ޚުތުބާގައި ވަސިއްޔަތްކުރީ މުޖުތަމައު ބައިބައިކުރަން ނުކުންނަ މީހުންނަށް ފުރުސަތު ނުދިނުމަށް

މީހުންތަކެއް މިސްކިތުގައި ޚުތުބާ އަޑުއަހަނީ: ޚުތުބާގައި ވަސިޔަތްކުރީ މުޖުތަމައު ބައިބައިކުރާން ނުކުންނަ މީހުންނަށް ފުރުސަތު ނުދިނުމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޖުތަމައު ބައިބައިކުރާން ނިކުންނަ މީހުންނަށް ފުރުސަތު ނުދިނުމަށް ހުރިހާ މުސްލިމުންނަށް މިއަދުގެ ހުކުރު ޚުތުބާގައި ވަސިއްޔަތްކޮށްފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ، ޞަހާބީންނާއި އަހުލުބައިތުންނަށް ލޯބިކުރުމާ އެބޭކަލުންގެ މަގާމުގެ މައްޗަށެވެ.

ޚުތުބާގައި ބުނެފައި ވަނީ، ކީރިތި ރަސޫލާއަށް ފަހު، އަހަރެމެން އެންމެ ލޯބިކުރަނީ އާލުބައިތުންނާއި ސަހާބިންނަށް ކަމަށެވެ. އެގޮތުން، މިދިޔަ ޒަމާންތަކުގައި ޢިލްމުވެރިން ޞަޙާބީންނާއި ތާބިޢީންނަށް ބަދުބަސްބުނެ، އެބޭކަލުންނަށް ކުޑައިމީސްކޮށް ހަދާފަ ނުވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ބަޔަކު މިސްކިތުގައި ޚުތުބާ އަޑުއަހަނީ: ޚުތުބާގައި ވަސިޔަތްކުރީ މުޖުތަމައު ބައިބައިކުރާން ނުކުންނަ މީހުންނަށް ފުރުސަތު ނުދިނުމަށް -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

"މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރީން އިސްނެންގެވި ބޭކަލުންނާއި، ހެޔޮ ގޮތުގައި އެ ބޭކަލުންނާ ތަބާވީ މީހުން (ދަންނާށެވެ!) الله، އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން ވަނީ އެ ކަލާނގެއަށް ރުހިގެންނެވެ. އަދި އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގައި ހުންނަ ސުވަރުގެތައް، އެ ކަލާނގެ އެއުރެންނަށް ޓަކައި ތައްޔާރުކުރެއްވިއެވެ. އެ ތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ." ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ވަނީ، އެ ބޭކަލުންނަށް ލޯބިވެ، އެ ބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފާ، ބަޔަކަށްވުމަށް ގޮވާލާފައެވެ. އޭގެއިތުރަށް، މާތް ﷲ ރުހިވޮޑިގެންނެވި ބަޔަކަށް ރުހެން ޖެހޭނެ ކަމާއި އެ ބޭކަލުން މަތިވެރިކުރަން ޖެހޭނެ ކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ބަޔަކު މިސްކިތަށް އަރަނީ: ޚުތުބާގައި ވަސިޔަތްކުރީ މުޖުތަމައު ބައިބައިކުރާން ނުކުންނަ މީހުންނަށް ފުރުސަތު ނުދިނުމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަހާބީންނާއި އަހުލުބައިތުންނަށް އިހުތިރާމުކޮށް، އެބޭކަލުންނާ މެދު އަހަރެމެންގެ ހިތްތައް ސާފުކުރަން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ހަމައެހެންމެ، އަސްހާބު ބޭކަލުންނަށް ބަދުބަސް ބުނާ މީހެއްގެ އަގީދާ ފާސިދުކަމުގެ ދަލީލަކަށް ފުދޭ ކަމަށާއި އެފަދަ މީހުން ބޭނުން ވަނީ އެ ބޭކަލުންގެ މައްޗަށް މީހުންގެ ހިތްތައް ނުބައި ކުރުވުމަށާއި ދީނާ ދުރުކުރުވުމަށްކަން ޚުތުބާގައި ފާހަގަކުރިއެވެ.

"މީހަކު ރަސޫލު ﷲ ގެ އަޞްޙާބުބޭކަލެއްގެ ޤަދަރު ކުޑަކުރާ ތަން ދެކެފި ނަމަ، ފަހެ ދަންނާށެވެ! ހަމަކަށަވަރުން އެއީ ޒިންދީޤެކެވެ. (އެބަހީ: ދީނެއް މިއްލަތެއް ނެތް، ދީން އޮޅުވައިލާ ނުބައިވެގެންވާ މީހެކެވެ.) އެހެނީ ހަމަކަށަވަރުން އަހަރެމެންގެ ގާތުގައި ކީރިތި ރަސޫލާއަކީ ޙައްޤު ރަސޫލާއެވެ. ޤުރްއާނަކީ ޙައްޤު ފޮތެވެ. ހަމަކަށަވަރުން ޤުރްއާނާއި ސުންނަތް އަހަރެމެންނަށް ފޯރުކޮށްދެއްވީ ރަސޫލު ﷲގެ އަޞްޙާބުބޭކަލުންނެވެ." ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، ސުންނަތް ޖަމާއަތުގެ އަގީދާއާ ޚިލާފުވާނީ ބާތިލު ފިކުރު ތަކުގެ އަހުލުވެރިން ކަމަށެވެ.

އެހެންވެ، މަތިވެރި ޢަޤީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބޭންޖެހޭނެ ކަމަށާއި އެއްބައިވަންތަކޮށް މުޖުތަމައު ހިފައިހައްޓައިދިން ވަރުގަދަ އަޤީދާއަކީ އެއީ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ވަނީ، މުސްލިމުންގެ ޢަޤީދާއިން ފައި ކައްސައިލައިފި ނަމަ، ބައިބައިވުމާއި ތަޅައިފޮޅުމާއި ފިތުނަތައް އުފެދޭނެ ކަމަށެވެ. އަދި، މުޖުތަމައު ބައިބައިކުރާން ނުކުންނަ އެއްވެސް މީހަކަށް ފުރުޞަތު ނުދިނުމަށް ހުރިހާ މުސްލިމުންނަށް ޚުތުބާގައި ވަނީ ވަސިއްޔަތްކޮށްފައެވެ.

comment ކޮމެންޓް