ކައިވެންޏަށް ފަހު އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަހަރުތަކަކަށް ފަހު ކުޅޭ ބޮލީވުޑް ފިލްމުގެ ތަފުސީލު މި އަހަރުގެ ނޮވެންބަރު މަހު ތެރޭ އާއްމުންނަށް ގެނެސްދޭނެކަން އިއުލާނުކޮށްފިއެވެ.
ފިލްމު "ބާހޫބަލީ"އާއި "އާރްއާރްއާރް" ފަދަ ފިލްމުތައް ގެނެސްދިން ކުޅަދާނަ ތެލުގޫ ޑައިރެކްޓަރު ބާހޫބަލީގެ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިއަދު އާއްމުންނަށް ދައްކާލަމުން ބުނެފައިވަނީ ފިލްމާ ގުޅުންހުރި މައުލޫމާތުތައް ހާމަކުރަން ދެން މާ ގިނަ ދުވަހެއް ނެތް ކަމަށެވެ.
ފިލްމުގެ ނަމާއި ފިލްމުގައި އުޅޭ ކާސްޓުންގެ މައުލޫމާތުތައް ވެސް މިހާތަނަށް ސިއްރުކޮށްފައި އޮތުމަށް ފަހު ފިލްމުގެ ފަސްޓްލުކް އެކްޓަރު މަހޭޝް ބާބޫ ވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ.

ޕްރިޔަންކާ މުހިއްމު ރޯލްއިން ފެންނާނެ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ ފިލްމުގެ ފަސްޓް ލުކް ދައްކާލަދިން ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމީ ރިޕޯޓުތައް ބުނާގޮތުން ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުން ބަތަލާ ޕްރިޔަންކާއާ އެކު ލީޑް އެކްޓަރެއްގެ ގޮތުގައި ފެންނާނީ ތެލުގޫ އެކްޓަރު މަހޭޝް ބާބޫއެވެ. ޑައިރެކްޓަރު އެސްއެސް ރާޖާމޮލީ މިއަދު ސޯޝަލް މީޑިއާގައި ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ، މި ފިލްމުގެ މަސައްކަތް ފެށިތާ މިހާރު ދުވަސްކޮޅެއްވެފައިވާއިރު ފިލްމާ ގުޅޭ މައުލޫމާތު އެނގެން ބޭނުންވާ، ވަރަށް ގިނަ ބަޔަކު ތިބި ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެހެންނަމަވެސް، ފިލްމުގައި ގެނެސްދޭ ޕްލޮޓްގެ ގޮތުން އެ ވާހަކަތައް ސިނަމާއަށް ގެނައުމުގެ ކުރިން އާއްމުންނާ ހިއްސާކުރުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ގަބޫލުނުކުރާ ކަމަށް ރާޖާމޮލީ ވަނީ ބުނެފައެވެ.
އެހެންވެ، އެކްޓަރު މަހޭޝް ބާބޫ އަދި ރާޖާމޮލީގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން ކުޑަ އިންތިޒާރެއް ކުރުމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ އެދިފައެވެ. މި ފިލްމަކީ ރާޖާ މޮލީގެ ބައްޕައާއި ކުޅަދާނަ ސްކްރީން ލިޔުންތެރިޔާ ކޭވީ ވިޖަޔަންދުރަޕްރަސާދުގެ ތައްޔާރުކޮށްފައިވާ ސްކްރިޕްޓަކަށް އުފައްދާ ފިލްމެކެވެ.
ޕްރިޔަންކާއާއި މަހޭޝް އެކީގައި އަލަށް މަސައްކަތްކުރާ މި ފިލްމުގެ އިތުރުން ވެސް ބަތަލާ ބޮލީވުޑްގެ އިތުރު ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ޕްރިޔަންކާގެ ފަރާތުން އެކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ޕްރިޔަންކާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ދާދި ފަހުން އެމޭޒަން ޕްރައިމްގައި ޕްރީމިއާކޮށް ބޮޑު ތަރުހީބެއް ހޯދި ފިލްމު "ހެޑްސް އޮފް ސްޓޭޓް"އިންނެވެ.