މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައި، ދަރިވަރުން ސްކޫލަށް ނުކުންނަން ފަށައިފިއެވެ.
މިދިޔަ ބޮޑު ޗުއްޓީއަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހެވެ. އޭގެ ފަހުން މި އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓު ފޯމު ދިނީ މިދިޔަ މަހުގެ 24 ވަނަ ދުވަހެވެ.
އެހެންވެ، މިއަދު ދަރިވަރުން ދެވަނަ ޓާމްގެ ކިޔެވުން ފަށާފައިވަނީ 16 ދުވަހުގެ ޗުއްޓީއަކަށް ފަހެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ، މި އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 84،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ކަމަށެވެ. އެ ދަރިވަރުންނަށް ކިޔަވައިދޭން 11،000 އެއްހާ ޓީޗަރުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރެއިން، 10،000 އެއްހާ ޓީޗަރުން މަސައްކަތްކުރަނީ ސަރުކާރު ސްކޫލުތަކުގައެވެ.
އަހަރުގެ މެދުތެރެއިން ދިރާސީ އަހަރު ފަށާ ގޮތަށް މިދިޔަ ސަރުކާރުން ގެނައި ބަދަލު މި ސަރުކާރުން ވަނީ ކުރިން އޮތް ގޮތަށް ބަދަލުކޮށްފައެވެ. އެ ގޮތުން، އަންނަ ދިރާސީ އަހަރު ފަށާނީ ޖަނަވަރީ މަހެވެ. އަދި، މި އަހަރުގެ ދެވަނަ ޓާމު ޑިސެންބަރު 25 ގައި ނިންމައި، އެ މަހު 28 އިން ފެށިގެން ޖަނަވަރީ 22 އާ ހަމައަށް ބޮޑު ޗުއްޓީ ލިބޭނެއެވެ.