އިންޑިއާއިން ގަތުމުގެ ބަދަލުގައި ވިއެޓްނާމަށް ދަތުރެއްކޮށް, މެކްބުކް ގަތުމުން ރައްކާކުރެވުނު ފައިސާއިން ޗުއްޓީއެއް ހެދި މީހެއްގެ ވާހަކަ މީޑިއާތަކުގެ ސަމާލުކަން ހޯދައިފިއެވެ.
އިންޑިއާއަށް ނިސްބަތްވާ މި މީހާގެ ވިއެޓްނާމް ދަތުރުގެ ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ބުނީ އިންޑިއާއިން ދެ ލައްކަ ރުޕީސް ޚަރަދުކޮށްގެން މެކްބުކެއް ނުވަތަ އައިފޯނެއް ގަތުމުގެ ބަދަލުގައި ވިއެޓްނާމަށް ކުރު ދަތުރެއްކޮށްލުން މާބޮޑަށް ވެސް ރަނގަޅު ކަމަށެވެ.
ސަބަބަކީ އިންޑިއާއިން ގަތުމަށް ކުރަން ޖެހޭ ހަރަދަށް ވުރެން, ވިއެޓްނާމަށް ގޮސް އެ ޕްރޮޑަކްޓެއް ގަނެ, ޗުއްޓީއެއް ހެދުން ވެސް އަގުހެޔޮ ވުމުން ކަމަށް އޭނާ ބުންޏެވެ.

ވިއެޓްނާމްގެ މަންޒަރެއް. މިއީ ވަރަށް ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް މިފަހުން ޒިޔާރަތްކުރާ ޤައުމެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް
މިދިޔަ މަހުގެ ފަހުކޮޅު ވިއެޓްނާމަށް ދިއުމަށްޓަކައި އޭނާ ވަނީ ވަރަށް ހެޔޮ އަގުގައި މަތިންދާބޯޓުގެ ޓިކެޓް ވެސް ގަނެފައެވެ. އަދި ޗުއްޓީ ދަތުރުގައި ފަސޭހަކަމާ އެކު އޮފީސް މަސައްކަތްކޮށްލެވުނު ކަމަށް ވެސް ސޯޝަލް މީޑިއާގައި "@Shuict"ގެ ނަމުން އައިޑީ ހިންގާ އިންޑިއާ މީހާ ވަނީ ބުނެފައެވެ.
ވިއެޓްނާމަށްކުރި މި ދަތުރުގައި އޭނާ ވަނީ ވަރަށް ރޭވުންތެރިކަމާ އެކު އެ ޤައުމުގައި ބޭނުންކުރާ ވެލިއު އެޑެޑް ޓެކްސް (ވެޓް) ޕްރޮގްރާމްގެ ބޭނުން ހިފާފައެވެ. އިންޑިއާއިން 185,000 ރުޕީސް ( ގާތްގަނޑަކަށް 2،226 އެމެރިކާ ޑޮލަރަ)ށް ލިބެން ހުރި "މެކްބުކް ޕްރޯ އެމް4 14", ވިއެޓްނާމުން އޭނާ ގަތީ ވެޓް ޕްރޮގްރާމްގެ އެހީގައި 148,000 ރުޕީސް (ގާތްގަނޑަކަށް 1،780 އެމެރިކާ ޑޮލަރަ)ށެވެ. އެހެންކަމުން 400 ޑޮލަރަށް ވުރެން ބޮޑު އަދަދެއް އެ ވަނީ ސަލާމަތް ކުރެވިފައެވެ.
ވިއެޓްނާމަކީ ގިނަ ކަންކަން ވަރަށް އަގުހެޔޮ ގައުމެކެވެ. އެހެންވެ މެކްބުކް ގަތުމުން ރައްކާކުރެވުނު ފައިސާއިން ވިއެޓްނާމްގައި 11 ދުވަހު އަރާމުކޮށް ޗުއްޓީ ހޭދަކޮށްލުމުގެ ޚަރަދު ސަލާމަތް ކުރެވުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާގެ ދަތުރުގެ ޚަރަދުތަކުގެ ތަފުސީލު ސޯޝަލް މީޑިއާގައި ހާމަކުރުމާ އެކު ގިނަ ބަޔަކު ބުނެފައި ވަނީ މިއީ ވަރަށް މޮޅަށް ރޭވުންތެރިކަމާ އެކު ޗުއްޓީ ދަތުރެއް ރާވާލެވޭނެ ގޮތެއް ކަމަށެވެ.
މެކްބުކެއް ގަތުމުގެ ނިޔަތުގައި އެއްކުރި ފައިސާއިން 'ޖީނިއަސް ޓްރެވެލް ހެކް'ގެ އަލީގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކުން ޗުއްޓީ ހޭދަކޮށްލުމުގެ ވިސްނުން ގެނެވޭނީ އެކަމުގެ ހުނަރު ވަރަށް ބޮޑަށް ސިކުނޑީގައި ހުރުމުން ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވަނީ އިންޑިއާއަށް ނިސްބަތްވާ މި މީހާއަށް ތައުރީފުކޮށްފައެވެ.