ލިސާން: ވާހަކަ --

"އަހަރެން އޭނައާ ބައްދަލުކުރަން ދާނަން." ނާވީގެ އަޑަށް އާދަޔާ ޚިލާފް ޖޯޝެއް ވެރިވެގެން ދިޔައެވެ. "ރައާބިލް. އަހަރެން އޭނަ ހޯދާނަން."

"ކަލޭއަށް އެތަނަށް ވަދެވިދާނެ. އެކަމަކު އެތަނުން އޭނަ ހޯދާނީ ކިހިނެއް؟ އެތަނުގައި ތިބޭ ފާރަވެރިންނާ ސިފައިންގެ ކިބައިން ސުވާލުކޮށްގެން ނޫން ގޮތަކަށް އެއީ ކާކުކަމެއް ނޭނގޭނެއެއްނު. ކަލޭ ކުއްލިއަކަށް އޭނަ ހޯދަންފަށައިފިއްޔާ އެ މީހުން އެ ވާހަކަ ކަލޭގެ ބައްޕަ ނުވަތަ ކާފައާ ހަމަޔަށް ގެންގޮސްފިއްޔާ ދެން ކިހިނެއް ހަދާނީ؟" ދައިސަމް ސުވާލުކޮށްލިއެވެ. އެކަމާ މެދު ވިސްނައިލަން ނާވީއަށް މަޖުބޫރުވީ ދެނެވެ. ދުލުން ބުންޏަސް ކުރަން އެއީ ފަސޭހަކަމެއް ނޫންކަން އޭނާއަށް ރޭކާލީ އެވަގުތެވެ. އެހެންނަމަވެސް ނާވީ ހުރީ ދޫދޭގޮަތަކަށް ނޫނެވެ. ރަނީމްއަށްޓަކައި އޭނާ ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވާނެއެވެ. އޭނާއާ ރަނީމްގެ ގުޅުން ދަމަހައްޓަން ކުރެވެން އޮތް ކޮންމެ ކަމެއް އޭނާ ކުރާނެއެވެ.

އެކަން ދައިސަމްއަށް ވެސް އެނގެއެވެ. އޭނާ އެންމެ ކަންބޮޑުވާ ސަބަބަކީވެސް އެއީއެވެ. އެ ކަމުގެ ސަބަބުން ނުކުންނާނެ ނަތީޖާ މާ ރަނގަޅެއް ނުވާނެކަން އޭނާއަށް އެނގޭތީއެވެ.

"ނާވީ… ކަލެއަށް ކަމެއް ވެއްޖެނަމަ އަހަރެންވެސް ވަރަށް ދެރަވާނެ." ދައިސަމް ނާވީގެ ކައިރިއަށް ޖެހިލާ އޭނާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"އިރާދުކުރެއްވިއްޔާ އަހަންނަކަށް ކަމެއް ނުވާނެ. ދައިސަމް. އަހަންނަކަށް ނޭނގެ ކަލެއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް. ބަދަލުގައި ކަލޭ އަހަރެންގެ ކިބައިން ކޮންމެ ކަމަކަށް އެދުނަސް ހެޔޮ. އެކަމެއް އަހަރެން ހެޔޮ ހިތުން ކޮށްދޭނަން." ނާވީ ޝުކުރުވެރި ބެލުމަކުން ދައިސަމްއަށް ބަލައިލިއެވެ.

"އަވަސް އަރުވާލައިގެން އެއްވެސްކަމެއް ނުކުރާތީ. އެހެން ނޫނީ އެކަމުގެ ހިތިކަން ކަރުބުޑުގައި ލާކަށް މާގިނައިރެއް ނުނަގާނެ." ދައިސަމް ބުނެލިއެވެ. ނާވީ އެ ނަޞޭޙަތް ޤަބޫލުކުރީ އުފަލާއެކުގައި ހެޔޮހިތުންނެވެ. ސަބަބަކީ ދައިސަމްއަކީ އޭނާއަށް ހެޔޮ އެދޭ ރަޙްމަތްތެރިއަކަށް ވާތީއެވެ. އެ ގުޅުމަކީ އިއްޔެއަކު މިއަދަކު އުފެދުނު ގުޅުމެއް ނޫނެވެ. އެންމެ ކުރިން ފެށިގެން މިއަދާ ހަމައަށް ވެސް ދެމީހުން އުޅެމުން އައީ އެކު އެކީގައެވެ.

"އަހަރެން ކޮންމެ ކަމެއްވެސް ކުރާނީ ވަރަށް ވިސްނައިގެން. ބައްޕަ… ބައްޕައަށްވެސް ދެރަގޮތެއް ވާކަށް އަހަރެން ބޭނުމެއް ނުވޭ. އަހަރެން ބައްޕަ ދެކެވެސް ލޯބިވޭ… "

ނާވީ ހީވަނީ ހަދާނެ ގޮތް ހުސްވެފައިވާހެންނެވެ. އިތުރަށް ދެން ކަމެއް ވާން އޮތީ ރައާބިލްއާ ބައްދަލުވުމުންނެވެ.

"ދައިސަމް. އަހަންނަށް ވަރަށް ބޮޑު ކަމެއް ކޮށްދީބަލަ." ވިސްނަން ހުރުމަށްފަހު ނާވީ އެދުނެވެ.

"ކޮންކަމެއް؟" ނާވީ އެ ބުނަން އުޅެނީ ކޮންވާހަކައެއް ކަމާމެދު ދައިސަމްއަށް ޝައްކުވިއެވެ.

"ރަނީމް. ރަނީމްއަށް ބަލައިދީ. ނުރައްކަލެއް އޮތްތޯ ބަލާ އޭނަ ރައްކާތެރިކޮށްދީ. އަހަރެން މަސައްކަތް ކުރާނަން ރައާބިލްއާ ބެހޭ މައުލޫމާތެއް ލިބޭތޯ." ނާވީ ބުނެލިއެވެ. މިވަގުތަށް ދައިސަމް ނޫނީ އޭނާއަށް އިތުބާރުކުރެވޭ އެހެން މީހަކު ނެތެވެ. ކޮންމެ ގޮތަކުން ވެސް އޭނާ ރަނީމްގެ ރައްކާތެރިކަން ކަށަވަރުކުރަން އެބަ ޖެހެއެވެ.

"ނާވީ... އަހަރެން..." ދައިސަމް ޖެހިލުންވިއެވެ. އޭނާގެ މޫނުމައްޗަށް ވަގުތުން ނުތަނަވަސްކަމުގެ އަސަރުތައް ވެރިވެގެން ދިޔައެވެ. ކަންބޮޑުވެފައިވާ ނަޒަރަކުން ނާވީއަށް އޭނާ ބަލައިލިއެވެ.

"ހެޔޮނުވާނެ ދައިސަމް. ކަލޭ ނޫނީ އަހަންނަށް އިތުބާރުކުރެވޭ އެހެން މީހަކު ނެތް. އަދި އަހަންނަށް އެހީތެރިކަމެއްވެސް ފޯރުކޮށްދެވޭނީ ވެސް ހަމައެކަނި ކަލޭއަށް." ނާވީ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

"އެކަމަކު އަހަރެން... އަހަރެން ކިހިނެއް ކަލޭގެ ބައްޕައާ ކުރިމަތިލާނީ..." ދައިސަމް އޭނާގެ ކަންބޮޑުވުން ފާޅުކުރިއެވެ.

"ނުރައްކަލެއް ކުރިމަތިވާން އުޅޭހެން ހީވަންޏާ އަހަންނަށް ޚަބަރު ދީ." ވިސްނައިލުމަށްފަހު ނާވީ ބުންޏެވެ. "އިތުރު ގޮތެއް މި ވަގުތަކަށް ނެތް. އާދޭސްކުރަން ދައިސަމް."

"އެންމެ ރަނގަޅު." ދައިސަމް ބުނެލިއެވެ. ނާވީއަށްޓަކައި އެކަމަށް އެއްބަސްވި ނަމަވެސް އެކަން އިތުރު މީހަކަށް އެނގިއްޖެ ނަމަ ދެން ކަންތައް ވާނެ ގޮތް ލަފާ ކޮށްލާކަށްވެސް އޭނާއަކަށް ނޭނގެއެވެ. ކުރެވެން އުޅެނީ ރަނގަޅުކަމެއް ނޫނެވެ.

ނާވީ ދައިސަމްއަށްޓަކައި ވެސް ކަންބޮޑުވިއެވެ. ދައިސަމްއަށް ދެރައެއް ލިބޭކަށް އޭނާވެސް ނޭދެއެވެ. އޭނާގެ އެދުމަށް އެއްބަސްވެގެން، ދައިސަމް އެ ވައްޓާލަނީ އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށްކަން ނާވީއަށް އެނގެއެވެ.

"އަހަންނަކަށް ނޭނގެ ކަލޭއަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް." ނާވީއަށް ބުނެވުނެވެ. ދައިސަމް ނާވީގެ ކޮނޑުގައި ދެފަހަރަކު މަޑުމަޑުން ޖަހައިލިއެވެ. އަދި ބޯ ޖަހައިލިއެވެ.

"އަހަރެން ކަލޭއަށް އިތުބާރުކުރަން. އެހެންވެ މި ކަމަށް މި އެދެވުނީ." ނާވީ އަނެއްކާވެސް ވާހަކަދެއްކީ ޝުކުރުވެރި ބެލުމަކުން ދައިސަމްއަށް ބަލައިލަމުންނެވެ.

"ނާވީ. އަހަންނަކަށް ނޭނގެ މިކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއެއް. އަހަންނަކީ އާދައިގެ ޖިންނިއެއް. އެކަމަކުވެސް ތިކަންތައް އަހަރެން ކޮށްދޭނަން." ދައިސަމް ބުންޏެވެ.

"އަހަރެން ދަނީ..." ދައިސަމް އެހެން ބުނެލިއިރު އޭނާގެ ފެހިދެލޮލުގެ ވިދުން ގަދަވެލިއެވެ. އޭނާ ނާވީއަށް ފުރަގަސްދީފައި ދުއްވައިގަތުމާއެކު ،އަރައިގެން ދިޔަ އަލިކަމާއެކު ގެއްލިއްޖެއެވެ.

ފުންނޭވާއެއް ދޫކޮށްލާފަައި ނާވީ ވެސް އުދުހިގަތީއެވެ. ބިންގަރާހާ ކައިރިއަށް މަޑުކޮށްލުމަށްފަހު، ތަނުގައި ހަރަކާތްތެރިވަމުން ދިޔަ ފާރަވެރިންނަށް ނާވީ ބަލައިލިއެވެ. އެތަނަށް ވަނުމަކީ ފަސޭހަކަމެއް ނޫނެވެ. ދެން ނާވީގެ ލޮލުގައި އަޅައިގަތީ ބިންގަރާހުން ނުކުތް ނަމީރެވެ. ނަމީރު އޭނާގެ ކައިރީގައި ހުރި ސިފައިންގެ މީހާއަށް ބަލަައިލާފައި ކޮންމެވެސް އެއްޗެއް ބުނެލިއެވެ. އެއަށްފަހު މިސްރާބުޖެހީ ގަނޑުވަރާ ދިމާލަށެވެ. ރޭގަނޑުގެ އެވަގުތު، ބައްޕަ ބިންގަރާހަށް ދާނީ ބޮޑު ކަމެއް ވީމަކަން ނާވީއަށް އެނގެއެވެ. ތަނަށް ބަލައިލުމާއެކު، މިރޭ ބިންގަރާހަށް ވަނުމަކީ ރައްކާތެރި ކަމަކަށް ނުވާނެކަމުގައި ނާވީގެ ސިކުނޑި ބުނެލިއެވެ. އެހެން ނަމަވެސް، އޭނާ އެ ސަރަހައްދުގައި ވަށައިގެން އެތަކެއް އިރަކު އުޅުނެވެ. ބިންގަރާހަށް ވަދެވޭނެ ދިމާތައް ވެސް ބެލިއެވެ. އެކަމަކު މިރޭ އެއް ވެސް އަލިމަގެއް ނުފެނުނެވެ. އެންމެފަހުން އޭނާ ގަނޑުވަރާ ދިމާލަށް މިސްރާބުޖެހިއެވެ.

ގަނޑުވަރަށް ގޮސް ނާވީ ވަތްއިރު ޝައިޝްތާ އާއި ނަމީރާ ދެމީހުން ބޮޑުކޮޓަރީގައި ތިއްބެވެ. އޭނާ ފެނުމާއެކު އެ ދެމީހުން ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލަމުން ހިމޭންވެލިއެވެ. ނާވީ ނަމީރަށް ބަލަައިލުމާއެކު، ނަމީރު އެތަނުން ދާން ހިނގަައިގަތެވެ. ނަމީރުގެ ނުރުހުން ޝައިސްތާއަށް ވެސް ފާހަގަ ކުރެވުނެވެ. އޭނާ ނާވީއަށް ފުންކޮށް ބަލައިލިއެވެ. އޭރު ނާވީގެ މޫނު މަތިންވެސް ނުތަނަވަސްކަމުގެ އަސަރުތައް އޭނާއަށް ފެނިލި އެވެ.

"ބައްޕައަށް ކިހިނެއްވީ؟ ދަރިފުޅު އަނެއްކާ ބައްޕަ ހިތްހަމަ ނުޖެހޭ ގޮތަކަށް ކަމެއް ކުރީތަ؟" ޝައިސްތާއަށް ސުވާލުކޮށްލެވުނެވެ. ނާވީ ޚިޔާރުކުރީ ހިމޭންކަމެވެ. މަންމައަށް ދޮގު ހަދާކަށް އޭނާގެ ޒަމީރު ތަނެއް ނުދިނެވެ.

"ދަރިފުޅު މާ ގިނައިން ބޭރުގައި އުޅޭތީ ބައްޕަ ހިތްހަމަނުޖެހިފައި އެ ހުންނެވީ." ޝައިސްތާ ބުނެލިއެވެ. އޭނާ ނާވީއަށް ބަލަައިލިއެވެ. ނާވީ އޭނާގެ މަންމަގެ އަތް އުފުއްލައިލާފައި އެ އަތަށް ބޮސް ދިނެވެ. ހިތުގެ ހާލު ކިތަންމެ ވަރަކަށް މަންމައާއި ހިއްސާކުރަން ބޭނުންވި ނަމަވެސް އެހިތްވަރެއް ނާވީއަކަށް ނުލިބުނެވެ. އޭނާއަށް އިސްޖަހައިލެވުނީ އެހެންވެގެންނެވެ.

*****

ޖެހިގެން އައި ދުވަހެވެ. މަންމައަށް ކާންދީފައި ރަނީމް ނާވީ ގެނެސްދިން ބޭސް ދިނެވެ. އޭނާ ސަމްރާ ގާތު ބުނެފަައިވަނީ އެއީ ދިވެހި ބޭހެއް ކަމުގައެވެ. ރޭގައި ވެސް ބޭސް ދިން ފަހުން ހުންގަނޑު އެކީ މަޑުވިއެވެ. މިއަދުވެސް މަންމަ ބަލިކަމުން ރަނީމް އޮފީހަށް ދާ ޚިޔާލެއް ނުކުރެއެވެ. އޭނާ ގުޅާފައި އެކަން އަންގައިލުމަށްފަހު، އަވަސްވެގަތީ ގޭތެރެ ކުޑަކޮށް ފޮޅާ މޮޕްކޮށްލާށެވެ.

