ސްކޮލާޝިޕަށް މި އަހަރު މިހާތަނަށް ކުރި ޚަރަދު 101.8 މިލިއަނަށް

ސްކޮލާޝިޕަށް މިއަހަރު މިހާތަނަށް ކުރި ޚަރަދު 101.8 މިލިއަނަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަހަރުގެ މިހާތަނަށް 101.8 މިލިއަން ރުފިޔާ ސްކޮލާޝިޕަށް ޚަރަދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ސްކޮލަޝިޕަށް ޚަރަދުކޮށްފައި ވަނީ، 350.9 މިލިއަން ރުފިޔާއެވެ. އެ މުއްދަތުގައި ފައިސާ ޚަރަދުކޮށްފައި ވަނީ، 268 ދަރިވަރަކަށެވެ.

މި އަހަރު ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 101.8 މިލިއަން ރުފިޔާ ސްކޮލާޝިޕަށް ޚަރަދުކޮށްފައި ވާއިރު، މިހާރު ސްކޮލާޝިޕްގެ ދަށުން 45 ދަރިވަރުން ތައުލީމު ހާސިލްކުރެއެވެ. އަދި މި އަހަރު ދަސްވެނިވެފައި ވަނީ 48 ދަރިވަރުންނެވެ.

ސަރުކާރުންދޭ ސްކޮލަޝިގެ ދަށުން ރާއްޖެ ހިމެނޭހެން 20 ގައުމަކުން ދަރިވަރުން ދަނީ ތައުލީމު ހާސިލްކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ މުޅި ޖުމުލަ 607 ދަރިވަރުންނެވެ.

ސަރުކާރުންދޭ ސްކޮލަޝިޕްގެ ދަށުން ބޭރުގައުމުތަކަށް ގޮސް ދަރިވަރުން ތައުލީމު ހާސިލްކުރާއިރު، ސަރުކާރުގެ ލޯން ސްކީމުން ވެސް ދަރިވަރުން ތައުލީމު ހާސިލްކުރެއެވެ.

އެގޮތުން މިދިޔަ މަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ލޯނުގެ ގޮތުގައި ދޫކުރި އަދަދުގެ ތަފާސްހިސާބުތައް ހާމަކޮށްފައެވެ.

https://sun.mv/208816

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 982 މިލިއަން ރުފިޔާ ވަނީ ސްޓޫޑެންޓް ލޯނަށް ދޫކޮށްފައެވެ. އެ މުއްދަތުގައި ލޯނު ދޫކުރީ 1،151 ދަރިވަރަކަށެވެ.

އޭގެ ތެރެއިން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 282.4 މިލިއަން ރުފިޔާ ވަނީ ލޯނުގެ ގޮތުގައި ދޫކޮށްފައެވެ. އެއީ 274 ދަރިވަރަކަށެވެ.

މި ދެ ސްކީމުގެ ދަށުން ކިޔަވަ ދަރިވަރުންނަށް ފައިސާ ފޮނުވުން ލަސްވުމުގެ ކަންބޮޑުވުން މިފަހުން ވަނީ ވަރަށް ބޮޑުވެފައެވެ.

އޭޕްރިލް މަހުގެ 30ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ, ސަރުކާރުގެ ލޯން ސްކީމާއި ސްކޮލާޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ބައެއް ފަހަރު ލަސްވާކަން ގަބޫލުކުރައްވައި ކަމަށާއި އެހެން ދިމާވަނީ ދަރިވަރުން ފޮނުވާ މައުލޫމާތު ފުރިހަމަނުވާތީ ކަމަށެވެ.

comment ކޮމެންޓް