ރައީސް އޮފީހުގެ ބޭނުމަށް، ތިން ދުވަހަށް މޯޅި ނުވެ ހުންނަ މާ ހޯދަން ބަޔަކު ހޯދަން ކުރި އިއުލާނު މިއަދު ބާތިލްކޮށްފިއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ރައީސް އޮފީހުން ކުރި އިއުލާނެއްގައިވަނީ އެ އޮފީހަށް ބޭނުންވާ، ތިރިކޮށް, އޯވަލް ޝޭޕަށް ހުންނަ މާ، ތިން ދުވަސް ވަންދެން މޯޅިނުވެ ހުންނަ ގޮތަށް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށެވެ.
ގެންނަ މާ ބޮނޑިއެއްގެ ދިގު މިނުގައި 18 އިންޗި ހުންނަން ޖެހޭއިރު، އެތަކެތި އެ އޮފީހަށް ގެންނަން ޖެހޭނީ ހަފުތާއަކު ދެ ދުވަހު ކަމަށާއި، އޭގެން ކޮންމެ ދުވަހަކު ހަ މާބޮނޑި ބޭނުންވާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.
އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 24 ވަނަ ދުވަހުގެ 10:00 އަށް އެ އޮފީހަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށް އޭރު ކުރި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް ރައީސް އޮފީހުން މިއަދު ބުނީ، އެ އޮފީހުން މާ ހޯދަން ކުރި އިއުލާނަށް ޝައުގުވެރިކަން ފާޅުކުރި ތިން ފަރާތުން ހާޒިރުވެފައިނުވާ ކަމަށާއި، އެހެންވެ އިއުލާނު ބާތިލްކުރަން ނިންމީ ކަމަށެވެ.
ރާއްޖޭގެ އޮފީސްތަކަށް ބަލާއިރު ރައީސް އޮފީހަކީ ވަރަށް ޒީނަތްތެރިކޮށް ބަލަހައްޓާތަނެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން އޮންނަ ގޮތަކީ އެއީއެވެ.