އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުނިތަކުގެ ތެރޭގައި އުރީދޫއާއި ދިރާގު

އުރީދޫ ފިނޭންސް ޑިރެކްޓަރު ހުސައިން ޒަރީރު އެވޯޑާ ހަވާލުވެވަޑައިގަތުން -- ފޮޓޯ/ މީރާ

ފާއިތުވި 15 އަހަރުގެ ތެރޭގައި ދައުލަތަށް އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މީރާއިން "ރަން ފަނަރަ" އެވޯޑް ދީފިއެވެ.

މީރާއިން ރަން ފަނަރަ އެވޯޑް ދީފައިވަނީ އެ އޮތޯރިޓީގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ. އެ އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ އެ ހަފުލާގެ ޝަރަފުވެރި މެހެމާން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ދިރާގުން ރަން ފަނަރަ އެވޯޑާ ހަވާލުވެވަޑައިގަތުން -- ފޮޓޯ/ މީރާ

އެ އެވޯޑު ލިބުނީ:

  • ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ
  • ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު)
  • އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް
  • އިތާފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
  • ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  • ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  • މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
  • އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް
  • ގަތަރު އެއާވޭސް ގުރޫޕް
  • ރީތި ރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑް
  • ސްޓޭޓް ބޭންކް އޮފް އިންޑިއާ
  • ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް
  • ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް
  • ޔުނިވާސަލް އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑް
  • ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑް

އެ ކުންފުނިތަކަކީ ޖަނަވަރީ 1، 2011އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 30ގެ ނިޔަލަށް ޓެކްސްގެ ގޮތުގައި މީރާއަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކައިފައިވާ ކުންފުނިތަކެވެ.

ވިލާ ޝިޕިންގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް އެވޯޑާ ހަވާލުވެވަޑައިގަތުން -- ފޮޓޯ/ މީރާ

މީރާއިން އަމަލުކުރަމުންދާ އާންމު އުސޫލާ އެއްގޮތަށް ރަންފަނަރަ އެވޯޑް ދިނުމުގައިވެސް ބަލާނެ މިންގަނޑުތަކާއި އަމަލުކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައި އާންމުކޮށްފައެވެ. ނަމަވެސް އެވޯޑް ލިބުނު ކުންފުނިތަކުން ދައްކައިފައިވާ ފައިސާގެ އަދަދު މީރާއިން ހާމަކޮށްފައެއް ނުވެއެވެ.

ބީއެމްއެލްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް އެވޯޑާ ހަވާލުވެވަޑައިގަތުން -- ފޮޓޯ/ މީރާ

މީގެ އިތުރުން 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ހަފުލާގައި މީރާގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ މީހުންގެ އަގުވަޒަންކުރުމުގެ ގޮތުން، 10 އަހަރު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނާއި 15 އަހަރު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ޚާއްސަ އެވޯޑް ދީފައިވެއެވެ. އަދި ފާއިތުވީ އަހަރުގެ މީރާގެ 'ސްޓާފް އޮފް ދަ އިޔާ' ހޮވައި އެ މުވައްޒަފަށް ވެސް އެވޯޑު ދީފައިވެއެވެ.

comment ކޮމެންޓް