މީގެ 11 މަސް ކުރިން ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމުތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅޭ ތަހްގީގުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ޤަބޫލުކުރާތީ ފުލުހުންނަށް ދައުވާކުރުމާ މެދު މަޝްވަރާކޮށްފިއެވެ.
ޒަކިއްޔާގެ ތަހުގީގާ ގުޅޭގޮތުން އެންއައިސީން ފުލުހުންނަށް ކުރާ ތުހުމަތުތަކަކީ ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލުތައް ހިންގުމާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ބޭނުންކުރުމާއި، އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމާއި، ގާނޫނު ހިންގުމަށާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމެވެ.
ޑިއުޓީ ޕްރޮސެކިއުޝަނަށް އެންއައިސީން މައްސަލަ ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހެވެ.
"ސަން"އިން ސުވާލުކުރުމުން ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ، ޒަކިއްޔާގެ މަރުގެ މައްސަލަ ތަހްގީގުކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަނަށް ގެނެސް ދައުވާކުރުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށާއި، މިހާރު ހުރި ހެކިތަކުން ދައުވާކުރެވޭ ވަރަށް ހެކި ހުރެއްޖެ ކަމަށްވާ ނަމަ، ދައުވާކުރުމަށް ނިންމާނެ ކަމަށެވެ.
"މިހާރު ދިރާސާކުރަމުންދަނީ މައްސަލަ، ދެން މައްސަލަ ސީރިއަސް މައްސަލައަކަށް ވާތީ ޕްރޮސެކިއުޓްކުރުމާ މެދު އަޅުގަނޑުމެން ވެސް ސީރިއަސް، މި ދެންނެވީ ހެކި ލިބިއްޖެ ހާލަތެއްގައި ހަމަ ދައުވާއާގެން ޕްރޮސީޑްކުރާނަން،" އޭނާ ވިދާޅުވިއެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެންބަރު މަހުގެ 10ވަނަ ދުވަހެވެ.
މި ނިމުނު ރޯދަމަހު، ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ފުލުހުންގެ އިސްވެރިންގެ ޓީމެއް ހޮޅުދުއަށް ގޮސްފައިވެއެވެ. އެ ކަމަށް އިޝާރާތްކޮށް އާއިލާއިން ބުނީ އެ ދަތުރުގައި ފުލުހުން އާއިލާއާ ބައްދަލުކުރި ކަމަށެވެ. އެ ބައްދަލުވުމުގައި ޒަކިއްޔާގެ މަރާއެކު، ދެން ޝައްކު އުފެދޭ އެންމެހާ މަރުތަކުގައި އޮޓޮޕްސީ ހަދާނެ ކަމަށް ފުލުހުން ބުނި ކަމަށް ވެސް އާއިލާއިން އޭރު ބުންޏެވެ.
އެކަމަކު އެއީ ކުރިން ވެސް އޮތް އުސޫލެއް ކަމަށާއި، މިދިޔަ އަހަރު ނެރުނު ނެޝަނަލް ސްޓޭންޑާޑް ފޯ ފޮރެންސިކް މެޑިކަލް ސާވިސަސް އިން މޯލްޑިވްސް" ގައި އެ ކަން ލިޔެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އާއިލާއިން ބުނީ، އެ އުސޫލު ކުރިން ވެސް އޮއްވައި، ޒަކިއްޔާގެ މަރުގެ މައްސަލައިގައި އޮޓޮޕްސީ ނުހެދީ ގަސްތުގައި، ހެކި ނައްތައިލައި ކަންކަން ފޮރުވަން ކަމަށެވެ.
މި މައްސަަލައިގައި އެމެރިކާގެ އެފްބީއައި ވެސް ބައިވެރިކުރިއެވެ. ނަމަވެސް ތަހުގީގުތަކުގެ މާ ބޮޑު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލައިގައި އޮޓޮޕްސީ ނަހަދައި ޒަކިއްޔާ ވަޅުލާން ނިންމުމުން އެ ރަށުގެ ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ސުވާލު އުފައްދައިފައެވެ. އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މީގެ ކުރިން އިހުސާން ވިދާޅުވީ، ގިނަ އަދަދެއްގެ އޮޓޯޕްސީތައް ހަދާފައިވާ ބޭރުގެ ޑޮކްޓަރަކު ޒަކިއްޔާގެ ހަށިގަނޑު ބެއްލެވި ކަމަށެވެ. ނަމަވެސް، އޮޓޮޕްސީ ނަހަދާ ދޫކޮށްލި ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިހުސާނު ވިދާޅުވިއެވެ.
ނިމުނު ޖުލައި މަހު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހޮޅުދުއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޒަކިއްޔާގެ އާއިލާ އާ ބައްދަލުކުރައްވާފައިވެއެވެ. އެ ބައްދަލުވުމުގައި ޒަކިއްޔާގެ އާއިލާއިން ވަނީ އޭނާގެ މަރުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، އިންސާފު ގާއިމްކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ރައީސްގެ އަރިހުގައި އެދިފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި، ޒަކިއްޔާގެ ބޭބެއެއް ކަމަށްވާ ހަސަން ވަހީދު "ސަން"އަށް ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި އާއިލާއިން ފާޅުކުރާ ކަންބޮޑުވުންތައް ސަރުކާރުން އަޑުނާހާ ކަމާއި، އެ މައްސަލައާ ގުޅިގެން އެތައް ސުވާލެއް އުފެދިފައިވާއިރު ކަމާ ގުޅޭ އިދާރާއަކުން ޖަވާބެއް ލިބިފައިނުވާކަން ރައީސާ ހިއްސާކުރި ކަމަށެވެ.
"އަޅުގަނޑުމެން އެދުނީ ފުރިހަމަ ތަހުގީގެއް ކޮށްދެއްވަން، އަޅުގަނޑުމެން ގަބޫލެއް ނުކުރަން ޒަކިއްޔާއަކީ އަމިއްލައަށް މަރުވި މީހެއް ކަމަކަށް. އެއީ އަދި އަދަށް ދާންދެން ވެސް މީހަކު ހައްޔަރުކުރީއެއް ނޫނޭ، މުޖުތަމައުގައި އެ މީހަކު ވާނެއޭ. އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ،" އޭނާ ބުންޏެވެ.
މީގެ އިތުރުން ޒަކިއްޔާއަށް އިންސާފު ހޯދައި ދިނުމަށް އެދި ގޮވާލައި މުޒާހަރާ ކުރުމުން ބައެއް މީހުން ހައްޔަރުކޮށް، މައްސަލަ ކޯޓަށް ވެސް ހުށަހަޅައިފައިވާތީ އެކަމާ ގުޅުންހުރި ކަންބޮޑުވުން ވެސް ހިއްސާކުރި ކަމަށް ހަސަން ވަހީދު ބުންޏެވެ.
ރައީސް ވަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ކަން ހިނގާދިޔަގޮތް ބެއްލެވުމަށާއި އިންސާފު ގާއިމު ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.