ހުޅުލެއިން އަންނައިރު ވެހިކަލް ޓޯކޮށްފައި، މަހެއްވާއިރު އެއާޕޯޓުގެ ޕާކިން ޒޯން ނުހުޅުވޭ

ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ސައިކަލު ޕާކްކޮށްފައި: ހުޅުލޭގައި ޕާކް ނުކުރެވޭތީ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މާލޭގައި ޕާކް ކުރަން ޖެހި، އެ ސައިކަލުތައް ޓޯކުރާ މައްސަލަ ވަނީ ފެންމަތިވެފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މިނިވަން ދުވަހާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް ހުޅުވަން ތައްޔާރުކުރުމަށް ޓަކައި، ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުން މަނާކުރި ގޮތަށް އަދިވެސް ޕާކިންއަށް ހުއްދަ ނުދޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޖުލައި 26ގައި އައު ޓާމިނަލް ހުޅުވުމަށް، ހުޅުލޭގެ ޕާކިން ޒޯންތަކުގައި ޕާކު ކުރުން ވަގުތީ ގޮތުން މަނާކުރީ މިދިޔަ މަހުގެ 17އިގައެވެ.

އެ ޕާކިން ޒޯންތަކަކީ އެއާޕޯޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އެކި ބޭނުންތަކުގައި ވީއައިއޭއަށް ދާ ގިނަ އަދަދެއްގެ މީހުންގެ ކޮންމެ ދުވަހަކު ވެސް ބޭނުންކުރަމުން އައި ޒޯންތަކެވެ.

ކުލަގަދަ ހަފުލާއަކަށް ފަހު އައު ޓާމިނަލް ހުޅުވުމަށް ފަހު އަދިވެސް ޕާކިން ޒޯންތައް ނުހުޅުވާތީ، ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބައެއް މުވައްޒަފުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެ ކުންފުނީގެ މުވައްޒަފަކު "ސަން"އަށް ބުނިގޮތުގައި އާންމުކޮށް އެއާޕޯޓް މުވައްޒަފުންނާއި އެކި ބޭނުންތަކަށް އެއާޕޯޓަށް ދާ އާންމުން ސައިކަލާއި ކާރު ޕާކް ކުރަމުން އައި، އާ ޓާމިނަލް ކުރިމަތީ އޮންނަ ޕާކިން ޒޯން އަދިވެސް ހުޅުވާ ނުލައެވެ.

އެހެންކަމުން މިހާރު އެއާޕޯޓް މުވައްޒަފުން ޑިއުޓީއަށް ދަނީ ފެރީގައި ނުވަތަ ބަހުގައި ކަމަށް އޭނާ ބުންޏެވެ. އަދި ސައިކަލުގައި އަންނަ ނަމަ ޕާކު ކުރަން ދާން ޖެހެނީ ހައިވޭ މެދަކާ ހިސާބުގައި ހަދާފައި އޮންނަ ޕާކިން ޒޯނަށް ކަމަށާއި އެއަށްފަހު ޑިއުޓީ ކުރާ ސަރަހައްދަށް ދިޔުމަށް އަރަން ޖެހެނީ ބަހަކަށް ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އެއާޕޯޓަށް ދާ ބަސް ފުލްވެގެން ނޭރިއްޖެ ނަމަ ނުވަތަ ގަޑިއަށް ނޭރިއްޖެ ނަމަ ޓެކްސީއެއް ހޯދަން ޖެހޭ ކަމާއި، އެއީ 70 ނޫނީ 80 ރުފިޔާ ޚަރަދުވާ ކަމެއްކަން ފާހަގަކޮށްފައެވެ.

އޭނާ ވަނީ، އެއާޕޯޓު ހިންގާ މީހުންނަށް އެތަނަށް ދިޔުމަށް އެހާ ބުރަ އުފުލަން ޖެހިގެން ނުވާނެ ކަމަށް ބުނެފައެވެ.

އިތުރު މީހަކު ފޭސްބުކްގައި ބުނީ، އެއާޕޯޓުގައި ޕާކް ކުރެވެން ނެތުމުން ފެރީގައި ދާ މީހުންގެ ސައިކަލު ހެންވޭރު ފެރީ ޓާމިނަލް ކައިރީ ޕާކް ކުރަން ޖެހި، އެ ސަރަހައްދު ތޮއްޖެހޭ ކަމަށެވެ.

އެ ސަރަހައްދުން ސައިކަލުތަކެއް ޓޯކުރާ ވީޑީއޯއަކާއެކު އެ މީހާ ބުނެފައިވަނީ، ބައެއް މީހުން އެއާޕޯޓުގައި ވަޒީފާގައި ތިއްބައި ސައިކަލުތައް ޓޯކޮށްގެން ގެންދާ ކަމަށެވެ.

އޭގެފަހުން، އެއާޕޯޓުގައި މަސައްކަތް ކުރާ މީހަކު އެކްސްގައި ވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިެޓެޑް (އެމްއޭސީއެލް)އާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.

https://sun.mv/208639

އެމްއޭސީއެލްއިން އައު ޓާމިނަލް ހުޅުވުމާ ދިމާކޮށް އެއާޕޯޓުގެ ޓްރެފިކަށް ބަދަލުގެނެސްފައިވާއިރު، މި މައްސަލައިގެ އިތުރަށް ވެސް މިފަހުން އެއާޕޯޓުގެ ޓެކްސީ ކިއޫގައި އެތައް އިރަކު މަޑުކުރަންޖެހޭކަމުގެ ޝަކުވާ ބޮޑުވިއެވެ.

'ސަން'އިން ސުވާލުކުރުމުން އެމްއޭސީއެލްއިން އޭރު ބުނީ، ބާރުބޮޑު ވަގުތުތަކުގައި އަބަދުވެސް އެގޮތަށް ކިއޫ ބޮޑުވާކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް އެގޮތަށް ދިމާވަނީ ވަކި މަގެއް ބަންދުކޮށްގެނެއް ނޫން ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

https://sun.mv/209136

ނަމަވެސް އެކަން ހައްލުކުރުމުގެ ގޮތުން، ފިޔަވަޅު އަޅާނެ ކަމަށާއި، ޓެކްސީ ކިއޫ މެނޭޖްކުރުމަށް އެއާޕޯޓް ސެކިއުރިޓީ ހަރަކާތްތެރިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވީއައިއޭގެ އައު ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. އެ ޓާމިނަލް ހުޅުވުމަށް ޖުލައި 26ގައި ބޭއްވި ރަސްމިއްޔާތުގައި 19 ސަރަހައްދަކުން ހަވާ އަރުވާފައިވާއިރު އެއީ ދުނިޔޭގެ ރެކޯޑެކެވެ.

comment ކޮމެންޓް