އިންޑިއާގެ ޓަމިލް ނާޑޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ތިންވަނަ ބުރުން އެކަށީގެންވާ ސްކޯއެއް ނުލިބި ރާއްޖޭގެ ފިރިހެން ރާޅާއެޅުންތެރިންގެ ޓީމު މުބާރާތުން ކަޓައިފިއެވެ.
ރާއްޖެއިން މި މުބާރާތުގައި ވާދަކުރާ ތިން ރާޅާއެޅުންތެރިންގެ ތެެރެއިން ރާއްޖޭގެ ހޫދު އަޙްމަދު ވާދަކުރީ ހީޓު ހަތަރެއްގައެވެ. މި ހީޓުގެ ތިންވަނަ ހޫދަށް ލިބުނީ 8.83 ގެ ސްކޯއަކާއެކުއެވެ.
މި ހީޓުގެ އެއްވަނަ ހޯދި ޗައިނާގެ ވޫ ވަނީ 14.50 ގެ ސްކޯއެއް ހޯދާފައެވެ. ދެވަނައަށް ދިޔަ އިންޑޮނޭޝިއާގެ ޑެނީ ވަނީ 11.34 ގެ ސްކޯއެއްް ހޯދާފައެވެ.
ރާއްޖޭގެ އިސްމާއިލް ރަޝީދު (ސްމައިލީ) ހީޓު ދޭއްގައި ވާދަކޮށްފައިވާއިރު، އޭނާ ދިޔައީ 3.44 ޕޮއިންޓާއެކު ހީޓުގެ ފުލަށެވެ.
މި ހީޓުގެ އެއްވަނަ 12.50 ގެ ސްކޯއަކާއެކު އިންޑޮނޭޝިއާގެ މެގަ އާތަނާއޭނާ ހޯދިއިރު، ދެވަނައަށް ދިޔަ ރަމޭޝް އަށް 11.00 ގެ ސްކޯއެއް ލިބުނެވެ.
ރާއްޖޭގެ ކެޕްޓަން އަހުމަދު އާގިލް (އައްމަޑޭ) ވާދަކުރި ހަވަނަ ހީޓު 8.93 ގެ ސްކޯއަކާއެކު ލިބުނީ ތިންވަނަ އެވެ. މި ހީޓުގެ އެއްވަނަ ފިލިޕީންސްގެ އެޑުވާޑޯ ހޯދީ 10.54 ސްކޯކޮށްގެންނެވެ. ދެވަނަ ހޯދި ޗައިނާގެ ލިއު ޗެން 9.00 ގެ ސްކޯއެއް ހޯދިއެވެ.