ކުރިއަށްއޮތް މަސްދުވަސް ތެރޭ އައްޑޫން، ރާއްޖޭން ބޭރަށް މަސް ބޭރުކުރެވޭ ގޮތް ހަދަނީ

ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ މަސައްކަތްތަކެއް: އައްޑޫން މަސް ބޭރުކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ރާވާފައިވާ ކަމަށް މިފްކޯއިން ބުނި -- ފޮޓޯ/ މިފްކޯ

ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭ ސީދާ އައްޑޫން, ރާއްޖެއިން ބޭރަށް މަސް ބޭރުކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ރާވާފައިވާ ކަމަށް، ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނެފިއެވެ.

މިރޭ ނެރުނު ބަޔާނެއްގައި މިފްކޯއިން ބުނީ، މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ގަންނަ މަހަށް ރާއްޖޭގައި ވެލިއު އެޑްކުރުމުގެ ގާބިލުކަން ކުރިއެރުވުމަކީ ދައުލަތާއި މިފްކޯގެ އަމާޒެއް ކަމަށެވެ.

އެގޮތުން، އައްޑޫން ގަންނަ މަސް ހުވަދު އަށް ނުގެންގޮސް ސީދާ އައްޑޫން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ފަށަން ރާވާފައިވާ ކަމަށާއި، އެ ސިޓީގައި މަހަށް ވެލިއު އެޑްކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭ ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް މިފްކޯއިން ބުންޏެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ އެންމެ ބޮޑު އެއް ސަބަބަކީ މަސް ރައްކާކުރާނެ ކޯލްޑް ސްޓޯރެޖު ކެޕޭސިޓީ ނެތުމާއި އެކަށީގެންވާ މިންވަރަކަށް މަސް ޕްރޮސެސްކުރެވޭނެ ފެސިލިޓީތައް ރާއްޖޭގައި ނެތުމެވެ.

އެހެންކަމުން ރާއްޖޭން އެހެން ގައުމުތަކަށް ރޯމަސް ބޭރުކުރެއެވެ. މިފަދައިން ބޭރުކުރާ މަސް އެ ގައުމުތަކުން ޕްރޮސެސްކޮށް ވިއްކައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އޭރު ވިދާޅުވީ، ރާއްޖޭން ބޭރުކުރާ މަސް ދުނިޔޭގެ އެކި ބާޒާރުތަކުގައި ވަރަށް އަގުބޮޑުކޮށް ވިއްކާ ކަމަށެވެ. ނަމަވެސް ރާއްޖެއަށް މަޖުބޫރުވެފައި އޮތީ ރޯ މެޓީރިއަލްގެ ގޮތުގައި މަސް ބޭރުކުރަން ކަމަށެވެ.

އެހެންވެ މަސް ބޭރުކޮށްގެން ރާއްޖެއަށް "ރަނގަޅު އަގެއް" ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ނުދަންނަވާނަން ހަމަ އަގެކޭ. ރަނގަޅު އަގެއް ނުލިބޭކަން އަޅުގަނޑުމެންނަށް މި އެނގެނީ. އެ މަސް ދިވެހިރާއްޖޭގެ އަގު އެއްކޮށްގެން އަޅުގަނޑުމެންނަށް ބޭރުކުރެވޭ ކަމަށްވަންޏާ އަޅުގަނޑުމެންނަށް، މަސް އެކްސްޕޯޓުކޮށްގެން ދިވެހިރާއްޖެއަށް މި ވައްދާ ބޭރު ފައިސާ އެތައް ގުނައެއް އިތުރު ކުރެވޭނެ،" ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ކޯލްޑް ސްޓޯރޭޖުތަކާއި ޕްރޮސެސިން ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން:

  • ޅ. ފެލިވަރުގެ ޕްރޮސެސިން ފެސިލިޓީއަށް 100 ޓަނު އިތުރުކުރާނެ
  • ފ. ނިލަންދޫގެ ޕްރޮސެސިން ފެސިލިޓީއަށް 100 ޓަނު އިތުރުކުރާނެ
  • ގދ. ފިޔޯރީގެ ޕްރޮސެސިން ފެސިލިޓީއަށް 100 ޓަނު އިތުރުކުރާނެ

މި މަސައްކަތް ނިމުމާއެކު ރާއްޖޭގައި މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ނުވަ ގުނަ އިތުރުވެގެންދާނެއެވެ.

ރާއްޖޭގައި މިހާރު ގާއިމްކުރެވިފައިވާ ކޯލްޑް ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 8،500 ޓަނެވެ. ސަރުކާރުގެ އަމާޒަކީ 25،000 ޓަނުގެ ކޯލްޑް ސްޓޯރޭޖު ރާއްޖޭގައި ގާއިމްކުރުމެވެ.

comment ކޮމެންޓް