އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ވަރުގަދަ ގްރޫޕަކަށް

ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމު ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމު ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފިއެވެ.

ރާއްޖެ ލައްވާލީ ގްރޫޕް އެފްގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނޭ ގައުމުތަކަކީ ކުވެއިތު، ތުރުކުމެނިސްތާން އަދި މޮންގޯލިއާ އެވެ.

ތައިލެންޑުގެ ޗޮންބުރީގައި ނޮވެމްބަރު 22-30 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި، ނޮވެމްބަރު 22 ވަނަ ދުވަހު މޮންގޯލިއާ އާއި ބައްދަލުކުރާނެ އެވެ.

ދެވަނަ މެޗުގައި އެއް ދުވަސް ފަހުން، 24 ވަނަ ދުވަހު، ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅުމަށްފަހު ތިންވަނަ މެޗުގައި، 26 ނޮވެމްބަރުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ތައިލެންޑާއެވެ. ގްރޫޕްގެ ފަހު މެޗުގައި 28 ވަނަ ދުވަހު ކުވޭތާ ދެކޮޅަށް ކުޅޭނެއެވެ.

މިދިޔަ އަހަރު ބޭއްވި އޭއެފްސީ 17 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ވަނީ ބޫޓާނާ 2-2 އިން އެއްވަރުކޮށްފައެވެ. ދެ ވަނަ މެޗުގައި ބަހްރޭން އަތުން 1-0 އިން ބަލިވިއިރު، ތިންވަނަ މެޗުގައި ދެކުނު ކޮރެއާ އިން ރާއްޖެ ބަލިކުރީ 13-0 އިންނެވެ. އަދި ފަހު މެޗުގައި ޗައިނާއިން ރާއްޖޭގެ މައްޗަށް ކުރިހޯދީ 9-0 އިންނެވެ.

ކޮލިފައިންގެ ކުރިން ގައުމީ 17 އަހަރުން ދަށުގެ ޓީމުން އަންނަ މަހު، 15-27 އަށް ލަންކާގައި ކުރިއަށްދާ ސާފްގެ މުބާރާތުގައި ވާދަކުރާނެއެވެ. އެ މުބާރާތުގެ ގްރޫޕް ބީގައި ރާއްޖެއާއެކު ހިމެނެނީ އިންޑިއާގެ އިތުރުން ބޫޓާނާއި ޕާކިސްތާނެވެ.

އެފްއޭއެމުން ވަނީ މި ޓީމަށް ކޯޗަކު ހޯދަން ދާދިފަހުން ގެޒެޓުގައި އިއުލާނުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު