ދުންފަތް ހުއްޓާލާ ރަށްރަށުގެ މީހުންނަށް އިނާޔަތް ދިނުމާމެދު އާންމުންގެ ޚިޔާލު ހޯދަނީ

މީހަކު ސިނގިރޭޓެއް ބޮނީ: ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ އާބާދީގެ އެންމެނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ މެދު ޚިޔާލު ހޯދަނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ އާބާދީގެ އެންމެނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ އެންމެނަށް އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ހުޅުވާލީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމާ ގުޅޭ ގޮތުންނާއި، ގާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން ކުރިއަށް އޮތް ތަނުގައި ރަނގަޅުކުރަން ޖެހޭ ކަންކަން ދެނެގަތުމަށް ކަމަށެވެ.

https://sun.mv/207701

އާންމުންގެ ޚިޔާލު ހޯދަނި ސާވޭއެއް މެދުވެރިކޮށެވެ.

މި ސާވޭގެ ބައިވެރިންގެ މައުލޫމާތު ހާމަ ނުކުރާނެ ކަމަށާއި، ސާވޭން އެއްކުރާ މައުލޫމާތުތައް ބޭނުންކުރާނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް މަސައްކަތްކުރުމަށާއި އެކަމާ ގުޅުން ހުރި ސިޔާސަތުތައް އެކުލަވާލުމަށްޓަކައި ކަމަށް، މިނިސްޓްރީން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓައިލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހަދަން ސަރުކާރުން ނިންމާފައިވާކަން މިދިޔަ ޖޫން މަހުގެ 24ވަނަ ދުވަހު "އެކްސް"ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ލިޔުއްވާފައިވެއެވެ.

އެ ދިރާސާއަށް ފަހު، އެ ކަމާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމަށް، ކަމާބެހޭ ވަޒީރުންނަށް އެންގެވި ކަމަށް ވެސް އެމަނިކުފާނު ލިޔުއްވެވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ދުންފަތާ ދެކޮޅަށް މިފަދަ ކަންކަން ކުރެއްވެވިއެވެ. އެގޮތުން، އޭރު ސްކޫލު ފޮތް ބަޔަކީ ގަންނަން ޖެހޭ އެއްޗަކަށްވާއިރު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ މީހުންގެ ދަރިންނަށް ސަރުކާރުން ފޮތްލިސްޓް ދިނުންފަދަ ކަންކަން ކުރެއްވެވިއެވެ.

ދިވެހީންގެ ވެސް އާއްމު ސިއްހަތަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށްވާ, ދުންފަތުގެ އިސްތިއުމާލުން މީހުން ސަލާމަތް ކުރުމަށް މި ސަރުކާރުން ވަނީ މިހާތަނަށް ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އޭގެ ތެރޭގައި ސިނގިރޭޓް ޑިއުޓީ ވަރަށް ބޮޑު ކުރުމާއި, ވޭޕް ބޭނުން ކުރުން މަނާކުރުން ހިމެނެއެވެ.

ވޭޕް މަނާކުރަން ސަރުކާރުން ނިންމީ އުމުރުން ވަރަށް ހަގު, ކިޔަވާ ކުދިންއިން ފެށިގެން އެތައް ދިވެހީންނެއް އެ ނުރައްކާތެރި ވަބާގައި ޖެހިފައި ވަނިކޮށެވެ. މިހާރު ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ އިތުރުން އެ ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ. އެކަންކަން ކުރާ މީހުންނަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ނަމަވެސް، ދުންފަތާ ގުޅޭ ގިނަ ގަވާއިދުތަކެއް އަދިވެސް ރާއްޖޭގައި ތަންފީޒެއް ނުވެއެވެ. އެގޮތުން، އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ވަކި ސިނގިރޭޓް ވިއްކުމަކީ ގަވާއިދުން މަނާ ކޮށްފައިވާ ކަންކަން ކަމަށް ވީނަމަވެސް އެކަންކަން ފާޅުގައި ކުރެއެވެ. ފިޔަވަޅު އެޅެނީ މަދު ފަހަރެއްގައެވެ.

comment ކޮމެންޓް