު ކުރާ ގަވާއިދާމެދު ޓޫރިޒަމްގެ ޚިދުމަތްދޭ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. ނަމަވެސް، މިހާރު 95 ޕަސެންޓް ވިޔަފާރިތަކުން ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުކުރާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

comment ކޮމެންޓް