ޑިޒްނީއިން މިހާތަނަށް ނެރުނު އެންމެ މަގުބޫލު އެއް ކެރެކްޓަރު ކަމަށްވާ ހަނާ މޮންޓަނާއަށް 20 އަހަރު ފުރޭތީ އެކަން ފާހަގަކުރުމަށް އަލުން ކެރެކްޓަރު ގެންނަން އުޅޭ ކަމުގެ އިޝާރާތެއްކޮށްފިއެވެ.
މައިލީ ސައިރަސް، ހަނާ މޮންޓަނާގެ ގޮތުގައި ފެންނަ ޝޯ ޕްރިމިއާ ކޮށްފައިވަނީ 2006 ވަނަ އަހަރުގެ މާޗު 24 ގައެވެ. އެއަށްފަހު އެތައް ފޭނުންނެއް ދެރަކޮށްލައި ޝޯ ނިންމާލާފައިވަނީ 2011 ވަނަ އަހަރުގެ ޖެނުއަރީ 16ގައެވެ.
ޝޯ ނިމުނު ފަހުން މިހާރު 15 އަހަރު ވާން ގާތް ވެފައިވާއިރު ވެސް މި ޝޯގެ މަގުބޫލުކަން ކުޑައެއް ނުވެއެވެ. އެތައް ބަޔަކު އަދިވެސް މި ޝޯގެ ވާހަކަ ދައްކައެވެ. މައިލީ ސައިރަސް ފެނުމުން އަދިވެސް އޭނާއަށް ހަނާ މޮންޓަނާ ކިޔައި ގޮވާ މީހުން މަދެއް ނޫނެވެ.
މިފަހަރު މިއޮތީ ޝޯގެ ފޭނުންނަށް އުފާވެރި ޚަބަރަކަށް ވެދާނެއެވެ. ޑިޒްނީން ދާދިފަހުން އާންމުކޮށްފައިވާ ޓީޗަރެއްގައި ވަނީ ކެރެކްޓަރު އެނބުރި އަންނަން އުޅޭކަން އިޝާރާތް ކޮށްފައެވެ. ހަނާ މޮންޓަނާއަށް 20 އަހަރު ފުރޭތީ އެކަމާ ގުޅިގެން އާންމުކޮށްފައިވާ ޓީޒަރުން ފެންނަނީ ހަނާ މޮންޓަނާ ކެރެކްޓަރު ބޭނުންކުރާ އިސްތަށިގަނޑެވެ.
އެއާއެކު ފޭނުން ބުނަމުން އަންނަނީ އަލުން ހަނާ މޮންޓަނާ ގެންނަން އުޅޭ ކަމަށެވެ. ނަމަވެސް ފޭނުން ބުނަމުން އަންނަނީ އަލުން ޝޯއެއް ބޭނުމެއް ނޫން ކަމަށެވެ. އެއީ ގިނަ ފަހަރަށް ޝޯއެއް އަލުން ގެންނައިރު އޭގެ ކޮލިޓީ ރަނގަޅު ނުވާތީއެވެ.
ނަމަވެސް ބެލެވޭ ގޮތުގައި ޑިޒްނީއިން ރިލީޒްކުރާނީ ފީޗާ ފިލްމެކެވެ. މި ފިލްމުގައި ހަނާ މޮންޓަނާގެ ކެރެކްޓަރު މިހާރު އުޅޭގޮތަށް އަލިއަޅުވާލާނެ ކަމަށް ބެލެވެއެވެ. އަދި ބެލެވޭ ގޮތުގައި މި ފިލްމު ރިލީޒްކުރާނީ ޝޯ ޕްރިމިއާ ކުރި ތާރީޚާ ގުޅުވައިފައެވެ.