*****

ޝާރިފް އިނީ އޮފީހުގައެވެ. ރަނީމް އޮފީހަށް ނާންނާތީ އޭނާ ހީކުރީ ކުރީ ދުވަހުގެ ފަހުން އޭނާއާ ކުރިމަތިލާން އުނދަގޫވެގެން ރަނީމް އޮފީހަށް ނާންނަނީކަމުގައެވެ. އެކަމާ އޭނާ ކުޑަކޮށް ދެރަވެސް ވިއެވެ. ރަނީމްއާ އެކުވެރިކަން ބަދަހިކުރަން އޭނާ ބޭނުމެެވެ. ފަހަރުގައި އޭރުންވެސް ރަނީމްގެ ހިތުގައި އޭނާއާ މެދު އިޙްސާސްތަކެއް އުފެދިދާނެއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ކަންފަތުގައި ގުގުމައިލީ ރަނީމް ބުނެފައިވާ ޖުމްލަތަކެވެ. ރަނީމްގެ ޙަޔާތުގައި މީހަކު އެބަ ހުރިކަމުގައި ރަނީމް ބުންޏެވެ. އެކަން ޔަޤީން ކުރަން އޭނާ ބޭނުންވިއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ އިރުކޮޅަކު އެހެން އިނދެފައި ޝާރިފް ގޮނޑިން ތެދުވެލިއެވެ. އެއަށްފަހު ގޮސް ކެބިނުން ނުކުމެލިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ރަނީމްމެން މަސައްކަތްކުރާ ސެކްޝަނަށް އޭނާ ވަނެވެ. އޭރު އެތަނުގައި ހައިފާ އިނެވެ.

"ސާރ." ހައިފާއަށް ޝާރިފް ފެނުމާއެކު، ތެދުވިއެވެ. އަދި ސަލާމް ގޮވައިލިއެވެ. ސަލާމަށް ޖަވާބު ދީފައި ޝާރިފް ބަލައިލީ ރަނީމް އިން މޭޒަށެވެ.

"ރަނީމް..... ރަނީމް ބަލީތަ؟"ޝާރިފް ސުވާލުކޮށްލުމާއެކު. ހައިފާ ނޫނެކޭ ބުނެ ވެގެން އުޅޭ ގޮތް ޝާރިފްއަށް އޮޅުން ފިލުވައިދިނެވެ. އެއާއެކު ޝާރިފްވެސް އެހެން ހެއްޔޭ ކިޔާފައި، ދާންވެގެން އެނބުރިލިއެެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި މަޑުޖެހެމުން އަނެއްކާވެސް ހައިފާއަށް ބަލައިލިއެވެ.

"އަހަރެން ސުވާލެއް ކޮށްލަންތަ؟" ޝާރިފް އެންމެފަހުން އަހައިލިއެވެ. ހައިފާއަކީ ރަނީމްގެ އެންމެ ގާތް އެކުވެރިޔާއެވެ. ރަނީމް ކުއްޖަކާ ރައްޓެހިވެގެން އުޅެންޏާ ހައިފާއަށް އެނގޭނެއެވެ. ހައިފާ ބޯ ޖަހައިލުމާއެކު، އަނެއްކާވެސް ޝާރިފް ވާހަކަ ދައްކަން ފެށިއެވެ.

"ރަނީމް އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތަ؟" ޝާރިފްގެ ސުވާލާއެކު، ހައިފާއަށް ބުމަ އަރުވައިލެވުނެވެ.

"ކިހިނެއްވީ؟ ރަނީމް ބުނީތަ؟" ހައިފާއަށް އެހެން އަހައިލެވުނުއިރު، ޝާރިފްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކަށް އަވަސް ނަޒަރެއް ދެވުނެވެ. ރަނީމްއާ ޝާރިފްއާ މެދު ކޮންމެވެސް ވާހަކަތަކެއް ދެކެވުނުކަން އޭނާއަށް ޔަޤީންކުރެވުނު ހިނދު އެ ސުވާލަށް ދޭނެ ޖަވާބެއް ވެސް އޭނާއަކަށް ނޭނގުނެވެ.

