އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި އެންވީޑިއާއިން ޗައިނާގެ މާކެޓަށް އުފައްދާފައިވާ އެޗް20 ޗިޕްތަކަކީ އެ ގައުމަށް ސަލާމަތީ ގޮތުން ނުރައްކާތެރި ޗިޕްތަކެއް ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއާ ގުޅުން އޮންނަ ސޯޝަލް މީޑިއާ ޗެނަލަކުން ބުނެފިއެވެ.
އެ ޗިޕްތަކުގައި 'ބެކްޑޯ' ނުވަތަ ސިއްރު ދޮރާށިތަކެއް ހުރެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ އިތުރުން، އެއީ ޒަމާނީ ޓެކްނޮލޮޖީއަށް ފެތޭ ނުވަތަ ތިމާވެއްޓާ ރައްޓެހި ޗިޕްތަކެއް ނޫން ކަމަށްވެސް ޗައިނާގެ މީޑިއާއިން ތުހުމަތުކޮށްފައިވެއެވެ.
މި ތުހުމަތުތައް ކުރީ ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީއާ ގުޅުން އޮންނަ "ޔޫޔުއާން ތިއާން" ނަމަކަށް ކިޔާ ސޯޝަލް މީޑިއާ އެކައުންޓަކުން ވީޗެޓްގައި ޝާއިއުކުރި ލިޔުމެއްގައެވެ. އެ ލިޔުމުގައި ބުނެފައިވާ ގޮތުން، އެންވީޑިއާގެ ޗިޕްތަކުގައި ހާޑްވެއާ 'ބެކްޑޯ' އެއް ބޭނުންކޮށްގެން ދުރުން "ރިމޯޓް ޝަޓްޑައުން" ކުރުން ފަދަ ނުރައްކާތެރި ކަންކަން ކުރެވިދާނެއެވެ.
"އެއްވެސް ޗިޕެއް ތިމާވެއްޓާ ރައްޓެހި ނޫން ނަމަ، އަދި އެޑްވާންސްޑް ނޫން ނަމަ، އަދި ރައްކާތެރި ނޫން ނަމަ، ހަމަޔަގީނުންވެސް ބޭނުންކުރާ ފަރާތްތަކަށް އެ ޗިޕް ނުގަންނަން އިޚްތިޔާރު ލިބިގެންވެއެވެ،" ޔޫޔުއާން ތިއާންގެ ލިޔުން ނިންމާލަމުން ބުނެފައިވެއެވެ.
އެޗް20 ޗިޕްތަކަކީ، ޗައިނާއަށް އެންމެ އެޑްވާންސްޑް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕްތައް އެކްސްޕޯޓްކުރުން 2023 ވަނަ އަހަރުގެ ފަހުކޮޅު އެމެރިކާއިން މަނާކުރުމާ ގުޅިގެން، އެންވީޑިއާއިން ޗައިނާގެ މާކެޓަށް އުފެއްދި ޗިޕްތަކެކެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ، މީގެ ކުރިން ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވެސް މި ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ސައިބާސްޕޭސްއާ ބެހޭ އިދާރާއިން ވަނީ އެންވީޑިއާ ހާޒިރުކޮށް، އެޗް20 ޗިޕްތަކުގައި 'ބެކްޑޯ' ގެ ސަލާމަތީ ނުރައްކަލެއް އެބައޮތްތޯ ސާފުކުރުމަށް އެދިފައެވެ. އޭގެ ފަހުން އެންވީޑިއާއިން ވަނީ އެ ކުންފުނީގެ އުފެއްދުންތަކުގައި ދުރުން އެކްސެސް ވެވޭނެ ނުވަތަ ކޮންޓްރޯލް ކުރެވޭނެފަދަ އެއްވެސް 'ބެކްޑޯ'އެއް ނުހުންނަ ކަމުގެ ޔަގީންކަން ދީފައެވެ.
މީގެ އިތުރުން، ޗައިނާގެ ދައުލަތުގެ އިތުރު މީޑިއާއެއް ކަމަށްވާ "ޕީޕަލްސް ޑެއިލީ" އިންވެސް ވަނީ މިމަހުގެ ކުރީކޮޅު އެންވީޑިއާއަށް ފާޑުކިޔައި، މާކެޓްގެ އިތުބާރު އަލުން ހޯދުމަށް "ސަލާމަތީ ރައްކާތެރިކަން އެބައޮތްކަން ޔަގީންކޮށްދޭނެ ހެކިތަކެއް" ދެއްކުމަށް ގޮވާލާފައެވެ.
މި މައްސަލައާ ގުޅިގެން އެންވީޑިއާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.