މިސްރުން އިސްރާއީލާ އެކު 35 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ގާހިރާ (10 އޮގަސްޓް 2025): އިސްރާއީލުން ބޮންއަޅައިގެންނާ އަދި ބަނޑަށް ޖައްސައިގެން ކޮންމެ ދުވަހަކު 80 އިން 90 އިން ޣައްޒާގެ ރައްޔިތުން މަރަމުން ގެންދާއިރު މިސްރުން އިސްރާއީލާ އެކު 35 ބިލިއަން އެމެރިކާ ޑޮލަރުގެ އިގުތިސާދީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ އިސްރާއީލުގެ ގޭސް މިސްރަށް އިންޕޯޓްކުރުމުގެ އެއްބަސްވުމެކެވެ. މިސްރުން އިސްރާއީލާ އެކު މި އެއްބަސްވުމުގައި ސޮއިކުރީ ދުނިޔޭގެ ގިނަ ގައުމުތަކަކުން އިސްރާއީލު ބޮއިކަޓްކޮށް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލަމުން ގެންދާ ދަނޑިވަޅެއްގައެވެ.

މިސްރު ސަރުކާރު ބުނާގޮތުން އިސްރާއީލާ އެކު ސޮއިކުރި މި އެއްބަސްވުމުގެ ސަބަބުން މިސްރަށް ކުރިމަތިވެފައިވާ ހަކަތައިގެ މައްސަލައަށް ހައްލު ލިބޭނެއެވެ. މިސްރަކީ ވެސް ގޭސް އުފައްދާ ގައުމެކެވެ. ނަމަވެސް، މިސްރަށް ބޭނުންވާ މިންވަރަށް ގޭސް ނުއުފެއްދޭތީ ހަކަތައިގެ ދަތިކަން މިސްރަށް ފޯރައެވެ. މިސްރު ބޭނުންނަމަ ގަތަރުން ވެސް ގޭސް ގަތުމުގެ ފުރުސަތު އޮތް ކަމަށްވެއެވެ.

އިސްރާއީލުން ގޭސް ގަތުމަކީ ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ އެކު ބަލިކަށިވަމުންދާ އިސްރާއީލުގެ އިގުތިސާދަށް އަލުން ތާޒާކަން ލިބޭނެ ކަމެކެވެ.

މި އެއްބަސްވުމަށް މިސްރުގެ އާންމުންގެ ތެރޭގައި ވެސް ކަންބޮޑުވުން އޮތްކަމަށް ޚަބަރުލިބެއެވެ. ނަމަވެސް، މިސްރަކީ އެ ގައުމުގެ ސަރުކާރުގެ އެއްވެސް އަމަލަކަށް ފާޑުކިޔުމުގެ އެއްވެސް ފުރުސަތެއް ރައްޔިތުންނަށް ދޭ ގައުމެއް ނޫނެވެ. ސަރުކާރާ ދެކޮޅަށް ބަސް ބުނެފިނަމަ ނޫނީ މުޒާހަރާކޮށްފިނަމަ އެކަންކުރާ ފަރާތްތަށް ހައްޔަރުކޮށް ދިގު މުއްދަތަކަށް ޖަލަށްލުން ފަދަ ބޮޑެތި އަދަބުތައް މިސްރުގައި ދެމުން ގެންދެއެވެ.

މިސްރުގެ ސަރުކާރަކީ އިސްރާއީލުން ޣައްޒާގެ ރައްޔިތުން ބަނޑައް ޖައްސާއިރު ވެސް އަދި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގާއިރު ވެސް އެކަން ކުށްވެރިކޮށްލުން ފިޔަވައި އިސްރާއީލާ ދެކޮޅަށް އެއްވެސް ކަމެއް ކުރާ ސަރުކާރެއް ނޫނެވެ. އަދި، މިސްރަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނާ ވެސް ވަރަށް ދެކޮޅު ގައުމެކެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި ޣައްޒާގައި އިސްރާއީލަށް ކާމިޔާބު ލިބުން ވެސް ފަލަސްތީނުގެ މުޖާހިދުންނަށް ކާމިޔާބު ލިބުމަށްވުރެ މިސްރުގެ މަސްލަހަތަށް ރަނގަޅުކަމަށް މިސްރު ސަރުކާރުން ދެކެއެވެ.

މިސްރަކީ ޣައްޒާގައި ވެރިކަންކުރާ އަދި މުޖާހިދުންގެ އެންމެ ބޮޑު ޖަމާއަތްކަމަށްވާ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ވެސް ސިފަކުރާ ގައުމެކެވެ. ހަމާސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި މިސްރުން ސިފަކުރަނީ އެ ޖަމާއަތަކީ އިސްލާމީ ސިޔާސީ ފިކުރެއް ކަމަށްވާ އިޚްވާނުލްމުސްލިމޫން ފިކުރުގެ ޖަމާއަތަކަށްވާތީއެވެ.

މިސްރަކީ އިސްލާމީ ސިޔާސީ ފިކުރެއްކަމަށްވާ އިޚްވާނުލްމުސްލިމޫންގެ ފިކުރު މުޅިން މަނާކޮށްފައިވާ ގައުމެކެވެ. އެ ފިކުރުގެ ބޭފުޅެއް ކަމަށްވާ ޑޮކްޓަރު މުހައްމަދު މުރުސީ ޑިމޮކްރެޓިކް އުސޫލުން ރައްޔިތުންގެ އިންތިޚާބަކުން މިސްރުގެ ރައީސްކަމަށް ވަޑައިގަތުމުން މިސްރުގެ އަސްކަރިއްޔާއިންވަނީ އަސްކަރީ ބަޣާވާތަކުން އޭނާގެ ވެރިކަން ވައްޓާލައި މިސްރުގެ އަސްކަރިއްޔާގެ ކޮންޓްރޯލް އޮންނަ ޚުދު މުޚްތާރު ވެރިކަމެއް މިސްރުގައި ގާއިމުކޮށްފައެވެ. މިކަން ކުރީ އެމެރިކާ އަޑީގައި އޮވެގެންކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

މިސްރުގެ މިހާރުގެ ރައީސް އަބްދުލްފައްތާހް އައްސީސީގެ ސަރުކާރުން ޑރ. މުރުސީ ޖަލަށްލުމުން މުރުސީ ވަނީ ޖަލުގައި އަވަހާރަވެފައެވެ. މުރުސީ އަވަހާރަވީ ޖަލުގައި އޭނާއަށް ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

comment ކޮމެންޓް