ހުޅުމާލޭ ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީ 'އޮޅު ހިޔާ'އާ ހަވާލުވި ފަހުން، މިހާތަނަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އޮޅު ހިޔާއާ ހަވާލުވީ، މިއަހަރުގެ ފެބްރުއަރީ 26ގައެވެ. އޭގެފަހުން، ފުރަތަމަ އެ ފެސިލިޓީއަށް ނެގީ 15 ބުޅަލެވެ.
އެ ފެސިލިޓިއާ ގުޅޭގޮތުން މައުލޫމާތު ހޯދަން 'ސަން'އިން ހުށަހެޅި އާރްޓީއައިއަށް މިނިސްޓްރީން ވަނީ ޖަވާބުދީފައެވެ. މިނިސްޓްރީން ބުނި ގޮތުގައި، މިހާތަނަށް އެ ފެސިލިޓީއާ ހަވާލުވި ފަހުން 570،695.26 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ފެސިލިޓީއަށް މިދިޔަ މެއި މަހުގެ 14ގެ ފަހުން 38 ބުޅާ އިތުރަށް ނަގާފައިވާ ކަމަށާއި މިވަގުތު އޮޅުހިޔާގައި ތިބީ 68 ބުޅާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޮޅުހިޔާއަށް ބުޅާތައް ގެންދިޔުމުގެ މަސައްކަތް މިނިސްޓްރީން ކުރަނީ: އެތަނާ މިނިސްޓްރީން ހަވާލުވި ފަހުން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައި ---- ފޮޓޯ/ މިނިސްޓްރީ
އޮޅުހިޔާގެ މަސައްކަތް އެންމެ ފުރަތަމަ ކުރީ މާލެ ސިޓީ ކައުންސިލުންނެވެ. އެކަމަކު، މިނިސްޓްރީން ފުރިހަމަ ކުރަން ބުނި ބައެއް މަސައްކަތްތައް ކައުންސިލުން ފުރިހަމަކޮށްފައިނުވާ ކަމަށް ބުނެ މިނިސްޓްރީން އެ ފެސިލިޓީއާ ހަވާލުވިއެވެ.
މިނިސްޓްރީން ބުނީ، ކައުންސިލްގެ އަތުން އޮޅުހިޔާ ނެގީ އެތަނުން ދޭން ރާވާފައިވާ ޚިދުމަތް ދިނުން ލަސްވާތީ އެކަން އަވަސްކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް އެކަމަށް ޖަވާބު ނުދިނުމުން ކަމަށެވެ.
އެގޮތުން، އޮޅުހިޔާގައި ބުޅާތައް ކަރަންޓީނު ކުރެވޭ ވަސީލަތްތައް މިނިސްޓްރީން ފުރިހަމަކުރި ކަމަށް ބުނެފައިވެއެވެ. އަދި، ކަރަންޓީނު ކޮށީގެ ދެ ޔުނިޓު މިހާތަނަށް މިނިސްޓްރީން ހަދާފައިވާއިރު، އެތަނަށް ބޭނުންވާ ވެޓިނަރީ ބޭހާއި ސިރިންޖާއި މެޑިކަލް ޑިސްޕޯޒަބަލްސް ހޯދާފައިވާ ކަމަށް ބުންޏެވެ.
އިތުރަށް ކޮށްފައިވާ ކަންކަމާއި ކުރަމުން އަންނަ ކަންކަން:
- އޮޅުހިޔާގައި ހުރި ހެލްތީ ހޯލްޑުގެ ފަސް ކޮށީގައި ޖަހާފައި ހުރި ދާތަކުގެ ތެރެއިން ބުޅާތައް ދެމިގަނެގެން ދާތީ އެކަން ވަނީ ރަނގަޅުކޮށްފައި
- ފަސޭހައިން ސާފުކުރެވޭނެހެން އެތަނުގެ ތަޅުމުގަޔާއި ފާރުގައި ކުލަލުން
- ފެސިލިޓީއަށް ބޭނުންވާ ކޮންޓްރޯލްޑް ޑްރަގްސް ހޯދުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަސައްކަތް ކުރާކަން
- އެޗްޑީސީގެ ބިލްޑިން ޔޫސޭޖްގެ ހުއްދަ ހޯދައި، ފަޔާ ސޭފްޓީ ޕްލޭންގެ އެޕްރޫވަލް ހޯދަން މަސައްކަތް ކުރުން
އޮޅުހިޔާގެ މަރާމާތަށާއި މެއިންޓެނަންސްގެ މަސައްކަތްތަކަށް މިނިސްޓްރީން މިހާތަނަށް 286،625.78 ރުފިޔާ ޚަރަދުކުރިއިރު، ބޭނުންވާ ތަކެތި ހޯދުމަށް 110،930.45 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މިހާތަނަށް އޮޅުހިޔާގެ މަގުސަދު އެންމެ ފުރިހަމައަށް ހާސިލުވެފައި ނުވި ނަމަވެސް، މާލޭގެ މަގުތަކުން ބުޅާ މަދުކުރުމުގެ މަސައްކަތްތައް ފެށިފައިވާ ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، މުސްތަގުބަލުގައި އޮޅު ހިޔާގެ މަގުސަދު ހާސިލުވާނެ ކަމަށް ދެކޭ ކަމަށެވެ.
މާލެ ސަރައްހައްދުގައި ބުޅާ އިތުރުވެ، އާންމު އުނދަގުލަކަށް ވެފައި ވުމުން އޮޅުހިޔާ ފެސިލިޓީ ގާއިމް ކުރީ އެ މަައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް އެކަން ކުރެވިފައި ނުވާތީ، އާންމުންގެ ފާޑުކިއުން މި ސަރުކާރަށާއި ވުޒާރާއަށް އަންނަނީ ކުރަމުންނެވެ.