"ހައިފާއަކަށް ނޭނގޭތަ؟" ޝާރިފްވެސް ރައްދުކޮށްލީ ސުވާލެކެވެ. އެވަގުތު އިތުރު ވާހަކަތަކެއް ނުދެކެވި އުޅެނިކޮށް، ޝާރިފްގެ ފޯނު ރިންގުވުމާއެކު، އެތަނުން ދާންވެގެން އެނބުރިލީ ފޯނުން ވާހަކަ ދައްކަމުންނެވެ. އޭނާ ގޮސް އެބައިން ނުކުމެލިއެވެ. އެ މަންޒަރު ބަލަން އިނދެފައި ހައިފާ މޭޒުމަތީގައި އޮތް ފޯނު ނަގާ ރަނީމްއަށް ގުޅައިލިއެވެ. ދެވަނަ ރިންގާއެކު ރަނީމް ފޯނު ނަގައިފިއެވެ.

"އޭތް. ރަނީމް. ބޮސް ކިހިނެއްވެގެން މިއުޅެނީ؟" ހައިފާ ސުވާލުކޮށްލިއެވެ.

"އޭނަ ކިހިނެއްވީ؟" ރަނީމް ވެސް ސުވާލުކޮށްލިއެވެ.

"ދެންމެ އައިސް، ބުނި ރަނީމް ކުއްޖަކާ ރައްޓެހިވެގެން ހޯ އުޅެނީ. ރަނީމް އޭނަ ކައިރީ އެހެން ބުނީތަ؟ މާ އުނދަގޫ ބޮޑުވީދޯ. ނޫނީ އަސްލުވެސް ރައްޓެހިވެގެން އުޅެނީތަ؟ އަހަރެން ކައިރީ ނުވެސް ބުނޭ." ހައިފާ ޝަކުވާ ކޮށްލިއެވެ. "ރަނީމް ބުނެބަ…"

"އަހަރެން ހަމަ އެހެން ބުނެލީ. ހައިއަށް އެނގެއެއްނު ބޮސްގެ ގޮތް. އަހަރެންގެ ހިތުގަ އޭނާއަށް އެއްވެސް ޝައުޤުވެރިކަމެއް ނެތޭ." ރަނީމް ބުނެލިއެވެ. އޭނާގެ އަޑުގައިވަނީ ޔަޤީންކަމެވެ. އޭނާ ނާވީގެ ވާހަކަ އިތުރު މީހެއްގެ ކައިރީގައި ބުނާކަށް ބޭނުމެއް ނޫނެވެ. ނާވީއާ އޭނާގެ ގުޅުން ރަނީމް ބާއްވަން ބޭނުންވަނީ ސިއްރެއްގެ ގޮތުގައެވެ.

"އަސްލު!." ހައިފާއަށް ބުނެވުނެވެ.

"އާނ. އެކަމް އޭނަ ކައިރީ ނުބުނާތި." ރަނީމް އެދުނެވެ. ހައިފާ އެކަމަށް އާބަސް ދިނެވެ.

*****

އެ ދުވަހު ގެއަށް ދިޔުމަށްފަހު ވެސް ޝާރިފްއަށް ވިސްނެމުން ދިޔައީ، ރަނީމްއާ މެދުގައެވެ. އެނދުމައްޗަށް ވެއްޓިގަތުމާއެކު، އޭނާ ސީލިންގަށް ނަަޒަރު ހުއްޓާލައިގެން އިރުކޮޅަކު އޮތެވެ. ރަނީމް އެހެން މީހެއްގެ ޙައްޤަކަށް ވާތަން ބަލަން އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ. ރަނީމް ވާން ޖެހޭނީ އޭނާގެ ޙައްޤަކަށެވެ. ކޮންމެ ގޮތަކުން ވެސް ރަނީމް ހާސިލް ކުރުމުގެ އެދުން އޭނާގެ ހިތުގައި ގަދަވާން ފެށިއެވެ. ކޮންމެ ފަދަ ދަރަޖައަކަށް ވެއްޓިގެންވެސް ރަނީމް އޭނާގެ މީހަކަށް ހެދުމަށް ޝާރިފް އަޒުމު ކަނޑައެޅިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު