ދެ ގަޑިއިރުތެރޭ މުޅި ހުޅުމާލެއަށް ކަރަންޓު ދެވިއްޖެ؛ މާލެއަށް އެއްކޮށް ދޭން އިތުރަށް 40 މިނެޓް ނަގާނެ

ކަރަންޓު ދިޔަ ގަޑީގައި މާލޭގެ ގޯޅިއެއް ތެރޭގައި މީހުން: މިއަދު މާލެއާއި ހުޅުމާލެ 'ޓޯޓަލް ބްލެކްއައުޓް'އަކަށް ދިޔަ -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މުޅި މާލެއާއި ހުޅުމާލެއިން މިއަދު ހެނދުނު ކަރަންޓު ކެނޑުމަށްފަހު، މުޅި ހުޅުމާލެއަށް ދެ ގަޑިއިރުތެރޭ ކަރަންޓު ދީފައިވާއިރު، މުޅި މާލެއަށް ކަރަންޓު ދޭން އިތުރު 40 މިނެޓު ނަގާން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުނީ މިއަދު 9:30ހާއިރެވެ. އެއީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް އިތުރު ތަފުސީލެއް މިހާތަނަށް ދީފައިނުވެއެވެ.

ސްޓެލްކޯއިން 10:17ހާއިރު ވަނީ ކަރަންޓު ބައެއް ސަރަހައްދުތަކަށް ދޭން ފަށައި، މާލޭގެ ބައެއް ހިސާބުތަކަށް ދީފައިވާ ކަމަށް ބުނެފައެވެ. އަދި 11:30ހާއިރު އެ ކުންފުނިން ވަނީ މުޅި ހުޅުމާލެއަށް ކަރަންޓު ދީފައިވާ ކަމަށް ބުނެފައެވެ.

މުޅި މާލެއަށް ކަރަންޓު ދިނުމަށް ޓަކައި، މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ، ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

"ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި، މުޅި މާލެއަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެ. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން،" އެ ކުންފުނިން ބުންޏެވެ.

މީގެ ދެ މަސް ދުވަސް ކުރިން ވެސް މާލެ ސަރަހައްދަށް މި މައްސަލަ ދިމާވިއެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު 12:35 އެހާކަންހާއިރު މާލެއާއި ހުޅުމާލެއަށް ކަރަންޓު ކެނޑި ހުރިހާ ސަރަހައްދަކަށް ކަރަންޓު ލިބޭވަރުވީ ފަސް ގަޑިއިރަށް ވުރެ ބޮޑުވީ ފަހުން، 18:30ހާއިރެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެންގެވިއެވެ. އެހެންވެ، ފުލުހުން އެ މައްސަލައިގެ ޚާއްސަ ތަހުގީގެއް ފެށި ނަމަވެސް، ތަހުގީގުގެ ނަތީޖާ މިހާތަނަށް ވެސް ހާމަކޮށްފައި ނުވެއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މާލެ ސަރަހައްދުގައި ކަމަށްވާއިރު، ކުއްލިއަކަށް ކަރަންޓު ކެނޑުމަކީ ގިނަ ދަތިތަކެއް ދިމާވާ ކަމެކެވެ. އޭގެ ސަބަބުން، ކަރަންޓު ބޭނުންކުރާ ސާމާނަށް ގެއްލުންތައް ލިބި، ވިޔަފާރިތަކަށް ވެސް ގެއްލުމާ ކުރިމަތިލާން ޖެހެއެވެ.

comment ކޮމެންޓް