ފިއްލަދޫ މަގުތައް ތަރައްގީކުރަން 77 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކޮށްފި

ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސޮއިކުރުން-- ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ

ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރީ ޖުމުލަ 77.1 މިލިއަން ރުފިޔާއަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން ފިއްލަދޫގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށެވެ. އާރްޑީސީއާ މި މަޝްރޫއު ހަވާލުކުރީ ދެ އަހަރު ދުވަހުން ނިންމާށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޡީމެވެ.

މިނިސްޓްރީން ބުނީ، މި މަޝްރޫއަކީ ހއ. ފިއްލަދޫގެ ރައްޔިތުންނަށް ދިގު މުއްދަތަށް ފައިދާކުރަނިވި މަޝްރޫއެއް ކަމަށެވެ. މަގުތައް ތަރައްގީވުމުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދަތުރުފަތުރުކުރުމަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް